ފީއަލީ ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސް އަރިހުގައި ދަންނަވައިފި

ފީއަލީ ސްކޫލްގެ ސައިންސް ލެބް އެޅުމުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސް އަރިހުގައި ދަންނަވައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ފީއަލި ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިހުގައި އެ މަސައްކަތް އަވަސްކޮށްދިނުމަށް ދެންނެވީ ކައުންސިލާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލު ކުރެއްވުމުގައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި ވޭތުވެދިޔަ މަދު ދުވަސްކޮޅު ތެރޭގައި މި ސަރުކާރުން ފީއައްޔަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާކަން ފާހަގަކޮށް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި މި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފީއަލި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ހުރި ބައެއް ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މިގޮތުން ކައުންސިލުން ވަނީ ފީއަލީގެ ބިންހިއްކުމުގެ މަޝްރޫޢޫއާއި ޞިއްޙީ މަރުކަޒުގެ މަޝްރޫޢު އަދި އެރަށު ވޮލީކޯޓުގެ މަޝްރޫޢު އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ.

މީގެ އިތުރުން ވެސް ރަށު ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް ބޭނުންވާ ކަމަށާއި ފީއަލި ރައްޔިތުން ދަތުރުދާނެ ރަށެއް ބޭނުންވާ ކަމަށް ވެސް ދަންނަވާފައެވެ. އަދި އައިސް ޕްލާންޓްއެއް ބެހެއްޓި ނަމަވެސް ބަނދަރު ކުޑަވުމުން އައިސް ޕްލާންޓް ބޭނުންކުރުމަށް ދަތިތަކެއް ފާހަގަކުރެވިފައިވާތީ، އައިސް ޖެޓީއެއް ޤާއިމްކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަށުގެ އާބާދީއާ އެކަށޭނަ މިސްކިތަކާއި ޕޮލިސް ޕޯސްޓެއް ނެތުމުން ދިމާވާ ދަތިތަކާއި ޞިއްޙީ މަރުކަޒަށް ބޭނުންވާ ބައެއް ސާމާނު ލިބުމުގައި ހުރި ބައެއް ދަތިތައް ވެސް ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެ ކޮމިޓީގެ ފަރާތުން ހިންގަން ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ޖާގައިގެ ދަތިކަމާއި، ބަޖެޓުގެ ދަތިކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްކުރިޔަށް ގެންދިޔުމުގައި ކައުންސިލްތަކާއި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާލިބުމަކީ ރަށްރަށް ތަރައްޤީކުރުމުގައި ސަރުކާރަށް ލިބިގެންދާ އިތުރު ފަސޭހައެއްކަމުގައި ވިދާޅުވެފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެދެވޭ ޙައްލުތަކެއް ހޯއްދަވައިދެއްވާނެކަމުގައި ރައީސް ސާލިހު ވަނީ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.