ކެނެޑާގެ އާއްމު އިންތިޚާބުގައި ބޮޑުވަޒީރު ޓްރޫޑޯގެ ލިިބަރަލް ޕާޓީ ހަނި ގޮތަކަށް މޮޅުވެއްޖެ

ޓޮރޮންޓޯގެ ވޯޓުލާ މަރުކަޒެއް ބޭރުގައި ވޯޓުލާ މީހުން ކިއުހަދައިގެން

ކެނެޑާގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގައި ވެރިކަންކުރާ ލިބަރަލް ޕާޓީ (ދަ ލިބަރަލްސް) އަށް އަޣުލަބިއްޔަތު ނުލިބުނު ނަމަވެސް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހަނިގޮތަކަށް އިތުރު ދަައުރަކަށް ހޮވިވަޑައިގެންފިއެވެ. ކޮވިޑް-19 ގެ ހަތަރުވަނަ ރާޅެއްގެ ތެރެއިން އަވަސް އިންތިޚާބެއް ބޭއްވެވުމުން ބޮޑުވަޒީރަށް ތާއިދުކުރާ ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފައެވެ. އިންތިޚާބު ބާއްވާފައި މިވަނީ ބާއްވަން ޖެހޭ ދުވަހަށްވުރެ ދެ އަހަރު ކުރިންނެވެ.

ކެނެޑާގެ ސީބީސީ ނިއުސް ޗެނެލުން ޚަބަރުދިން ގޮތުގައި ޓްރޫޑޯގެ ލިބަރަލްސްއަށް ކާމިޔާބުކުރެވުނީ 157 ގޮނޑިއެވެ. ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް 170 ގޮނޑި ބޭނުންވެއެވެ. ރަސްމީ ނަތީޖާތައް ހޯމަދުވަހުގެ ނިޔަލަށް ނުލިބުނު ނަމަވެސް، މީޑިޔާތަކުގެ ނަތީޖާތަކުން ވަނީ އިންތިޚާބުގެ ނަތީޖާ ސާފުވެފައެވެ.

ހަނި އަޣުލަބިއްޔަތެއް ލިބިވަޑައިގަތްނަމަވެސް ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވީ ރައްޔިތުން އޭނާއަށް ސާފު 'މެންޑޭޓެއް ދީފައިވާ ކަމުގައެވެ.

"ކެނެޑާގެ އެތައް މިލިޔަން ބަަޔަކު މިވަނީ 'ޕްރޮގްރެސިވް' ޕްލޭނަކަށް ވޯޓުދީފައި. އަަހަރުމެންނާ މިހާރު ކުރިމަތިވެފައި މިވާ ދަނޑިވަޅަކީ ހަގީގީ މުހިއްމު ބަދަލުތަކެއް ބޭނުންވާ ދަނޑިވަޅެއް. އަދި ރައްޔިތުން މިވަނީ މި ގާނޫނުހަދާ މަޖިލީހަށާއި، މި ސަރުކާރަށް ކުރިއަށް ދާންވީ މަގު ސާފުކޮށް ދައްކާދީފައި." ޓްރޫޑޯ ވިދާޅުވިއެވެ.

2015 ވަނަ އަހަރު އަޣުލަބިއްޔަތާއެކު ވެރިކަމަށް ވަޑައިގަތް ޓްރޫޑޯއަށް 2019 ގެ އިންތިޚާބަށްފަހު ވެސް ޖެހިވަޑައިގަތީ އަޣުލަބިއްޔަތެއް ނެތް ސަރުކާރެއް އެކުލަވާލާށެވެ. ދެ އަހަރު ފަހުން، ކޮވިޑް-19 އާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއް ކުރައްވައި، ވެކްސިންޖެހުމުގެ ކާމިޔާބު ކެމްޕޭނެއް ނިންމަވާލެއްވުމަށް ފަހު، ރަނގަޅު ނަތީޖާއެއް ހޯއްދެވުމުގެ އުއްމީދުގައި އިންތިޚާބު ބޭއްްވެވުމުން ވެސް އޭނާއަށް ޖެހިވަޑައިގަތީ އަޣުލަބިއްޔަތު ނެތް ސަރުކާރެއް އެކުލަވާލައްވާށެވެ.

އިދިކޮޅު ކޮންޒާވެޓިވް ޕާޓީގެ ލީޑަރު އެރިން އޮޓޫލް ވަނީ ބަލި ގަބޫލުކުރައްވާފައެވެ. 338 ގޮޑީގެ ގާނޫނުހަދާ މަޖިލީހުގައި އޭނާގެ ޕާޓީއަށް ކާމިޔާބުކުރެވުނީ 121 ގޮނޑިއެކެެވެ.

ރައްޔިތުންގެ ބޮޑު ތާއީދަކާއެކު 2015 އަހަރު ވެރިކަމަށް ވަޑައިގަތް، އުމުރުފުޅުން 49 އަހަރުގެ ޖަސްޓިން ޓްރޫޑޯއަކީ ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޕީއާ ޓްރޫޑޯގެ ދަރިކަލުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.