ނައިޖީރިޔާގައި ވަގަށް ތެޔޮ ސާފުކުރާ ތަނެއް ގޮވައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ނައިޖީރިޔާގެެ ތެޔޮ ސާފުކުރާ ކާރުޚާނާއެެއްގައި އަލިފާން ރޯވެފައި

ނައިޖީރިޔާގެ ރިވާސް ސްޓޭޓުގައި ވަގަށް ތެޔޮ ސާފުކުރަމުން ދިޔަ ތަނެއްގައި ގޮވި ބޮޑު ގޮވުމެއްގެ ސަބަބުން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެެއެވެ.

"އަލިފާން ރޯވެފައިވަނީ ގަވާއިދާއި ޚިލާފަށް (ތެޔޮ ސާފުކުރުމަށް ފަހު) އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދޭ ތަނެއްގައި. އެ އަލިފާނުގެ އަސަރު ވަނީ 100 އަށްވުރެ ގިނަ މީހުންނަށް ކޮށްފައި. އެމީހުން ވަނީ ވަކިކުރަން ނޭނގޭ ވަރަށް އަނދައިގެން ގޮސްފައި." ސްޓޭޓް ކޮމިޝަނާ ފޯ ޕެޓްރޯލިއަށް ރިސޯސަސް ޖޮނަތަން އޮޕިޔާ ވިދާޅުވިއެވެ.

ތެޔޮ ނަގާ ނައިޖަރ ޑެލްޓާ ސަރަހައްދުގައި ވަޒީފާ ނުލިބުމާއި، ފަގީރުކަން ބޮޑުވުމުގެ ސަބަބުން، ގަވާއިދާއީ ޚިލާފަށް، ވަގަށް ތެޔޮ ނަގައި ސާފުކުރުން ވަނީ ފައިދާހުރި ވިޔަފާރިއަކަށް ވެފައެވެ. އެހެންނަމަވެސް، ނުރައްކާތެރި ހާދިސާތަކުން ލިބޭ ބޮޑު ގެއްލުމާ އެކުގައެވެ.

ބޮޑެތި ތެޔޮ ކުންފުނިތަކުން އަޅާފައި ހުންނަ ތެޔޮ ހޮޅިތަކުން ވަގަށް ތެޔޮ ނަގައިގެން އާދައިގެ ގޮތަށް ހަދާފައި ހުންނަ ތެޔޮ ސާފުކުރާ 'ކާރުޚާނާތަކުގައި' އެ ތެޔޮ ސާފުކުރަނީއެވެ. މި ނުރައްކާތެރި އަމަލުގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާއެއް ހިނގައި، އެ ސަރަހައްދުގެ ބިމަށް ތެޔޮ އެޅި، ދަނޑު ބިންތަކާއި، ޗަސް ބިންތައް ވަނީ މުޅިން ތަޣައްޔަރުވެފައެވެ.

ޔޫތުސް އެންޑް އެންވަޔަރމެންޓް އެޑްވޮކަސީ ސެންޓަރުން ބުނިގޮތުގައި ބޮޑު ގޮވުމުގައި ވަގަށް އުފައްދާފައިވާ ތެޔޮ ގަތުމަށް ކިޔުގައި ތިބި އެތައް އުޅަނދެއް ވަނީ ގޮވައިގެން ގޮސްފައެވެ.

ރިވާސް ސްޓޭޓުގައި މިފަދައިން ގަވާއިދާއި ޚިލާފަށް ތެޔޮ އުފައްދަމުން ދިޔަ ތަނެއްގައި ފާއިތުވި އޮކްޓޯބަރު މަހު ގޮވި ގޮވުމެއްގެ ސަބަބުން 25 މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

ތެޔޮ ވަގަށް ނަގައި، ގަވާއިދާއި ޚިލާފަށް ތެޔޮ އުފައްދާ ތަންތަން ހޯދައި ބަންދުކުރުމުގެ މަސައްކަތް ފާއިތުވި ފެބުރުވަރީ މަހު ފަށާފައިވާ ކަަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ އެދެވޭ ނަތީޖާއެެއް ފެނިފައި ނުވެއެވެ.

އެފްރިިކާގައި އެންމެ ގިނައިން ތެޔޮ އުފައްދާ ގައުމު ކަމުގައިވާ ނައިޖީރިޔާ ސަރުކާރު އިސް އޮފިޝަލުން ލަފާކުރައްވާ ގޮތުގައި، ތެޔޮ ހޮޅިތަކުން ވަަގަށް ތެޔޮ ނެގުމުގެ ސަބަބުން އެ ގައުމަކަށް ދުވާލަކު 2 ލައްކަ ފީފާ ތެޔޮ ގެއްލިގެން ދެއެވެ. އެއީ އެ ގައުމުގައި އުފައްދާ ތެލުގެ %10 އެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.