ސުނާމީ ކާރިސާ ހިނގިތާ މިހާރުވަނީ ތޭރައަހަރުވެފައެވެ. ނަމަވެސް އެހާދިސާ ތަޖުރިބާ ކުރި މީހުންގެ ހިތުން އެ ބިރުވެރިކަން އަދިވެސް ފިލާނުދެއެވެ. އެމީހުންގެ ލޯމަތިން އަދިވެސް އެމަންޒަރު ފެންނަކަހަލައެވެ. ބިޔަ ރާޅުގެތެރޭގައި ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައިރު މަރުވެގެންނާއި ސަލާމަތް ނުވިވިގެން އޮޔާދާ މީހުންފެންނަ ކަހަލައެވެ. އަމިއްލަ ފުރާނަ ސަލާމަތް ނުވެގެން އުޅުނުއިރުވެސް އެހެންމީހުންގެ ފުރާނަ ސަލާމަތްކޮށްދެން ގިނަ ބަޔަކު މަސައްކަތް ކުރި މަންޒަރު ސިނުކުނޑީގައި ވަނީ ބިންވަޅުނެގިފައެވެ. ސުނާމީގެ ރާޅުގެތެރޭގައި ސަލާމަތްވުމަށް މަސައްކަތް ކުރަމުން ދިޔައިރު ފާރުތައް ގައިމައްޗަށްވެއްޓި ސަލާމަތް ނުވެވިގެން އުޅުނު މަންޒަރެވެ. ސަލާތްވުމަށް ގަސްގަހުގެ ހިމާޔަތް ހޯދައިގެން ތިބިއިރު ރާޅާއެކު އަޑިން ގޭގޭގެ ފުރާޅުތަކުގެ ޓިނުތައް އޮޔާ ދިޔަމަންޒަރެވެ. މިކަންކަމަކީ އެކަން ތަޖުރިބާ ކުރިމީހުން ކިޔައި ދިންކަމުގައިވިއަސް އެދުވަހުގެ އެވަގުތުގެ ބިރުވެރިކަން އަޅުގަނޑުމެންނަށް އިޙްސާސްކޮށްލެވޭނެ ކަންކަމެއް ނޫނެވެ.
ސުނާމީގައި ރާއްޖެއިން ގެއްލުނު 26 މީހުންނާއެކު 108 މީހުން ވަނީ މަރުވެފައެވެ. އެންމެ ގިނަބަޔަކު މަރުވީ ސުނާމީގައި އެންމެ ބޮޑުގެއްލުމެއްލިބުނު އަޅުގަނޑުގެ އުފަންރަށް ވިލުފުށިންނެވެ. ގެއްލުނު ދެ ކުޑަކުދިންނާއި ބޮޑުމީހަކާއެކު ވިލުފުށިން 18 މީހުން މަރުވިއެވެ. ގެއްލުނު މީހުންގެ ތެރޭގައި ކުޑަކުއްޖަކާއި އޭނާގެ މަންމަވެސް ހިމެނެއެވެ.
ވިލުފުށްޓަކީ އަޅުގަނޑުގެެ އުފަންރަށްކަމުގައިވިއަސް އަޅުގަނޑުހުރީ މާލެގައި ކަމަށްވާތީ އެ ކާރިސާ އަޅުގަނޑު ތަޖުރިބާއެއް ނުކުރަމެވެ. ނަމަވެސް ސުނާމީ އެރިތާ ދެތިން ދުވަހެއްގެ ތެރޭ ވިލުފުށްޓަށް ދިއުމުގެ ފުރުޞަތު އަޅުގަނޑަށްވެސް ލިބުނެވެ.
ލޯންޗް ގޮސް ރަށަށް ގާތްކޮށްފައި ފޭބިއިރު ރަށުގެ ބަނދަރުވެސް އޮތީ ކާރިސާގައި ހަލާކުވެފައެވެ. ރަށުގައި އޭރުތިބީ ވަރަށް މަދުބައެކެވެ. އަޅުގަނޑު ދިޔަ ލޯންޗްގައި މާލޭގައި ދިރިއުޅުއްވާ ވިލުފުށީގެ ޤަދަރުވެރި ބައެއް ބޭފުޅުންވެސް އެރަށަށް ވަޑައިގެންނެވިއެވެ. އަޅުގަނޑުމެން ގޮސް ރަށަށް ފޭބިއިރު އެވަގުތު ރަށުގައި ތިބި މަދުމީސްކޮޅު ތިބީ ބަދަނރު މަތީގައެވެ. އަޅުގަނޑުމެން ފޭބުމާއެކު އެމީހުންގެ ހިތްދަތި އިޙްސާސްތަކަށް ކެތްނުކުރެވި ރޮވެންފެށުނެވެ. އެވަގުތުކޮޅު ބަނދަރު މަތީގައި އޮތީ ރުއިމާއި ގިސްލުމުގެ އަޑެވެ. ބޮޑެތި ފިރިހެނުން ގިސްލައި ރުއިމަންޒަރު ހުދު އަޅުގަޑަށް ފެނުނެވެ. އެމަންޒަރުފެނި އަޅުގަނޑަށްވެސް ރޮވުނެވެ. ނަމަވެސް ބަދަރުގައި ތިބިމީހުންނާ ސަލާންކޮށްލާ ހަދާލުމަށްފަހު އަޅުގަނޑު އަވަސްވީ ރަށުތެރެ ބަލާލުމަށް ދާށެވެ.
ވިލުފުށީގެ ގޭގެ ހުރިތަންތަން ވަކި ނުވާވަރަށް ރަށްވަނީ ހަލާކުވެފައެވެ. އަޅުގަނޑުމެންގެ ގެވެސްހުރިތަން ވަކިކުރަން އެނގުނީ މީހަކު ބުނުމުންނެވެ. ރަށުތެރޭގައި އޮތީ ގެދޮރު ހަލާކުވެގެން އުފެދިފައިވާ ކުންޏެވެ. ރަށުތެރެ ބަލަމުން ދިޔައިރު ރަށުގެ ގަބުރުސްތާނުގަައި ދޯންޏެއް ހުއްޓެވެ. އެއީ ސުނާމީއާއެކު ރަށުގެ ފަޅުގައި ހުރިދޯނި ތަކާއެކު އެެއްގަމަށް އެރި ދޯނިތަކުގެ ތެރެއިން ދޯންޏެކެވެ. ރަށުގެ ބޯޅަދަނޑުމަތީގައިވެސް އޮތީ ގޭގޭގައި ވާރޭފެން ރައްކާކުރުމަށް ބޭނުންކުރި ބޮޑެތި ކަޅުހަމާއި ގެދޮރު ހަލާކުވެގެން އުފެދިފައިވާ ކުނިބުންޏެވެ. ގެދޮރުހަލާކުވެގެން ވެރިފައިވާ ފާެރުތަކާއި ގަލާއި ކުނި ބުންޏާހެދި ރަށުތެރެއިން މަގެއް ވަކިވާވަރެއް ނުވެއެވެ. ރަށުގެ އުތުރުއަވަށުގައި ހަލާކު ނުވެހުރީ ރަށުގެ މުސްކުޅި މިސްކިތާއި ދޫރެސް ކިޔާ ގެއެއް އެކަންޏެވެ. އެއީ އަޅުގަނޑުގެ ބޮޑުބޭބެގެ ގެއެވެ. އެއީ ސުނާމީ އެރިއިރު އެރަށުގައި އެންމެ ފެންވަރު ރަނގަޅުކޮށްހަދައިފައިވާ އެއްގެއެވެ. އެގެއަށް ސުނާމީގައި އެއްވެސް ގެއްލުމެއް ބޭރުން ފެންނަން ނެތްއިރު ގޭގެ ކަރަންޓް ވަޔަރާއި ފެންވަޔަރަކަށްވެސް ގެއްލުމެއް ނުލިބެއެވެ. ސުނާމީގައި އެރަށުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރޮކޮށްދެއްވަން ވަޑައިގެންނެވި ބައެއް ވަފުދުތަކުގެ ބޭބޭފުޅުން ތިއްބެވުމަށް ވެސް ބޭނުން ކުރައްވަމުން ދިޔައީ އެގެއެވެ.
ރަށުތެރެ ބަލަމުންދިޔައިރު ދެކުނު އަވަށުގެ ގެއެއްގެ ބިންގާދަށުން ބޮޑުވަޅުގަނޑެއް ހެދިފައި ހުށްޓައި ފެނުނެވެ. ރަށުގެ ބައެއް މީހުންބުނާ ގޮތުން އެވަޅުގަނޑަށް ދަނޑި ބާނާއިގެންވެސް އަޑިއަކު ނުޖެހެއެވެ. ހަދާންވާގޮތުން ރަށުގެ ދެކުނު އަވަށުންވެސް ގެއްލުމެއް ނުލިބިހުރީ މިސްކިތާއި މުނިޔާގެ ކިޔާގެއެކެވެ. އެކަމު އެގޭވެސް މަގުފާރު އޮތީ ވެއްޓިފައެވެ. ރަށު މީހަކު ކިޔައިދިންގޮތުގައި ދެކުނު އަވަށުގެ އިރުމަތީ ފަރާތުގެ ބައެއް ރުކެއް ގަހެއް އަދި ޢިމާރަތެއްވެސް ނެތި ހުސްބިމަކަށް ސުނާމީގައި ވަނީ ބަދަލުވެފައެވެ. އޭނާ ސިފަކުރާގޮތުގައި އެސަރަޙައްދު ހީވަނީ ހުދު ފިނޮޅެއްހެންނެވެ. ރަށުތެރެ ބަލަމުން ދިޔައިރު އަޅުގަނޑަށް އެސަރަޙައްދު ފެނުނު ހަނދާނެއް ނުވެއެވެ. ސުނާމީގައި ރަށުގެ ރުއްތައް ފިޔައި ކާބޯތަކެތި އަޅާ ގިނަ ގަސްތައް ވަނީ މަރުވެގެން ގޮސްފައެވެ. ވިލުފުށްޓަކީ ބަބުކެޔޮގަސް ވަރަށް ގިނަ ރަށެކެވެ. އެންމެ ބަނބުކެޔޮގަހެއް ފިޔަވައި އެރަށުގެ ހުރިހާ ބަބުކެޔޮ ގަސްތައް ވަނީ ސުނާމީގައި މަރުވެފައެވެ.
ސުނާމީގެ ތަޖުރިބާ ކިޔައިދޭ ކޮންމެ މީހަކަށްވެސް ބުނެވެނީ އެދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ދުލުން ކިޔައިދެވޭވަރަށްވުރެ މާބިރުވެރިކަމުގައެވެ. ސުނާމީ ތަޖުރިބާކުރި ގިނަ މީހުންނަށް އެދުވަހު އިޙްސާސް ކުރެވުނީ ޤިޔާމަތްވަނީކަމަށެވެ. ޤިޔާމަތް ދުވަހަކީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އެެހެންކަމުން މިހާތަނަށް ރާއްޖެއަށްވެސް ކުރިމަތިވި އެންމެ ބިރުވެރި ޙާދިސާގައި އެފަދަ އިޙްސާސެއް ކުރެވިދާނެއެވެ. ސުނާމީ ކާރިސާ ދިވެހިން ތަޖްރިބާކުރިއިރު ސުނާމީއަކީ ކޯއްޗެއްކަމެއްވެސް ގިނަ ދިވެހިނަނަކަށް ނޭނގެެއެވެ. "ސުނާމީ" މިނަންވެސް ގިނަ މީހުންނަށް އެނގުނީ އެކާރިސާއަށްފަހުގައެވެ.
އަޅުގަނޑުގެ ބޮޑުދައިތަ، ވިލުފުށީ ދޫރެސް ސަމީނާ އިބްރާހިމް ބުނީ އެއީ ބިރުވެރިކަމުން ފުރިގެންވާ ދުވަހެއް ކަމުގައެވެ. ސުނާމީގެ ބިޔަރާޅުގެ ތެރޭގައި ތަނެއްގައި ފައިނުޖެހި އެތައް އިރެއް ވަންދެން އުޅެންޖެހުނުކަމުގައެވެ. އެހެން އޮތް އިރު ލޮނުގަނޑުން ބޯހިއްލާލެވޭއިރަކު ކޮންމެވެސް ތަނެއްގެ ފުރާޅުގެ ބައެއް ފެނުނުކަމުގައެވެ. އަދި ކުދިން ގޮވައިގެން ސަލާމަތް ވުމަށް ގަސްގަހަށް އަރައިތިބި މީހުންފެނުނުކަމުގައެވެ. އެ ހާލުގައިވެސް ދުލުން ކިޔަން ބޭނުންވި އެެއްވެސް އެއްޗެއް ކިޔަން ﷲ ގެ ރަޙުމަތްފުޅާއެކު ދައްޗެއްނުވާކަށް ބޮޑު ދައިތަ ބުންޏެވެ. އެހެންކަމުން ﷲގެ ހަޒުރަތުން ރަޙުމަތް ލެއްވުން އެދި އެނގޭ ހުރިހާ ހެޔޮ ދުޢާތަކެއް ކިޔުނުކަމަށް ބުންޏެވެ.
ބޮޑު ދައިތަގެ ތަޖުރިބާ ކިޔައި ދެމުން، ބުނީ ލޮނުގަނޑުތެރޭގައި ހުއްޓާ އޭނާގެ ބުރަކަށި ގޮސް ތަނެއްގައި ޖެހުމުން އެތަނުގައި ވަރަށް ރަނގަޅަށް ފައި ހަރުކޮށްލެވުނުކަމުގައެވެ. ލޮލުގަނޑު ތިރިވެ ހޭވެރިކަންވީއިރު ހުރެވުނީ ފާރެއްގައި ލެނގިގެންނެވެ. ބޮޑުދައިތަގެ ފިރިމީހާ (އަޅުގަނޑުގެ މައިފުށު ބޮޑުބޭބޭ) ހުރީ ދެއަތުގެ ދެ މުލަށްދަޑީގައި ހިފަހަށްޓައިގެން ދެމީހުންގެ ދޭތެރޭގައި އޭނާގެ ދަރިފުޅާއި ގެންގުޅުނު ކުއްޖާ ހުއްޓެވެ. ބޮޑު ދައިތަ ބުނީ ރާޅުގެ ތެރޭގައި އުޅުނު އިރު މީހަކު ގައިގައި ހިފަހަށްޓައިގެން ހުރިކަންވެސް ނޭނގޭކަމުގައެވެ.
ސުނާމީ ކާރިސާގެ ތަޖުރިބާ ކިޔައިދެމުން ވިލުފުށީ ހިޖުރީ ނަަޝީދާ އިބްރާހިމް ބުނީ ބިޔަ ރާޅުގެތެރޭގައި އޭނާއަށް ހިމާޔަތް ހޯދުނީ ގޯތިރޭގައި ހައްދައިފައިވާ ހިމަ ފޭރުގަހެއްގައި ހިފާއްޓައިގެން ކަމުގައެވެ. އެއް އަތުން ފޭރުގަހުގައި ހިފާއްޓައިގެން އޮތްއިރު އަނެއް އަތުުން އޮތީ އޭނާގެ މާމަދަރިފުޅުގެ ގައިގައި ހިފާއްޓައިގެންނެވެ. ލޮނުގަނޑުގެ ތެރޭގައި އެހެން އޮތްއިރު އަޑިން ޓިނުފަދަ ތަކެތި އޮޔާދިޔަކަމަށް އޭނާ ބުންޏެވެ. އޭނާ ގެންގުޅުނު ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖާ ގާތުވެސް އޭނާ ބުނީ ގަހުގައި ބާރަށް ހިފާއްޓައިގެން އޮތުމަށެވެ. އެކުއްޖާއަށް ވެސް ގެއްލުމެއް ނުލިބި ސަލާމަތްވިއެވެ. ސުނާމީ އެރިވަގުތު އަޅުގަނޑުގެ މައިފުށު ބޮޑުދައިތަ ހުރީ އެގޭގައެވެ. އެ ބޮޑުދައިތަވެސް ހިމާޔަތް ހޯދީ ގަހެއްގައި ހިފާއްޓައިގެންނެވެ.
ސުނާމީ ކާރިސާ ތަޖުރިބާ ކުރި ބައެއް މީހުން ކިޔައިދިން ގޮތުގައި އެބައިމީހުންގެ ފުރާނަ ސަލާމަތްވެފައިވަނީ އަޖައިބެއްފަދަ ގޮތަކަށެވެ. ސުނާމީ ކާރިސާއާ ގުޅޭ މިފަދަ ކިތަންމެ ވާހަތަކެއް ހުންނާނެއެވެ. މިވާހަކަތަކަކީ އެކަންކަމުން އަޅުގަނޑުމެނަށް ޢިބްރަތްތަކެއް ލިބިގެންދާނެ ވާހަކަތަކެކެވެ.