ރައީސް ސާލިހު މިލަދުންމަޑުލުގެ ދެބުރީގެ ދެ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލުގެ ދެބުރިއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާ ސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ، ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންނެވީ މިއަދުއެވެ.

އެމަނިކުފާނު މިދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ށ. ފުނަދޫއަށެވެ. އެއަށްފަހު ހޮޅުދޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މި ދެރަށުގެ ރަށުކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ހޮޅުދޫ މޭނާ ސްކޫލުގެ 75 ވަނަ އަހަރީ ދުވަހުގެ ހަނދާނީ މޮނިއުމަންޓު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.