ނައިޖީރިޔާގެ ފައްޅިއަކަށް ދިން ހަަމަލާއެއްގައި މަދުވެގެން 50 މީހުން މަރާލައިފި

މިއަދު ހަމަލާ އަމާޒުވި ފައްޅީގެ މަންޒަރެއް

ނައިޖީރިޔާގެ އޮންޑޯ ސްޓޭޓުގެ ނަސާރާ ފައްޅި، ސޭންޓް ފްރާންސިސް ކެތޮލިކް ޗާޗްގައި މިއަދު (އާދީއްތަ ދުވަހު) އަޅުކަންކުރަން ތިބި މީހުންނަށް ބަޔަކު ބަޑިން ހަމަލާދީ މަދުވެގެން 50 މީހުން މަރާލައިފިއެވެެ.

ޚަބަރުފަތުރާ ބައެއް ވަސީލަތްތަކަށް މައުލޫމާތުދެމުން ހުޅަނގު ދެކުނުގައި އޮންނަ އޮންޑޯ ސްޓޭޓުގެ އޯވޯ އަވަށުގެ ހޮސްޕިޓަލުން ވާހަކަދެއްކި ޑޮކްޓަރަކު ބުނި ގޮތުގައި އެއަވަށުގެ ފެޑެރަލް މެޑިކަލް ސެންޓަރަށާއި، ސޭންޓް ލުއިސް ކެތޮލިކް ހޮސްޕިޓަލަށް ގެނައި ހަށިތަކުގެ އަަދަދު ފަންސާހަށްވުރެ މަދު ނުވާނެއެވެ. ހަމަލާ އަމާޒުވި ފައްޅިއަށް ޒިޔާރަތްކުރެއްވުމަށް ފަހު، ގާނޫނުހަދާ މަޖިލީހުގެ މެންބަރު އޮގުންމޮލަސުުޔީ އޮލުވޮލޭ ވިދާޅުވިގޮތުގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

މަރުވި މީހުންގެ ރަސްމީ އަދަދެއް ސަރުކާރުން ހާމަނުކުރި ނަމަވެސް، މީސްމީޑިޔާގައި އާއްމުވެފައިވާ މަންޒަރުތަކުން ފެންނަ ގޮތުގައި ފައްޅި ތެރޭގައި ގިނަ ބަަޔަކު ލެއިން ތަތްތެޅިފައި ތިބިއިރު، އެމީހުންގެ ވަށައިގެން ތިބި މީހުން ބާރަށް ރޯ މަންޒަރު ފެނެއެވެ.

ރައީސު މުޙައްމަދު ބުހާރީ ވަނީ މި ހަމަލާ ކުށްވެރިކުރައްވަމުން، އެއީ ވަހުޝީ އަމަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ޚަބަރުތައް ބުނާގޮތުގައި ހަތިޔާރުއެޅި ބަޔަކު ފައްޅިއަށް ވަދެ އަޅުކަމުގައި ތިބި މީހުންގެގެ ގަޔަށް ބަޑި ޖަހައި މަރާލުމަށްފަހު، އެތަނުގެ ތެރޭގައި އެއްޗެއް ގޮއްވާލީއެވެ. އެއަށްފަހު، އިސް ފާދިރީއާއި އިތުރު ބައެއް މީހުން ރަހީނުކޮށްގެން ގެންދިޔައީއެެވެ.

މި ހަަމަލާގެ ފަހަތުގައި ތިބީ ކޮން ބަޔަކުކަން އަދި އެނގިފައި ނުވެއެވެ. ނައިޖީރިޔާގެ ގިނަ ސަރަހައްދުތަކެއްގައި ސަލާމަތީ ކަންކަން ގޯސްވެ، އަމަންެއަމާންކަން ގެއްލިފައިވާއިރު، މިހާތަނަށް އޮންޑޯ ބެލެވިފައި އޮތީ ނައިޖީރިިޔާގެ އެންމެ އަމާން އެއް ސްޓޭޓް ކަމުގައެވެ.

"އޯވޯގެ ތާރީޚުގައި އަހަރުމެންނަށް މިފަދަ އަނިޔާވެރިކަމެއް ފެނިފައި ނުވޭ. މިއީ މާ ބޮޑުވަރު." އޮލުވޮލޭ ވިދާޅުވިއެވެ.

ފަހަކަށް އައިސް ނައިޖީރިޔާގައި ހަތިޔާރުއެޅި ޖަމާއަތްތަކުން ދޭ ހަމަލާތައް އިތުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެ އެއް ހަފުތާކުރިން އިރުދެކުނުގެ މެތޮޑިސްޓް ފައްޅިއަކުން އިސް ފާދިރީއާއި އިތުރު ދެފާދިރީއަކު ރަހީނުކޮށްފައިވާއިރު، އެމީހުން މިނިވަންކޮށްފައި ވަނީ 2 ލައްކަ 40 ހާސް އެމެރިކާ ޑޮލަރު ދީގެންނެވެ.

ރައީސު ބުހާރީގެ އުފަން ސްޓޭޓް ކަޓްސީނާގައި، ދެ ހަފުތާ ކުރިން ކެތޮލިކް ދެ ފާދިރީއަކު ރަހީނުކޮށްފައިވާއިރު، އެ ދެމީހުން އަދިވެސް މިނިވަންކޮށްފައި ނުވެއެވެ.

ހަތިޔާރުއެޅި ބަޔަކު ވަނީ ވެރިރަށް އަބޫޖާއާއި އުތުރުގައި އޮންނަ ކަޑޫނާ ސިޓީއާ ދެމެދު ދަތުރުކުރާ ރޭލަކަށް ފާއިތުވި މާރިޗު މަހު ހަމަލާދީ 6 މީހަކު މަރާލުމަށްފަހު، ގިނަ ބަޔަކު ރަހީނުކޮށްފައެވެ. ރަހީނުކުރި މީހުން އަދިވެސް މިނިވަން ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.