ޕާކިސްތާނު ޝެފް ގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން މާދަމާ މެންދުރު 1 ޖަހާއިރު

ފޮޓޯ: ވަން އޮންލައިން

ހުޅުމާލޭ ހާންޖީ ރެސްޓޯރެންޓުގައި ބަންގްލަދޭޝްގެ ވެއިޓަރ މަރާލި، ޕާކިސްތާނު ޝެފް މުހައްމަދު އާބިދު ގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުން މާދަމާ މެންދުރު 1 ޖަހާއިރު ބޭއްވުމަށް ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.

ދައުލަތުން އޭނާގެ މައްޗަށް ކޮށްފައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ ހާންޖީ ރެސްޓޯރެންޓު ތެރޭގައި ވަޅިން ހަމަލާދީ އޭނާ މަރާލާފައިވަނީ އެތަނުގައި މަސައްކަތްކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އެއީ މި އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހު އެވެ.

ޕާކިސްތާނުގެ ޝެފް އާބިދުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މި ކުށުގެ އަދަބަކީ މަރުނަމަވެސް މަރުގެ އަދަބު ތަންފީޒު ކުރުމުގެ ކުރިން އެއްވެސް މަރުހަލާއެއްގައި، މަރާލާފައިވާ މީހާގެ ވާރިސުން، ކުށް ސާބިތުވާ މީހާގެ އަތުން ނުވަތަ އޭނާގެ އަސަބަތްތެރިންގެ އަތުން މަރުގެ ދިޔަ ހޯދައި، މަޢާފު ދީފިނަމަ، ނުވަތަ މަރުގެދިޔަ ހޯދުމަކާ ނުލައި މަޢާފު ދީފިނަމަ، މަރަށް މަރު ހިފުމަކާ ނުލައި އޭނާގެ މައްޗަށް ތައުޒީރީގޮތުން އުމުރަށް ޖަލަށް ލުމުގެ އަދަބު ކަނޑައަޅާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.