މިއަދު ބާއްވަން އޮތް ރައީސް ޔާމީނުގެ ޝަރީޢަތް ކެންސަލް ކޮށްފި

ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް މިއަދު ކެންސަލް ކޮށްފިއެވެ.

އެ މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް ލައިވް ކުރުމަށް ވެސް މިއަދު އޮތީ ނިންމާފައެވެ.

އެހެންނަމަވެސް މިއަދުގެ ޝަރީޢަތް ކެންސަލް ކޮށްފައިވަނީ އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޣާޟީ އަހްމަދު ޝަކީލް އާލާސްކަންފުޅާ އުޅުއްވާތީއެވެ.

މިއަދުގެ މެންދުރު އެކެއް ޖަހާއިރަށް ތާވަލުކުރި އަޑުއެހުން ކެންސަލް ކުރިނަމަވެސް މި މައްސަލައިގައި ދެން އަޑުއެހުން އޮންނާނެ ތާރީޚެއް އަދިހާމަކޮށްފައެއް ނުވެއެވެ.

މައްސަލައިގައިވާ ގޮތުން، އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮންނަ ޓޫ ޖީ ޕްރައިވެޓް ލިމިޓެޑަށް ދިނީ އޭނާ ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ދެއްވުމުންނެވެ. އަދި އެ ރިޝްވަތު ފައިސާ ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ރައީސް ޔާމީނަށް ތުހުމަތު ކުރެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.