ކެނެރީ އައިލޭންޑްސްގެ އަލިފާން ފަރުބަދައެއް ގޮވައި، އަލިފާން ފައިބާތީ ކައިރި އަވަށްތައް ހުސްކޮށްފި

ކެނެރީ އައިލޭންޑްސްގައި އަލިފާން ފަަރުަބަދަ ގޮވައި އަލިފާން ފައިބަނީ

ސްޕޭންގެ ދަށުގައި އޮންނަ ކެނެރީ އައިލޭންޑްސްގެ ލަޕާލްމާގައި ހުންނަ އަލިފާން ފަރުބަދައެެއް ގޮވައި، ވިރިފައިވާ ހިލައާއިއެކު އަލިފާން ފައިބަމުންދާތީ ފަރުބަދަ ކައިރީގެ އަވަށްތަކުން މީހުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދަން ފަށައިފިއެެވެ.

ފާއިތުވި ދުވަސްތަކުގައި ފަރުބަދަ ހުރި ސަރަހައްދަށް ކުދި ބިންހެލުންތައް އަންނަމުންދާތީ، އެ ސަރަހައްދުގެ އަވަށް ތަކުގައި ދިރިއުޅޭ ނުކުޅުންތެރިކަން ހުންނަ މީހުންނާއި، ބައެއް ޖަނަަވާރުތައް އިއްޔެ ފަރުބަދަ ގޮވުމުގެ ކުރިންވެސް ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.

ކުމްްބްރޭ ވިއެޚާ ނޭޝަނަލް ޕާކުގައި ހުރި އަލިފާން ފަރުގަދަ ގޮވައި އަލިފާނާއެކު ވިރިގެން ފައިބާ ދިޔާ ހިލައިގެ ކޯރުތައް އެ ސަރަހައްދުގައި މީހުން ދިރިއުޅޭ ހަތަރު އަވަށެއް ހުސްކުރުމުގެ މަސައްކަތް މުނިސިިޕަލްޓީން ވަނީ ފަށާފައެވެ.

ރޭނގަޑު ނަގާފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ފަރުބަދަ އިން އަރައިގެންދާ އަލިފާން ޖައްވުގެ ތެރެއަށް އެތައް ސަތޭކަ މީޓަރަކަށް އަރައިގެން ގޮސްފައި ވެއެވެ. މި ގޮވުންތަކާއެކު ފައިބާ ދިޔާވެފައިވާ ހިލައިގެ ތިން ކޯރެއް އުފެދިފައިވާއިރު އެ ކޯރުުތައް ދަނީ ކައިރީގައިވާ ޖަންގަލީއަށާއި، ދަނޑުބިންތަކާ ދިމާއަށް ދަތުރުކުރަމުންނެވެ.

ފަރުބަދައިގެ ކަރީގައި އޮންނަ އެލްޕާސޯ އަވަށުގެ ބައެއް ގެތަކާ ދިމާއަށް ދިޔާވެފައިވާ ހިލައިގެ ކޯރެއް ދަތުރުކުރާތީ އެއަވަށުގެ މޭޔަރު ސެރްގިއޯ ރޮޑްރިގޭޒް ވަނީ އެ ގެތަކުގައި ދިރިއުޅޭ 300 އެއްހާ މީހުން އެ އަވަށުގެ ފުޓުބޯޅަ ދަޑަށް ބަދަލުކުރަން އަންގަވާފައެވެ. އެތައް ސަތޭކަ މީޓަރެއް ދިގުމިނުގައި ހުރި އެތައް މީޓަރެއް ފުޅާ ދިޔާ ހިލައިގެ ކޯރެއް ވަނީ ބޮޑު މަގެއް ހުރަސްކޮށް ގެތަށް ވަށާލާފައެވެ. އެ މަންޒަރު ދައްކައިދޭ ވީޑިޔޯތައް މީސް މީޑިޔާގައި އާއްމުވެފައި ވާއިރު، ހޫނު ދިޔާ ހިލައިގެ ކޯރު އެއްވެސް ގެއަކަށް ވަންތަން ވީޑިއޯއަކުން ނުފެނެއެެވެ.

ފަރުބަދައާއި ދިމާއަށް ދެވޭ މަގުތައް ބަންދުކޮށް، މަންަޒަރު ބެލުމަށާ، ފޮޓޯ ނެގުމަށް މީހުން ފަރުބަދައާއި ކައިރި ހިސާބަށް ދިއުން ވަނީ މަނާކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެނެރީ އައިލޭންޑްސްގެ ރައީސު އެންޖެލް ވިކްޓަރ ވިދާޅުވިގޮތުގައި 3000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެެންދެވިފައެވެ. އަދި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

އަލިފާން ފަރުބަދަ ގޮވި ނަމަވެސް ކެނެރީ އައިލެންޑްސްއަށް ކުރާ ވައިގެ ދަތުރުތައް ހުއްޓާލާފައި ނުވެއެވެ. ސްޕޭންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވަނީ ލަޕާލްމާއަށް ވަޑައިގެން އަލިފާން ފަރުބަދަ ގޮވުމުގެ ހާދިސާއަށްފަހު ކަންކުރަންވީ ގޮތާ ބެހޭ ގޮތުން ކެނެރީ އައިލޭންސްގެ އިސްވެރިންނާ މަޝްވަރާކުރައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.