ޚިތާނުކުރުމަށް ތައްޔާރުވި - އެކަމަކު ޚިތާނެއް ނުުކުރެވުނު

ކޮންމެ އަހަރެއްގެވެސް ބޮޑު ޗުއްޓީއަކީ ޚިތާނީ ފޯރި އެންމެ ގަދަވާ ދުވަސްވަރެވެ. ޚިތާނު ކުރުމަށްޓަކައި ތަން ތަައްޔާރު ކުރުމަކީ އެންމެ އިސްކަމެއް ދޭ އެއްކަމެވެ. މިކަމުގައި ވެެރިރަށް މާލެއާ ރަށްރަށް ވަކި ތަފާތެއް ނެތެވެ. ނަމަވެސް ރަށްރަށުގައި ޚިތާނުކުރުމަށް ވާ ތައްޔާރީތައް މާ ބޮޑޭ ދެންނެވިދާނެއެވެ. އެބައެއްގެ ފޯރުންތެރިކަން ހުންނަވަރަކުން ތައްޔާރީތަކަށް ކުރާ ހޭދަވެސް ބޮޑެވެ.

ބޮޑު ޗުއްޓީގައި ކުދިން ގޮވައިގެން އަޅުގަނޑު ވެސް ރާއްޖޭގެ އުތުރުގެ ރަށަކަަށް ދިޔަ ފަހަރެކެވެ. އޭރު އެރަށުގައިވެސް ޚިތާނު ކުރުމަށް ތަންތަން ތައްޔާރުކުރަމުން ދެއެވެ. އެހުރިހާ ގެއެއްގެ ތެރެއިންވެސް ވަކިން ޚާއްޞަކޮށް ތައްޔާރީތައްވަމުންދާ ގެއެއް ފެނުނެވެ. ގޭގެ ކުރިންމަތިން ގޯތި ތެރޭގައި ޚިތާނުކުރުމަށް ވަކިން ތަނެއް އަޅައި އެތަން ތައްޔާރުކުރިއެވެ. ދޮންވެލިލާ ސަނދުވާ ދަމާ ނިވިދިއްލޭ ކުލަ ބޮކިތަކުން މުޅިތަން ޒީނަތްތެރި ކުރިއެވެ. ކުލަބޮކިތަކުން ގަސްތައްވެސް އިތުރަށް ޖަރީކުރުވިއެވެ. އެއާއިލާގެ އެންމެ ހަގުދަރިފުޅުގެ ޚިތާނީޕާޓީ ވީއެންމެ ފުރިހަމަކޮށް ބާއްވަން ބޭނުންވާތީއެވެ. އެ އާޢިލާގައި ދޮށްޓަށް ހުންނަނީ އަންހެންކުއްޖެކެވެ. ދެވަނައަށް ހުންނަނީ ފިރިހެންކުއްޖެކެވެ. ކޮއްކޮގެ ޚިތާނީޕާޓީ ބާއްވާ ދުވަހަށް ދޮންތައާއި ދޮންބެވެސް ހުރީ ކެތްމަދުވެފައެވެ.  

ޚިތާނުކޮށްގެން އުޅޭއިރު ބޭނުންކުރުމަށް ރަށްރަށުން ވަރަށްގިނަ ކާބޯތަކެތި ތައްޔާރުކޮށްގެން ވެސް ގެނައެވެ. ގާތް ރަޙްމަތްތެރިންވެސް ތަފާތު ކާބޯތަކެތި ފޮނުވިއެެވެ. އެ އުފަލުގައި ބައިވެރިވުމަށް ޚިތާނުކުރާ ދުވަހަށް އެެހެން ރަށްރަށުގައި ތިބި އާއިލާގެ މީހުންވެސް އެރަށަށް އައެވެ.

މިދެންނެވި ރަށުގައި ޚިތާނު ކުރަނީ ކައިރި ރަށެއްގައި ޚިތާނު ކުރުމުގެ ޚިދުމަތްދޭ މީހަކު ގެނެސްގެންނެވެ. ޚިތާނުކޮށްދޭމީހާއަންނާނީ ކަނޑައެޅިފައިވާ ވަކިދުވަހަކަށެވެ. އޭނާ އަންނަ ދުވަހު ފަހަރަކު ގެއެއްގައި ޚިތާނުކުރަމުންދާނީއެވެ. މިދެންނެވި ރަށަށް ޚިތާނުކޮށްދޭ މީހާ ދިޔަ ދުވަހު އެކި ގޭގޭގައި ޚިތާނު ކުރުމަށްފަހު ކުރިން ދެންނެވި ގެއަށް ދެވުނީ ހަވީރާ ގާތްވެފައި ވަނިކޮށެވެ. އޭރު އާއިލާގެ މީހުންގެ ތިބީ އިންތިޒާރުގައެވެ.

ޚިތާނުކުރާމީހާ އެގެއަށް ދިއުމަށްފަހު މާގިނައިރުތަކެެއް ނުކޮށް ޚިތާނުގެ ކަންތައް ފެށިއެވެ. ކަނޑައެޅިފައިވާ ތަނަށް ކުއްޖާގެ ބައްޕަ ކުއްޖާ ގޮަވައިގެން ވަންއިރު މަންމައާއި އާއިލާގެ އެހެންމީހުންގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފެނެއެވެ. ރަށްރަށުގައި ކުއްޖާ ޚިތާނު ކުރަނީ ގޭގޭގައި ކަމަށްވާއިރު ކުއްޖާ ރޯއަޑާއި ބައެއް ކުދިން ޚިތާނުކުރަންދެން ނޯންނަން ގަދަހަދާ އަޑުއިވޭނެއެވެ. އެހެންކަމުން ވާނެގޮތެއް ނޭގިފަ އެންމެންތިވީ ހާސްކަމެއްގެ ތެރޭގައެވެ. އެހެންތިއްބާ ކުއްލިއަކަށް ދުވެފައި ކުއްޖާ އެނުކުތީއެވެ. ކުއްޖާގެ މޫނުމަތިން ހާސްކަމެއް، ރުއިމެއް، ގިސްލުމެއް، ކަމެއް ނުފެނެއެވެ.

ކުއްޖާގެ ފަހަތުން ކުއްޖާގެ ބައްޕަ ނުކުތެވެ. އޭނާ ހުރީ ލަދުން އިސްޖެހިފައެވެ. ޚިތާނުކުރަން އައިމީހާ ނުކުތްއިރު ހުރީ ރުޅިގަދަވެފައެވެ. އޭނާ ބުންޏެވެ. "ކަލޭމެންނަށް ހަމަ ސާބަހެވެ. ކަލޭމެންގެ ދަރި ކަލޭމެންނަށް ބެލެނީ ކިހާވަރަކަށް ހެއްޔެވެ؟ އެކުއްޖާ އެހެރީ ޚިތާނުވެފައެވެ."

އެވަތުތު ވެގެން އުޅޭގޮތް އެެންމެންނަށް އެނގުނެވެ. ކުއްޖާ އަކީ ވިހޭއިރުވެސް ޤުދުރަތީ ގޮތުން ޚިތާނު ވެފައިވާ ކުއްޖެކެވެ.

އިސާހިތަކު މިޚަބަރު ރަށުތެރެއަށް ފެތުރިގެން ހިގައްޖެއެވެ. އަޅުގަނޑަށްވެސް މިޚަބަރު ލިބުނީ އަޅުގަނޑު ހުރި ގޭގޭގައި ބަޔަކު ވާހަކައެއް ދައްކަމުން މާވަަރަކަށް ހޭތީ ވެގެން އުޅޭގޮތް އޮޅުން ފިލުވުމުންނެވެ.     

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.