އެޗް.ޕީ.އޭއިން ޤާއިމުކުރި ކޯލް ސެންޓަރ 1676ގެ ޚިދުމަތްދޭ ގަޑިއަށް ބަދަލު ގެނެސްފި

ފޮޓޯ: އާފަތިސް

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ޤާއިމުކުރި ކޯލް ސެންޓަރ 1676 ގެ ޚިދުމަތްދޭ ގަޑިއަށް ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭ އިން ބުނީ އެ އެޖެންސީން 24 ގަޑިއިރު ފޯރުކޮށްދެމުންދިޔަ 1676 ކޯލް ސެންޓަރުގެ ޚިދުމަތް މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ލިބޭނީ ރަސްމީ ގަޑިތަކުގައި އެކަނި ކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ގާއިމުކުރި މި ކޯލް ސެންޓަރުގެ ޚިދުމަތްދޭ ގަޑިއަށް މި ގެނައި ބަދަލާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ކޯލް ސެންޓަރަށް ގުޅައިގެން ހަމަޖައްސައިދެމުން ގެންދިޔަ ޑޮކްޓަރުންގެ އޮންލައިން ކޮންސަލްޓޭޝަން ދިނުން ވެސް ހުއްޓާލެވޭނެކަމަށް ވެސް އެޗް.ޕީ.އޭއިން ބުނެއެވެ.

މާލޭ ސަރަޙައްދުގައި ކޯވިޑަށް ޕޮޒިޓިވްވެފައިވާ ނުވަތަ ޑައިރެކްޓް ކޮންޓެކްޓުވެގެން ކަރަންޓީނުގައި ތިބޭ މީހުން ޞިއްޙީ ފަރުވާ ހޯދަންޖެހޭ ޙާލަތްތަކުގައި އެންމެ ކައިރި ހޮސްޕިޓަލަކާ ގުޅައިގެން އޮންލައިން ކޮންސަލްޓޭޝަން ނުވަތަ އެ ހޮސްޕިޓަލަކުން ކަނޑައަޅާފައިވާގޮތުގެ މަތިން ޞިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މިފަދަ ފަރާތްތަކުގެ ތެރެއިން ކުއްލިއަކަށް ޙާލުބޮޑުވެ، އިމަރޖެންސީގައި ފަރުވާދޭންޖެހޭ ފަރާތްތައް އެމެޖެންސީ މެޑިކަލް ސަރވިސްގެ ނަންބަރު 100 އަށް ގުޅައިގެން ކުރިއަށްދިއުމަށް ވެސް އެ އިދާރާ އިން ވަނީ އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.