ރާއްޖޭގައި ކަޝްމީރު ދުވަސް ފާހަގަ ކޮށްފި

ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނު އެމްބަސީގައި މިއަދު ކަޝްމީރު ދުވަސް ފާހަގަކޮށްފިއެވެ. ކަޝްމީރު ދުވަހަކީ އިންޑިއާއިން ހިފާފައިވާ ކަޝްމީރުގައި ދިރިއުޅޭ ރައްޔިތުން މިނިވަން ކަމަށްޓަކައި ކުރަމުން ގެންދާ ޖިހާދަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

ޕާކިސްތާނު އެމްބަސީގައި މިއަދު މެންދުރު ބޭއްވި ހަފުލާގައި ދިވެހިންނާއި މާލޭގައި ދިރިއުޅޭ ޕާކިސްތާނު މީހުން ވަނީ ބައިވެރިވެފައެވެ.

ހަފުލާގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވައިސް އެޑްމިރަލް (ރ) އަޠްހަރް މުޚުތާރު ވާހަކަފުޅު ދެއްވިއެވެ. އޭނާގެ ވާހަކަފުޅުގައި ކަޝްމީރުގެ މައްސަލައިގެ މައްޗަށް އަލިއަޅުވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޕާކިސްތާނު އަބަދުވެސް އޮންނާނީ ކަޝްމީރުގެ ރައްޔިތުންނާ އެކުގައެވެ. ކަޝްމީރުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނަގަން އަލިފުދާލުން ފާސްކޮށްފައިވާ ގަރާރަށް އަލިއަޅުވައިލައްވައި ދެއްކެވި ވާހަކަފުޅުގައި ހައި ކޮމިޝަނަރު ވިދާޅުވި ގޮތުގައި އިންޑިއާ ފެށުނީއްސުރެ ގެންދަނީ އެ ވޯޓު ނެގުމާ ދެކޮޅު ހަދަމުންނެވެ.

މި ހަފުލާގައި ޕާކިސްތާން ހައި ކޮމިޝަންގެ ޑެޕިއުޓޫ ހެޑް އޮފް ދަ މިޝަން ޒުލްޤަރްނައިން އަޙްމަދުވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާގެ ވާހަފުޅުގައި ވަނީ އިންޑިއާއިން ހިފާފައިވާ ކަޝްމީރުގައި ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކުގެ މައްޗަށް ވާހަކަފުޅު ދައްކަވައިފައެވެ.

ހަފުލާގެ ތެރޭގައި ކަޝްމީރުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓަރީއެއްވެސް ދެއްކިއެވެ. އަދި ހަފުލާ ނިންމުމަށް ފަހު ކަޝްމީރުގެ ރައްޔިތުންނަށް ތާއީދު ކުރުމުގެ ގޮތުން ޕޯސްޓަރު ހިފައިގެން ތިބެ ބައިވެރިން ފޮޓޯއެއްވެސް ވަނީ ނަގައިފައެވެ.

ކަޝްމީރަކީ އިންޑިއާއާއި ޕާކިސްތާނާ ވަކިނުވެ އޮތް ދުވަސްވަރު ވަކި ރަސްކަމެއްގެ ގޮތުގައި އޮތް ތަނެކެވެ. ޕާކިސްތާނު އުފެދުނުއިރު އެއްބަސްވެވުނީ އިސްލާމުން ގިނަ ތަންތަން ޕާކިސްތާނަށް ދޭށެވެ. މުސްލިމު އަޣްލަބިއްޔަތެއް އޮތް ނަމަވެސް އެ ދުވަސްވަރު ކަޝްމީރުގައި ހުންނެވީ ހިންދޫ ރަސްކަލެކެވެ. އެ ރަސްގެފާނުގެ އަނިޔާވެރިކަން ބޮޑޫވެގެން ގޮސް ރައްޔިތުން ތިބީ އޭނާޔާ ދެކޮޅަށް ތެދުވެއެވެ. ދަނޑިވަޅު ބައްލަވާފައި ރަސްގެފާނު ނިއު ދިއްލީއަށް ވަޑައިގެން އިންޑިއާގެ ވެރިންނާ ބައްދަލު ކުރެއްވިއެވެ. އެޔާއެކު އިންޑިއާ ސިފައިން ސްރީ ނަގަރަށް ފައިބައި ކަޝްމީރުގެ އެއްބައި ހިފީއެވެ. އޭގެ ފަހުން އިންޑިއާއިން ގެންދަނީ ރައްޔިތުންގެ ރުހުމާ ދެކޮޅަށް ކަޝްމީރުގައި ބާރު ގަދަ ކުރަމުންނެވެ. އެކަމަކު ހިފި ދުވަހުން ފެށިގެން އަދާ ހަމައަށް ކަޝްމީރު ރައްޔިތުންގެ ޖިހާދަކަށް ފިނިކަމެއް ނާދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.