ދައުލަތުން ގެއްލިފައިވާ މުދާ ހޯދުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް: އޭސީސީ

ފޮޓޯ: ސަން އޮންލައިން

ދައުލަތުން ގެއްލިފައިވާ މުދާ ހޯދުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާނެ ކަމެއް ކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އެ ކޮމިޝަނަަށް އަލަށް އައްޔަން ކުރެއްވި ފަސް މެންބަރުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު ޝިޔާމާ މުޙައްމަދު ވިދާޅުވީ ދައުލަތުން ގެއްލިފައިވާ މުދާ ހޯދުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެއް ކަމަށެވެ. ނަމަވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

" ފުރަތަމަ މައްސަލަ ތަހުގީގު ކުރަން ފެށުމުގެ ކުރިން އެ މައްސަލައިގައި އެސެޓް ރިކަވާ ކުރެވޭނެތޯ ނުވަތަ ނޫންތޯ ވެސް ބަލާނަން. މިސާލަކަށް ޖިނާއީ އޭންގަލަކުން ނުބެލޭ ކަމަށްވާނަމަ، މަދަނީ އޭންގަލަކުން ވެސް ބަލައިގެން އަޅުގަނޑުމެން މި މައްސަލައަކީ އެސެޓް ރިކަވަރީގެ ދަށުން އެސެޓް ރިކަވާ ކުރެވޭނެ މައްސަލައެއްތޯ ބަލާފައި އެ އެންގަލަށް ބަލައިގެން އަޅުގަނޑުމެން ތަހުގީގު ކުރިއަށް ގެންދާނީ" ޝިޔާމާ ވިދާޅުވިއެވެ.

ޝިޔާމާ ވިދާޅުވީ އެކި މީހުން އަތުން ދައުލަތަށް ލިބެންޖެހޭ ވަރަށް ގިނަ ފައިސާތަކެއް ނުލިބި އެބަހުރިކަމަށާއި އެއީ އާންމު ރައްޔިތުންނާ ދައުލަތުގެ މުއައްސަސާތަކުގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

އެ ފައިސާ ނުލިބިހުރުމުގެ ސަބަބުން ދައުލަތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ފާހަގަ ކުރައްވާ ޝިޔާމާ ވިދާޅުވީ އޭސީސީގެ ފަރާތުން އެސެޓް ރިކަވަރީ ދިރާސާއެއް ކުރަމުން އަންނަކަމަށެވެ. އަދި އެ ދިރާސާގައި އެސެޓް ރިކަވަރ ކުރުމަށް ކުރެވޭނީ ކޮންކޮން ކަންތައްތަކާއި ކުރަން ޖެހޭނީ ކޮން ކަންތައްތަކެއްކަން އެނގޭނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝިޔާމާ ވިދާޅުވީ ގާނޫނު އިސްލާހުކުރަން ޖެހޭ ނަމަ އެކަންކޮށް އަދި ގަވާއިދު އެކުލަވާލައި އެކަމާ ގުޅޭ އުސޫލުތައް ވެސް އެކަށައަޅާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.