ގައިދީން ތަހައްމަލު ކުރަން ޖެހިފައިވާ ދަތިކަމާއި ހިތްދަތި ކަމަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް: ހޯމް މިނިސްޓަރ

ގައިދީން ތަހައްމަލު ކުރަން ޖެހިފައިވާ ދަތިކަމާއި ހިތްދަތި ކަމަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕްރިޒަންސް އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރި އޮފިސަރުން ދަސްވެނިވެ، ހުވާ ކުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ގިނަ ޖަލުތަކަކީ ފެށުމުގައި އެހެން ކަމަކަށް ބޭނުންކުރި ތަންތަން ކަމަށެވެ.

އެކަމުގެ ސަބަބުން ވެސް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މި ތަންތަނުގައި ގައިދީން ގެންގުޅެން ޖެހުމުން އެ ކަމުގައި އުފުލަން ޖެހޭނޭ ބުރައާއި ނިކަމެތިކަން ތަސައްވަރު ކުރެވޭ ކަމަށެވެ.

" ޖަލުގައި ބޭނުންކުރެވޭ ބައެއް މަދު އިމާރާތްތަކަކީ ޖަލު ހިންގަން އެޅިފައިވާ އިމާރާތްތަކެއް ނަމަވެސް އެ ތަންތަނަކީ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތަކަށް ނުފެތޭ ފަދަ ދަށް ފެންވަރެއްގައި ހުރި ތަންތަން." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ދައުރު ނިމުމުގެ ކުރިން މި މައްސަލަތައް ހައްލުކޮށް، އެއްކޮށް ބަދަލުކޮށްލާނެ ކަމަށާއި މިކަންކަން ތަރުތީބު ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.