މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުފެތުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ ނުފެތުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ބުނީ ޚާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާ ނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ  އެ ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ޚިލާފުކަމެއް ކަމަށެވެ. އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް މި ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރާ ކަމަށެވެ.

އެހެންކަމުން، ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށާއި އަދި އިސްލާމްދީނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑާ ޚިލާފު މައުލޫމާތާ ޚަބަރު ނުފެތުރުމަށާއި އަދި ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ވަނީ ހަނދާންކޮށްދީފައެވެ.

ީގެ އިތުރުން، މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމާއި ފާޑުކިއުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެ ކައުންސިލުން ނުހަނު ބާރުއަޅާކަމެއް ކަމަށާއި ހަމަ އެހެންމެ، ލިބޭ މައުލޫމާތުތައް ކަށަވަރުކުރުމަށް ޓަކައި މީޑިއާތަކުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މައުލޫމާތެއް ހޯދުމަށް އެދޭ ހާލަތުތަކުގައި، ވީއެންމެއަވަހަކަށް އެކަމާ ގުޅޭ މަޢުލޫމާތު މީޑިއާތަކަށް ފޯރުކޮށްދިނުމަށް ވެސް އެ ކައުންސިލުން އިލްތިމާސް ކުރެއެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވީހިނދު، އެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ޙައްޤެއްކަމުގައި ވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް އެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.