އުއްމީދު - 7

(13 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަތުން ބީވެގެން ދާން މި އުޅެނީ ކޮން އެއްޗެއްކަން ހަމަ ހަގީގަތުގައިވެސް އެބަ ވިސްނޭ ހެއްޔެވެ؟ މި ދޮރާށިން ބޭރަށް އަހަރެން ނުނިކުތިއްޔާ އުޅެން ޖެހޭނީ ޖަހާންޒޭބާ ނުލައި ހެއްޔެވެ؟"

އޭނާ ކުރިއަށް ފިޔަވަޅެއް އަޅަން މަސައްކަތް ކޮށްލިއެވެ.

"އޭ ޢުއްމީދު ޢާލަމެވެ. ތިޔަ އުޅެނީ ކީއް ކުރަން ހެއްޔެވެ؟ ތިޔަ އަޅަން އުޅޭ ފިޔަވަޅު އަޅާއިރު ކަލޭގެ ބައްޕަ ދުނިޔޭގައި ހުރި ނަމަ އަމިއްލައަށް މަރުވެގަތީހެވެ. އެ ބައްޕަ ކަލޭގެ އަތުގައި ހިފައިގެން ހިނގަން ދަސްކޮށްދިނީ ދިމާއަށް ފެންނާން ހުންނަ ވަޅުގަނޑަށްވެސް ލޯ މަރައިލާފައި ފުންމައިލާށޭ ބުނެފައި ހެއްޔެވެ؟ ބައްޕަގެ ފިލާވަޅުގެ އަސަރު މިހައި އަވަހަށް ފިލައިގެން ދިޔައީ ހެއްޔެވެ؟"

އޭނާ ތުންފަތުގައި ދަތް އަޅައިލިއެވެ.

"އަހަންނަކަށް އެހެން މަގެއް ފެންނާކަށް ނެތެވެ. އަހަރެން އޭނާ ދެކެ ލޯބިވާ ވަރުން އޭނާޔާ ނުލައި ދިރިއުޅުމަކީ މިހާރަކު ކުރެވޭނޭ ކަމެއް ނޫނެވެ." އޭނާގެ ކޯތާފަތްމަތީން ތެތްތަކުމުގެ އިހުސާސް ކުރެވޭން ފަށައިފިއެވެ.

"މުސްލިމަކަށްވެ ހުރެމެ ތިޔަދަނީ އެކަހަލަ... އުއްމީދެވެ. އެފަދަ ކަމެއް ކޮށްފައި ﷲ ގެ ޙަޟްރަތުގައި ހުއްޓި ހުންނާން ކެރޭނެ ހެއްޔެވެ؟"

އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ ގައިގައި ހުރިހައި ވަރެއް ދޫވަމުންދާ ކަމުގައެވެ.

"ﷲ ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވެއެވެ. އަހަންނަށް ކުރިމަތިވެފައިވާ މަޖުބޫރީ ހާލަތުވެސް އެކަލާނގެ ދެނެވޮޑިގެން ވާނެއެވެ. އެހެންވީމާ އަހަންނަށް މައާފެއް ނުކުރައްވާނެ ހެއްޔެވެ؟" އޭނާ ގެންދިޔައީ އަޅަން އުޅޭ ފިޔަވަޅުގައި ނުބައެއް ނެތްކަން އަމިއްލަ ނަފުސަށް ސާބިތު ކޮށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

"ﷲ ކަލެއަށް މައާފު ނުކުރެއްވިއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟"

މި ފަހަރު ކުރެވުނީ ފައިގައި ވަރުގަދަ ކަސްތޮޅެއް އެޅުވިއްޖެ ކަމުގެ އިހުސާސެވެ.

"ތާހިރު ކަމަކީ ހަމައެކަނި ﷲ ގެ ޙަޟްރަތުން ލިބޭ ކަމެކެވެ." އޭނާގެ ހަނދާނަށް އައީ ބައްޕަ ކިޔައިދޭ އާޔަތެއްގެ މާނައެވެ.

"އަހަރެން ވީ ތާހިރުކަން ދޫކޮށްލައި ނަޖިހުގެ ތެރެއަށް ވަދެގަންނާން ހެއްޔެވެ؟ އެކަމަކު ﷲ އަހަރެންގެ މަޖުބޫރީ ހާލަތު ދެނެވޮޑިގެން ވާނެކަން ޔަގީނެވެ." ޒަމީރަށް ކުރެވެމުންދާ މަލާމާތާއެކުވެސް އޭނާ ގެންދިޔައީ ކޮންމެވެސް އުޒުރެއް ހޯދޭތޯ މަސައްކަތް ކުރަމުންނެވެ.

"އޭ އުއްމީދެވެ،. ކަލޭ ﷲ އަށް ބިރުވެތި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ނުލާހިކު ރަނގަޅަށް ފާފަ ފާހަގަކޮށް ދެނެގަނެވުމާއެކުވެސް އެކަމުގެ ތެރެއަށް ވަންނާން އުޅެނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ފިޔަވަޅެއް އަޅާފައިވެސް ﷲ މައާފު ކުރައްވައިފާނޭ ކަމަށް ހީ ކޮށްގެން އުޅެނީ ކީއްވެގެން ހެއްޔެވެ؟ ދީނުގައި އޮންނަނީ ހަމައެކަނި ދެމަގެކެވެ. އެއީ ހެޔޮ ކަމުގެ މަގާއި ނުބައި ކަމުގެ މަގެވެ. ފާފައިގެ މަގާއި ސަވާބުގެ މަގެވެ. ތިން ވަނަ މަގެއް ހޯދަން ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ ފާފަ ކުރުމުގެ ކުރިން ތިޔަ އުޅެނީ މައާފުވެސް ހޯދާށެވެ. އެހެން ހެދީމާ ފާފަ ހެޔޮ ކަމަށް ބަދަލު ވެގެން ހިނގައިދާނެ ހެއްޔެވެ؟"

އޭނާގެ ހާސްކަން ދިޔައީ ބޮޑު ވަމުންނެވެ. ކުރިމަތީގައި ހުރި ދޮރާށި މިހާރު ފެންނަނީ ވަރަށް ދުރުންނެވެ.

"އަހަރެން ހިމެނޭނީ އެކަހަލަ ކުދިންގެ ތެރޭގައި ހެއްޔެވެ؟ ހަށި ވިއްކާ އަންހެނަކާއި އަހަންނާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟ އެ ކުދިން އެ ކުރާ ކަމެއް ކުރަނީ ފައިސާއަށްޓަކައެވެ. އަހަރެން މި ކުރަނީ ލޯތްބަށްޓަކައެވެ."

އޭނާގެ ބޮލުގައި ރިއްސާން ފަށައިފިއެވެ.

"ލޯބީގެ ބަދަލުގައި މިފަދަ ބޮޑު ކަމެއް ކުރީމާ އަހަރެންގެ ވުޖޫދުގައި ބާކީ އޮންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭގެ ފަހުން ދީނެއް، ރައްބިއެއް، ރަސޫލެއް، އަޚްލާގީ މިންގަނޑެއް ނޯންނާނެއެވެ. އަހަރެންގެ ވުޖޫދު ބޭކާރުވެ އުވިގެން ހިނގައިދާނެއެވެ. ބައްޕަ މުޅި އުމުރު ދުވަސް ހޭދަކުރީ އަހަންނަށްޓަކައި ހެޔޮ ދުޢާ ކުރުމުގައެވެ. ދުޢާ ކޮށްފައި އަހަރެންގެ ގަޔަށް ނުފުމޭ ރެއެއް ނުދެއެވެ. އެ ހުރިހައި ހެޔޮ ކަމެއް އެއް ފަހަރުން އަނދަވަޅަކަށް ވައްޓައިލާން ވީ ހެއްޔެވެ؟ ފަސް ވަގުތު ނާޅައި ނަމާދުކޮށް ކުށް ފާފައިން ސަލާމަތް ކޮށްދެއްވުން އެދި ދުޢާ ކޮށްކޮށް ހުރެފައި މިހާރު މި ދަނީ ކޮން ދިމާއަކަށް ހެއްޔެވެ؟ ﷲ އަހަރެންގެ ހިތުގައި ސިއްކަ ޖެއްސެވީ ހެއްޔެވެ؟ އެހެންނޫނީ ދޮރާށިން ބޭރަށް ނުކުތުމާއެކު ސިއްކަ ޖައްސަވާނީ ހެއްޔެވެ؟"

އޭނާގެ ހިތަށް ބިރުވެރިކަން ވަދެއްޖެއެވެ. މުޅި މީހާ ކޮށްޓަކަށްލެވި ބަންދުވަމުންދާ ކަމުގައި ހީކުރެވޭނެ ފަށައިފިއެވެ.

"ބޭރުގައި އެހެރީ މުޅި ދުނިޔެއާއި ދުނިޔޭގައި ލެއްވިހައި އެއްޗަކަށްވުރެ ބޮޑަށް އޭނާ ލޯބިވާ މީހާއެވެ. އެތެރޭގައި އޮތީ ދިންނެވުމެވެ. އަމާންކަމާއި އީމާންކަމެވެ. ދޮރާށިން ބޭރަށް ނުކުތުމާއެކު ލޯބި ލިބިދާނެއެވެ. އެކަމަކު އީމާންކަން..."

އޭނާގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އޭނާ ދޮރާށްޓާ ދިމާއަށް ބަލައިލިއެވެ. އެޔަށް ފަހު އެނބުރި ދަނާލުގެ އިމާރާތާ ދިމާއަށް ބަލައިލިއެވެ.

"ލަދު ނުގަންނަ ނަމަ ހިތަށް އެރި ކަމެއް ކުރާށެވެ."

އޭނާގެ ބައްޕަ ކިޔައިދޭ ހަދީސެއް ކުއްލިއަކަށް އޭނާގެ ހަނދާނަށް އަތުވެއްޖެއެވެ.

އޭނާ އަނެއްކާވެސް ދޮރާށްޓާ ދިމާއަށް ބަލައިލިއެވެ. ފައިސަލާ ކޮށް ނިމުނީއެވެ. އޭނާ މަޑުމަޑުން ގޮސް އަނިދިރިކަން ވެރިވެފައި އޮތް ގޯތި ތެރޭގައި ހުރި ދިގު ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އެންމެ ފުރަތަމަ ބޮލުގައި ޖަހައިފައި ހުރި ދަތި ނައްޓައިލިއެވެ. ދަބަހުން ޓިޝޫއެއް ނެގުމަށް ފަހު ތުންފަތް ފޮހެލިއެވެ. އަތާއި ކަރުގައި ހުރި ގަހަނާ ބޭލުމަށް ފަހު ދަބަހަށް ލައިފިއެވެ. އަތުގައި އޮތް އެންގޭޖްމަންޓް އަނގޮޓިއަށް އެއް ފަހަރު ބަލައިލުމަށް ފަހު އެވެސް ބާލައިފިއެވެ.

އޭނާގެ ހަޔާތުގައި މިހައި އަނދިރި ރެއެއް އަދި ނާދެއެވެ. މިހައި ހިމޭން ރެއެއް ނާދެއެވެ. މިހައި ހާސްކަން ބޮޑު ރެއެއްވެސް ނާދެއެވެ. އެ ތާނގައި އިށީނދެގެން އިނދެވުނީ ކިހައި އިރެއް ވާންދެން ކަމެއް އޭނާއަކަށް ނޭނގެއެވެ. ލޮލަކުން ކަރުނައެއް ނާދެއެވެ. ދިރުމެއް ނެތެވެ. ދަނާލުގައި އުޅޭ ކުދިން ދޭތެރެ ދޭތެރެއިން ހިނގައިލާތަން ފެނެއެވެ. އަނދިރިކަން ދިޔައީ ބޮޑު ވަމުންނެވެ. މާ ގިނަ އިރުތަކެއް ނުވެ މުޅި ތަން ހިމޭން ވެއްޖެއެވެ. އޭނާ މަޑުމަޑުން ތެދުވެއްޖެއެވެ. ކޮޓަރިއާ ދިމާއަށް ދިއުމުގެ ބަދަލުގައި އޭނާ ހިނގައިގަތީ ދޮރާށްޓާ ދިމާއަށެވެ. ބޭރުގައި ޖަހާންޒޭބް ނުހުންނާނެކަން އޭނާއަށް އެނގެއެވެ. އަދި މީގެ ފަހުން އޭނާ ނާންނާނެކަންވެސް އެނގެއެވެ. ދޮރާށްޓާ ވަރަށް ކައިރިއަށް ގޮސް ބަލަހައްޓައިގެން ހުރެފައި އެނބުރި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

ޢަޤީލާ އޭނާއާ ދިމާއަށް ބަލައިލިއެވެ. އެ އައީ ކީއްކޮށްފައިކަން އެނގެއޭ ބުނާ ކަހަލަ ގޮތަކަށެވެ. ޢަޤީލާ ރުޅި އަންނާނެކަން އޭނާއަށް އެނގެއެވެ. އަދި އޭނާ އައުން ލަސް ވެގެން ޖަހާންޒޭބް ގުޅާނެކަމާއި ޢަޤީލާ އޭނާ ނުފެނިގެން ހޯދާނެކަންވެސް އެނގެއެވެ.

ޢަޤީލާ ކިޔަން އޮތް ފޮތާ ދިމާއަށް އަނެއްކާވެސް ނަޒަރު ހުއްޓައިލިއެވެ. މީގެ ފަހުން ކަލޭގެ މޫނަށްވެސް ބަލައިލާން ބޭނުމެއް ނޫނޭ ބުނާ ކަހަލައެވެ. އުއްމީދު ހެދުން ބަދަލުކޮށްގެން އޮށޯވެއްޖެއެވެ.

ފަތިސް ނަމާދުން އަވަދިވެގެން ދުޢާ ކުރަން އަތް އުފުލައިލެވުމާއެކު އޭނާގެ ހިތަށް އެރިއެވެ. މިހާރު ކުރަން އޮތީ ކޮން ދުޢާއެއް ހެއްޔެވެ؟ އެދެންވީ ކޮން ކަމަކަށް ހެއްޔެވެ؟ ހުރިހައި ކަމެއް ނިމި ޚަތިމު ވެއްޖެއެވެ. އޭނާ ދުޢާ ނުކޮށް ތެދުވެއްޖެއެވެ. އަނެއްކާވެސް ގޮސް އެނދަށް އަރައި އޮށޯވެއްޖެއެވެ. އޮފީހަށް ދާން ތައްޔާރު ވާކަށެއްވެސް ނޫޅެއެވެ.

އާދައިގެ މަތީން ޢަޤީލާ ތެދުވެ އޮފީހަށް ދާން ތައްޔާރުވާން ފެއްޓީ އަށެއް ޖެހީމައެވެ. ހޭލި އިރު އުއްމީދު ހޭލައި އިންދައި ފެނުނީމާވެސް އަނގަޔަކުން ނުބުންޏެވެ. ޢަޤީލާ އޮފީހަށް ދިޔައީމާ އުއްމީދު އޭނާގެ އަތުގައި ހުރި ޖަހާންޒޭބްގެ ސިޓީބޮނޑި ނަގައިފިއެވެ. އެއީ ފާއިތުވި ނުވަ އަހަރުގެ ތެރޭގައި އޭނާއަށް ލިބުނު ސިޓީއެވެ. ކޮޓަރީގައި ހުރި ހީޓަރު ޖައްސައިގެން ހުރިހައި ސިޓީއަކާއި ކާޑެއް އަންދައި އަޅިއަށް ހަދައިފިއެވެ. އަޅި ފުންޏަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށް ފަހު ކޮޓަރި ތެރެ ރަނގަޅަށް ސާފުކޮށްފިއެވެ.

* * *

ދެ ދުވަސް ހިމޭންކަމާއެކު ފާއިތު ވެގެން ހިނގައްޖެއެވެ. ޢަޤީލާއާއި އޭނާއާ ދެމެދު އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ތިން ވަނައަށް ވީ ދުވަހުގެ އިރުއޮއްސުނުތަނާ ޢަޤީލާ އޭނާއަށް ފޯނު ފޯރުކޮށްލިއެވެ.

"އުއްމީދުގެ މަންމަގެ ފޯނެއް."

އަނގައިވެސް ނުބުނެ އުއްމީދު ފޯނު އަތުލައިފިއެވެ. މަންމަ ރޮނީއެވެ. "ޖަހާންޒޭބްގެ ގޭ މީހުން ގުޅާފައި އެންގޭޖްމަންޓް ރޫޅައިލީ ވާހަކަ ބުނެފި. ދަރިފުޅާ އިންނާކަށް ޖަހާންޒޭބް ބޭނުމެއް ނުވޭ. ދަރިފުޅު ކަހަލަ އަނތްބަކު އޭނާ ބޭނުމެއް ނުވޭ. އޭނާ ބުނީ ދަރިފުޅަށް ޝަރުތުތަކެއް ހުށަހެޅީމޭ. ދަރިފުޅު އެ ޝަރުތުތަކެއް ގަބޫލެއް ނުކުރިއޭ. އެހެންވީމާ އިންނާކަށް ބޭނުމެއް ނޫނޭ."

އޭނާ އަނގައިވެސް ނުބުނެ ފޯނު ކަނޑައިލައިފިއެވެ. އެ ލިބުނު ޚަބަރަކީ ކޮބައިކަން ޢަޤީލާއަށް އެނގިއްޖެއެވެ. އެހެންވީމާ ފޯނު އަތުލަމުން މަޑުމަޑުން އަހައިފިއެވެ. "ތިޔަ އުސޫލުގެ މަތީގައި ހުރީމާ ލިބުނު އެއްޗަކީ ކޮބާ؟"

އުއްމީދު އަނގައިން ނުބުނެ ޢަޤީލާގެ މޫނަށް ބަލައިލިއެވެ.

"އުއްމީދު ތިޔަ ކުރި ކަމެއް އެނގޭތަ؟ އަމިއްލަ ނަފުސަށާއި ގޭ މީހުންނަށާއި ޖަހާންޒޭބަށް އަނިޔާވެރިވީ."

ދެންވެސް އޭނާ އަނގަޔަކުން ނުބުނެއެވެ.

"ދެ ހަފުތާ ފަހުން ދެމީހުންގެ ކާވެނި ކުރާ ގޮތަށް އޮތީ ހަމަޖެހި ނިމިފައި. އެކަމަކު މިހާރު... އުއްމީދުގެ ކާވެނި ނުކުރެވުނީ ކީއްވެގެންނޭ މިތާގައި އުޅޭ ކުދިން ގާތު އުއްމީދު ބުނާނީ ކިހިނެއް؟ ރާވަލްޕިންޑީގައި ތިބި މަންމަމެން އެމީހުންގެ ގާތް މީސްމީހުން ގާތު ބުނާނީ ކީކޭ؟ ކާވެނީގެ ތާރީޚަށް ދާންދެން ކަނޑައަޅައި ނިންމުމަށް ފަހު ހުއްޓައިލީ ސަބަބު ކިޔައި ދެވޭނެތަ؟ އަޑުއަހާ މީހުން ބުނާނީ ފިރިހެން ކުއްޖާ ކާވެންޏަށް އިންކާރު ކުރާނީ އަންހެން ކުއްޖާގެ ކިބައިގައި ކޮންމެވެސް އުނިކަމެއް ހުރެގެންނޭ. މަންމަމެން މިހާރު އުޅޭނޭ ދަތި ހާލު އިހުސާސް ކުރެވޭތަ؟ ދެން އެއް އަތުގައި އަޚްލާގު އަނެއް އަތުގައި ދީން ބާއްވައިގެން މުޅި އުމުރު ދުވަހު ހިނގަހިނގައި ހުރޭ. އަހަންނަށް ކިޔައިދިން އާޔަތާއި ހަދީސާ މީސްމީހުނަށް ކިޔައިދެމުން ދުވޭ. އުއްމީދުގެ ވާހަކަ ގަބޫލުކުރަނީ ކިތައް މީހުންތޯ ބަލައިލާ. އުއްމީދުގެ ނަމާދާއި އަބުރުވެރިކަމަކުން ނިތްކުރީގައި ސިއްކައެއް ނުޖަހާނެ. މީސްމީހުން އުއްމީދާ މެދު ދެކޭނީ އެހެން އަންހެން ކުދިންނާ މެދުވެސް ދެކޭ ގޮތަށް. ނަސީބުގައި އޮތް އެއްޗެއްގައި ތިޔަހަރީ ކޮޅިފައިން ޖަހާފައި. ދެން ބާކީ އޮތީ ކޮން ކަމެއް؟"

ޢަޤީލާ ދިޔައީ ހަރުކަށި ކަމާއެކު އަމުނަމުންނެވެ. އުއްމީދު އެތައް އިރެއް ވާންދެން އެ ވާހަކަތައް އަޑު އަހާން އިނެވެ. އެޔަށް ފަހު ރޯން ފަށައިފިއެވެ.

އެރޭ ދެދަން އޭނާ ހޭދަކުރީ ބާރަށް ރުއިމުގައެވެ. އޭނާގެ އަޑު ބޭރަށް އިވިގެން މީހަކު އަތުވެދާނެތީ ޢަޤީލާ ހުރީ ލަވަ ޖަހައިފައެވެ. އުއްމީދުގެ ރުއިން ހުއްޓުވާން މަސައްކަތް ކުރަމުން ގޮސް އެންމެ ފަހުން އޭނާއަށްވެސް ރޮވިއްޖެއެވެ. ރުއިމުގެ ތެރޭގައި ބައެއް ފަހަރު ޖަހާންޒޭބަށް ގޮވައެވެ. ބައެއް ފަހަރު ގޮވަނީ އޭނާގެ ބައްޕައަށެވެ. ދޭއް ޖެހި ފަހުން އުއްމީދަށް ނިދުނީ ޢަޤީލާ ދިން ނިދާބޭސް ކައިގެންނެވެ.

އެ ރޭގެ ފަހުންވެސް އޭނާ ރޭގަނޑު އެނދުގައި އޮވެގެން ރޮއެވެ. އެކަމަކު ޢަޤީލާއަށް އެކަން އެނގުނަކަ ނުދެއެވެ. ދެތިން ހަތަރު ރޭ ނިދާބޭސް ކެއި ފަހުން މަޑުމަޑުން ހަމައަކަށް އެޅިއްޖެއެވެ.

ދެވަނަ ބާބު

އޭގެ ފަހުން ވީ ކަންތައްތަކެއް އޭނާގެ ހަނދާނަކު ނެތެވެ. ދުނިޔޭގައި އުޅެމެ އޭނާ ވަނީ ދުނިޔެއާ ވަކިވެފައެވެ. މިހާރު އޭނާގެ ހަނދާނުގައި ހުންނަނީ ހެނދުނު އޮފީހަށް ދާށާއި އޮފީހުން ނިމިގެން ޓިއުޝަން ދޭން ދާށާއި އެނބުރި ދަނާލަށް އައިސް ނިދާށެވެ. އެހެން ހުރިހައި ކަމެއް އޭނާގެ ސިކުނޑިން ފޮހެވިގެން ހިނގައްޖެ ކަހަލައެވެ. ދަނާލުން ބޭރަށް ނުދާތީ އެހެން ކުދިން އެ ވާހަކަ ދައްކައެވެ. ދަނާލު ބަލަހައްޓާ މީހާގެ ހިތުގައިވެސް އޭނާގެ މައްޗަށް ހަމްދަރުދީ އުފެދިއްޖެއެވެ. އެކަމަކުވެސް އޭނާ އެނބުރި އައިސް ވަނުމަށް ފަހު އަނެއް ދުވަހު ހެނދުނު އޮފީހަށް ދާން ނޫނީ އެތަނަކުން ނުނުކުމެއެވެ.

އުއްމީދު މިހާރު އަބަދު ކަހަލަ ގޮތަކަށް ހުންނަނީ ހިމޭނުންނެވެ. ކަންތައްތަކާމެދު އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. ލޯގަނޑުން އަމިއްލަ ސިފަ ބަލައިލުންވެސް ހުއްޓައިލައިފިއެވެ. ލޯގަނޑު ކުރިމައްޗަށް އަރާނޭ ހިތްވަރެއްވެސް އޭނާގެ ކިބަޔަކު ނެތެވެ.

އޭނާ ގަވާއިދުން ނަމާދު ކުރެއެވެ. އެކަމަކު އެއްވެސް ދުޢާއެއް ނުކުރެއެވެ. މަގުމަތީގައި ހިނގައިފައި ދާއިރު އޭނާއަށް ހަތަރު ފަރާތުންމެ ފެންނަނީ ޖަހާންޒޭބެވެ. އެންމެ ފަހުން އެކަން ބޮޑު ވަމުން ގޮސް މަގުމަތި ނޫން ތަންތަނުންވެސް ފެންނާން ފަށައިފިއެވެ. އޭނާއަށް ހީކުރެވެނީ ޖަހާންޒޭބް އަބަދުވެސް އޭނާގެ ގާތުގައި އެބަހުރި ކަމުގައެވެ. ރޭގަނޑު ނިދޭ އިރުވެސް އޭނާގެ ކުރިމަތީގައި އެނބުރެނީ ޖަހާންޒޭބެވެ. ފަތިހު ހޭލެވުމާއެކު އެންމެ ފުރަތަމަ ފެންނަ ސިފައަކީވެސް އެއީއެވެ. ބައެއް ދުވަސް ދުވަހު ކާން ގޮސް އިންނައިރު އެހެން ކުދިން އޭނާގެ ވާހަކަދައްކާ އަޑު އިވެއެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.