ދެބަސްވެފައިވާ ބަޔަކު ޞުލްޙަކުރުވުމުގެ މުހިއްމުކަން

ކީރިތި ޤުރްއާނާއި މާތްނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތާއި ޢިލްމުވެރިންގެ އިޖްމާޢުން ސާބިތުވާ ގޮތުގައި، ދޮގުހެދުމަކީ ބޮޑުވެގެންވާ ފާފައެކެވެ. ޙަރާމް ކަމެކެވެ. ނަމަވެސް ދެބަސްވެފައިވާ ބަޔަކު ޞުލްޙަ ކުރުވުންފަދަ ކަމެއްގައި ޙަޤީޤަތާ ޚިލާފު ވާހަކައެއް ދައްކައިގެން އެ ބަޔަކު ޞުލްޙަ ކުރުވުމަކީ ހުއްދަ ކަމެކެވެ. އެއީ ފާފައެއް އަދި ދޮގެއް ކަމަކަށް އިސްލާމްދީން ނުދެކެއެވެ. މިއިން ދޭހަވަނީ، ކޮންމެފަދަ ގޮތަކުން ވިއަސް މުސްލިމުންގެ މެދުގައި ޞުލްޙަ ޤާއިމުކުރުވުމަށް އިސްލާމްދީނުގައި ދެއްވާފައިވާ ދަރަޖައިގެ މަތިވެރިކަމެވެ.

عَنْ أُمِّ كُلْثُومٍ، بِنْتِ عُقْبَةَ بْنِ أَبِي مُعَيْطٍ، رَضِيَ اللَّهُ عَنهَا، قَالَتْ: سَمِعْتُ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: {لَيْسَ الْكَذَّابُ الَّذِي يُصْلِحُ بَيْنَ النَّاسِ، فَيَنْمِي خَيْرًا، أَوْ يَقُولُ خَيْرًا.} (مُتَّفَقٌ عَلَيهِ) وَفِي رِوَايَةٍ لِمُسْلِمٍ قَالَتْ: وَلَمْ أَسْمَعْهُ يُرَخِّصُ فِي شَيْءٍ مِمَّا يَقُولُهُ النَّاسُ إِلاَّ فِي ثَلاَثٍ، تَعْنِي: الْحَرْبَ، وَالإِصْلاَحَ بَيْنَ النَّاسِ، وَحَدِيثُ الرَّجُلِ امْرَأَتَهُ، وَحَدِيْثُ الْمَرْأَةِ زَوْجَهَا”. މާނައީ: މާތް اللَّهُ، އެ ކަމަނާއަށް ރުއްސުންލެއްވި އުއްމުކުލްޘޫމު ބިންތި ޢުޤުބަތު ބްނު އަބީމުޢައިޠުގެ އަރިހުން ރިވާވެގެން ވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. ރަސޫލު اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާތީ ތިމަންކަމަނާ އަޑުއެއްސެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. {(ދެބަސްވެފައިވާ) ދެ މީހެއްގެ ދެމެދު ޞުލްޙަ ކުރުވުމަށްޓަކައި ދޮގެއްހަދާ މީހާއީ، ދޮގުހެދި މީހަކުކަމުގައި ނުވާހުއްޓެވެ. ފަހެ، އޭނާ ގަސްދުކުރަނީ ހެޔޮކަމަކަށެވެ. އަދި އޭނާ ބުނަނީވެސް ހެޔޮވާހަކައެކެވެ.} (މިއީ އަލްބުޚާރީއާއި މުސްލިމު ނެރުއްވި ޙަދީޘެކެވެ.)

އަދި މުސްލިމުގެ އެހެން ރިވާޔަތެއްގައިވެއެވެ. އެ ކަމަނާ ވިދާޅުވިއެވެ. [މީސްތަކުން ބުނެއުޅޭ ބަސްތަކުގެތެރެއިން ތިން ކަމެއްގައި މެނުވީ، ދޮގެއް ބުނުން ހުއްދަކުރެއްވިކަން ތިމަންނާއަށް އެނގިވަޑައިގެން ނުވެއެވެ. އެ ތިން ކަމަކީ، ހަނގުރާމައިގެ ވަގުތުގައްޔާއި، (ދެބަސްވެފައިވާ) ދެ މީހެއްގެ ދެމެދު ޞުލްޙަ ކުރުވުމަށާއި، ފިރިމީހާ އޭނާގެ އަނބިމީހާ ރުއްސުވުމަށާއި، އަނބިމީހާ އޭނާގެ ފިރިމީހާ ރުއްސުވުމަށެވެ.]

ޝައްކެއްނެތެވެ. {ޤަތުލު ކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ.}

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.