އިސްރާއީލުގެ މިސައިލް ހަމަލާއެއްގައި ދިމިޝްޤް އެއާޕޯޓަށް ބޮޑެތި ގެއްލުންތަކެއް

ސީރިޔާގެ ގައުމީ އެއާލައިން ސީރިޔަން އެއާގެ މަތިންދާބޯޓެއް ޑަމަސްކަސް އިންޓަނޭޝަނަލް އެއާޕޯޓުގައި

އިސްރާއީލުން ދިން މިސައިލް ހަމަލާއަކުން ސީރިޔާ (ސޫރިޔާ) ވެރިރަށް ދިމިޝްޤު (ޑަމަސްކަސް) ގައި އޮންނަ ޑަމަސްކަސް އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑުތި ގެއްލުންތަކެއް ލިބި ވައިގެ ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެއެވެ. ބުނެވޭ ގޮތުގައި އިސްރާއީލުގެ މި މިސައިލް ހަމަލާއަކީ ދިމިޝްގެ ދެކުނު ހިސާބަކަށް އުފުލަމުން ދިޔަ އީރާނުގެ ހަތިޔުތަކަކަށް ދިން ހަމަލާއެކެވެ. އީރާނުގެ ބާރު ސީރިޔާގެ ސަރަހައްދުތަކުގައި އީރާނުގެ ބާރު ގަދަވިޔަ ނުދިނުމަށް އިސްރާއީލުން ދަނީ ދޭތެރެ ދޭތެރޭން ސީރިޔާގެ ތަންތަނަށް ހަމަލާދެމުންނެވެ.

"އިސްރާއީލުގެ އުދުވާނުގެ ނަތީޖާއެއްގެ ގޮތުން ވަކި ގޮތަކަށް އަންގަންދެން (ޑަމަސްކަސް އިންޓަނޭޝަނަލް އެއާޕޯޓަށް) މަތިންދާބޯޓު ޖެއްސުމާއި ފުރުން ވަނީ މެދުކަނޑާލާފައި. އެއީ، (މިހަމަލާގައި) އެއާޕޯޓުގެ ރަންވޭތަކުގެ އެކި ހިސާބަށާއި، ނެވިގޭޝަން ބައްތިތަކުގެ އިތުރަށް، ޓާމިނަލަށްވެސް ގެއްލުން ލިބިފައިވާތީ." ސީރިޔާގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލާދީ ސީރިޔާގެ ޚަބަރުފަތުރާ އެޖެންސީ 'ސަނާ' އިން ބުނެފައި ވެއެވެ.

2011 ވަނަ އަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށި، އީރާނު އެ ހަނގުރާމައިގެ ތެރެއަށް ވަން  ފަހުން އިސްރާއީލުން ސީރިޔާގެ ސަރަހައްދުތަކަށް އެތައް ސަތޭކަ މިސައިލް ހަމަލާއަކާއި، ވައިގެ ހަމަލާއެއް ދީފައި ވެއެވެ. އެހެންނަމަވެސް، އެއާޕޯޓު ބަންދުކުރަން ޖެހުން ފަދަ ކަމެއް މީގެ ކުރިން ހިނގާފައި ނުވެއެވެ.

"ވައިގެ ދަތުރުފަތުރާބެހޭ ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތަކުން މިދަނީ ލިބިފައިވާ ބޮޑު ގެލުން މަރާމާތުކުރުމުގެ މަސައްކަތް ކުރަމުން." މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސްއިން ބުނިގޮތުގައި އިސްރާއީލުން ހަމަލާދީފައިވަނީ އީރާނަށް ތާއީދުކުރާ ޙިޒްބުﷲ ހަނގުރާމަވެރިން ތިބި ސަރަހައްދަކަށާއި، ސީރިޔާގެ ވައިގެ ސިފައިންގެ އެއާ ޑިފެންސް ސިސްޓަމްތަކަކަށެވެ. އަދި މިހަމަލާގައި ދިމިޝްޤް އެއާޕޯޓުގައި މިހާރު ބޭނުންކުރާ ހަމައެކަނި ރަންވޭއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޮބްޒަވޭޓަރީން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި އީރާނަށް ތާއީދުކުރާ ޖަމާއަތެއްގެ ހަތިޔާރު ގުދަންތަކަކަށް 2021 ވަނަ އަހަރު އިސްރާއީލުން ދިން ހަމަލާއެއްގައި އެއާޕޯޓުގެ އަނެއް ރަންވޭ އޮތީ ހަލާކުވެފައެވެ.

ސީރިޔާ ސަރުކާރުގެ ބައެއް މަސްދަރުތަކުން ޚަބަރު ދޭގޮތުގައި އެއާޕޯޓަށް ހުކުރު ދުވަހު ފަތިހު 4:20 (ރާއްޖޭ ގަޑިން ހުކުރު ދުވަހު ހެނދުނު 6:20) ގައި ދިން ހަމަލާގައި މިސައިލްތައް ފޮނުވާލާފައި ވަނީ އިސްރާއީލުން ހިފާފައިވާ ގޯލާންގެ އުސްބިންތަކުންނެވެ.

ސީރިޔާ ދާޚިލީ ހަނގުރާމައިގައި ރައީސު ބައްޝާރު އަލްއަސަދަށް އެންމެ ބޮޑަށް ވާގިވެރިވާ ރަޝިޔާއިން ވަނީ އިސްރާއިލުގެ މިހަމަލާ ކުށްވެރިކޮށްފައެވެ. 2015 ވަނަ އަހަރު ބައްޝާރުގެ ދިފާއުގައި ރަޝިޔާ ސީރިޔާގެ ހަނގުރާއިގެ ތެރެއަށް ވަން ފަހުން ހަނގުރާމައިގެ އޮއިވަރު ވަނީ ބައްޝާރާ އެއްކޮޅަށް ބަދަލުވެފައެވެ. އޭގެ ކުރިން ބަލިވެ ފަހަތަށް ޖެހެމުން ދިޔަ ސީރިޔާ ސިފައިން ވަނީ އިދިކޮޅު ހަނގުރާމަވެރިން ބަލިކޮށް ގިނަ ސަރަހައްދުތަކެއް އަލުން އަތުލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.