ކޮވިޑް-19 އަށް ފަހު ބޭރުން ޙައްޖަށްދާ ފުރަތަމަ ގްރޫޕް ސައޫދީ އަރަބިއްޔާއަށް ހިނގައްޖެ

މިއަދު މަދީނާއަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕުގައި ހިމެނޭ އިންޑޮނޭޝިޔާގެ ޙައްޖުވެރިއެއް

ކޮވިޑް-19 އަށް ފަހު ބޭރު ގައުމުތަކުން ޙައްޖަށް ދިއުން މެދުކަނޑާލާފައި އޮތުމަށް ފަހު، މިއަހަރު އެ ފުރުސަތު ހުޅުވާލުމުން ބޭރުން ޙައްޖަށްދާ މީހުންގެ ފުރަތަަމަ ގްްރޫޕް ސައޫދީ އަރަބިއްޔާއަށް ހިނގައްޖެއެވެ.

މިއަދުގެ ވަގުތެއްގައި މަދީނާއަށް ގޮސްފައިި ވަނީ އިންޑޮނޭޝިޔާއިން އައި ޙައްޖުވެރިންގެ ގްރޫޕެކެވެ. އެމީހުންނަށް މަރުހަބާކިޔާފަައިވަނީ މާބޮނޑިއާއި ޒަމްޒަމް ފެނުގެ ހަދިޔާއާއެކުގައެވެ.

"މިއަދު އަހަރުމެން މިވަނީ އިންޑޮނޭޝިޔާއިން އައި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕަށް މަރުހަބާކިޔާފައި. ދެން އަންނަ ފްލައިޓުތަކުން އިންޑިޔާއާއި، މެލޭޝިޔާގެ ޙައްޖުވެރިންވެސް އަންނާނެ." ޙައްޖު މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކި މުޙައްމަދު އަލްބިޖާވީ އަލްއިޚްބާރިއްޔާ ޗެނެލަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

(ކޮވިޑް-19 ގެެ) އާލަމީ ވަބާގެ ސަބަބުން ދެ އަހަރު މެދުކެނޑިފައި އޮތުމަށް ފަހު، ﷲ ގެ މެހުމާނުންނަށް އަހަރުމެން މަރުހަބާ ކިޔަނީ އުފަލާއެކު." އޭނާ ބުނެފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔެއަށް ފެތުރެން ފެށުމާއެކު، 2020 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ސައޫދީ ސަރުކާރުން ދީފައި ވަނީ އެ ގައުމުގެ އެތެރޭން އަޅުކަން އަދާކުރި އެއްހާސް މީހުންނަށެވެ. ޖެހިގެން އައި 2021 ވަނަ އަހަރުވެސް ފުރުސަތު ދިނީ އެ ގައުމުގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. އެ ފަހަރު 60 ހާސް މީހުންނަށް ފުރުސަތު ދީފައި ވެއެވެ.

ސައޫދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފައިވާ ގޮތުގައި މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނީ 1 މިލިއަން މީހުންނަށެވެ. އެއީ ބޭރު ގައުމުތަކުން އައުމަށް ފުރުސަތުދޭ 8 ލައްކަ 50 ހާސް މީހުންނާއި، އެގައުމުގެ ތެރޭން އައުމަށް ފުރުސަތުދޭ 1 ލައްކަ 50 ހާސް މީހުންނަށެވެ. އެ މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި އެތެރޭން ޙައްުޖުވުމަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފައި ވާއިރު، މިއަދު އެކަނިވެސް 3 ލައްކަ މީހުން ޙައްޖުވުމަށް އެދިފައި ވެއެވެ.

މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނީ ކޮވިޑް-19 ގެ ވެކްސިން ފުރިހަމަކޮށްފައިވާ އުމުރުން 65 އަހަރު ނުވާ މީހުންނަށެވެ. މީގެ އިތުރަށް ބޭރު ގައުމުތަކުން ޙައްޖަށް ދާ މީހުން 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ޓެސްޓެއްގެ ރިޕޯޓު ހުށަހަޅަން ޖެހެއެވެ.

ކޮވިޑް-19 ގެ އަސަރު ޙައްޖުގެ އަޅުކަމަށް ކުރުމުގެ ކުރިން ޙައްޖު މޫސުމުގައި ސަޢޫދީ އަރަބިއްޔާއަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 12 ވަރަަކަށް ބިލިއަން ޑޮލަރު ލިބެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.