ސްރީލަންކާގެ މުސްލިމުންގެ ތެރޭން މިއަހަރު ހައްޖަށް ދާން ބޭނުން މީހަކު ނަމަ، ބޭރު ގައުމަކުން 1500 އެމެރިކާ ޑޮލަރު ސްރީލަންކާގެ އެކައުންޓަކަށް ޖަމާކުރުމުން ހައްޖަށް ދިއުމުގެ ހުއްދަ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. ޚަބަރުތައް ބުނާ ގޮތުގައި މިގޮތަށް ނިންމީ ބޭރު ފައިސާގެ ތާށިކަން ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި އެ ގައުމުން ބޭރު ފައިސާ ބޭރުވުން ކޮންޓުރޯލުކުރުމަށެވެ.
އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރުވެސް ސަރުކާރުން މިގޮތަށް ނިންމީ ހައްޖަށް މީހުން ގެންދާ ޓްރެވެލް އޮޕަރޭޓަރުންގެ ޖަމްއިއްޔާތަކުގެ ވެރިންނާ ރެލިޖަސް އެންޑް ކަލްޗަރަލް އެފެެއާޒް މިނިސްޓަރު ވިދުރަ ވިކްރަމަނަޔަކޭ ބައްދަލުކުރެއްވުމަށް ފަހުއެވެ.
މި ބައްދަލުވުމުގައި ނިންމާފައި ވަނީ ހައްޖަށްދާން އެދޭ މީހުންނަށް އެފުރުސަތު ތަނަވަސްކޮށްދިނުމަށެވެ. އެހެންނަަމަވެސް، އެހެންނަމަވެސް އެ މީހުން ހައްޖު ޕެކޭޖަށްވާ ފައިސާ ބޭރު ފައިސާއިން ދެއްކުމުންނެވެ.
އިގްތިސާދީ ދަތިކަމުގެ ތެރޭގައި ގައުމުން ބޭރު ފައިސާ މަދުވެދާނެތީ، މިއަހަރު ހައްޖަށް ނުދާން ސްރީލަންކާގެ ޓްރެވެލް އޮޕަރޭޓަރުންގެ ޖަމްއިއްޔާތަކުން ކުރިން އޮތީ ނިންމައިފައެވެ. އޭރު އެ ޖަމްއިއްޔާތަކުން ބުނީ އެ ނިންމުމުގެ ސަބަބުން ބޭރު ފައިސާ ގައުމުގައި ބެހެއްޓޭނެ ކަމުގައެވެ.
1 މިލިއަން މުސްލިމުންނަށް މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމަށް ސައޫދީ އަރަބިއްޔާގެ ސަރުކާރުން ނިންމާފައި ވާއިރު، ސްރީލަންކާއަށް ވަނީ 1585 މީހުންގެ ކޯޓާއެއް ދީފައެވެ.
މިނިސްޓަރު ވިކްރަަމަނަޔަކޭ ވިދާޅުވީ ސްރީލަންކާއިން ޙައްޖަށް ދެވޭނެ ގޮތެއް ހޯދައި އެކަމަށް މަގުފަހިކޮށް ދިނުމަށް މަރުކަޒީ ބޭންކުގައި އެދިވަޑައިގަތްކަަމަށެެވެ. އަދި މިހާރު މިނިސްޓްރީ ބުއްދަސަސަނާ ރެލިޖަސް އެންޑް ކަލްޗަރަލް އެފްއާޒްގެ ޑިޕާޓްމަންޓް އޮފް މުސްލިމް ރެލިޖަސް އެންޑް ކަލްޗަރަލް އެފެއާޒްގެ ވެބްސައިޓުގައި އާއްުމުކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުން 2022 ވަނަ އަހަރު ޙައްޖަށް ދާން އެދޭ ކޮންެމެ މީހަކު ސްރީލަންކާގެ ބޭންކު އެކައުންޓަކަށް 1500 އެމެރިކާ ޑޮލަރު ނުވަތަ އެއާ އެއްވަރަށް ބޭރު ފައިސާ ޖަމާކުރަން ޖެހެއެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން ޙައްޖަށް ދާން އެދޭ މީހުން މި ޖޫން މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމަންޓަށް ހުށަހަޅަން ޖެހެއެވެ.
"ސްރީލަންކާގެ މުސްލިމުން ޙައްޖަށް ދިއުމުގެ މުޅި އޮޕަރޭޝަނަށް 10 މިލިއަން ޑޮލަރު ޚަރަދުވާނެ. މިއީ މިއަދު ގައުމު އޮތް ހާލަތަށް ބަލާއިރު ބޮޑު އަދަދެއް." މިއަަހަރު ސްރީލަންކާގެ މުސްލިމުން ޙައްޖަށް ނުދާން ނިންމި ނިންމުމާ ބެހޭގޮތުން ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް މުސްލިމް ރެލިޖަސް އެފެއާޒްގެ ދަށުން އެކުލަވާލާފައި އޮންނަ ނޭޝަނަލް ޙައްޖު ކޮމިޓީގެ ޗެއާމަން އަޙްކަމް ޢުވައިސް ކުރިން ވިދާޅުވެފައި ވެއެވެ.
ސްރީލަންކާގެ 10 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަށް %10 އަކީ މުސްލިމުންނެވެ.