ފޮރިން ސެކްރެޓަރީ ޣަފޫރު ޔޫރަޕް އިއްތިހާދާއި ބެލްޖިއަމްގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފި

ބެލްޖިއަމްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ޢަބްދު ޣަފޫރު މުހައްމަދު ޔޫރަޕް އިއްތިހާދު (ޔޫރަޕިއަން ޔޫނިއަން) އާއި ބެލްޖިއަމް ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފިއެވެ.
ބުދަ ދުވަހުގެ ހެނދުނު ބޭއްވި ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ ޣަފޫރު ވަނީ ޔޫރަޕިއަން ޔޫނިއަންގެ ޑައިރެކްޓަރޭޓް-ޖެނެރަލް ފޮރ ޓްރޭޑްގެ ޑައިރެކްޓަރ އިން ޗާރޖް އީވާ ސިނޮވިއެކްއާއި ބައްދަލުކުރައްވާ ދިވެހިރާއްޖެއާއި ޔޫރަޕް އިއްތިހާދާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ދިވެހިރާއްޖެއިން ޔޫރަޕް އިއްތިހާދަށް އެކްސްޕޯޓުކުރާ ކަނޑުމަހުން ޓެކްސް ނުނެގުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ފޮރިން ސެކްރެޓާރީ ޣަފޫރުވަނީ ޔޫރަޕިއަން ޔޫނިއަންގެ ޑިރެކްޓަރޭޓް-ޖެނެރަލް ފޮރ އިންޓަނޭޝަނަލް ޕާޓްނާޝިޕްގެ ހެޑް އޮފް ޔުނިޓް މާރިއޯ ރޮންކޮނީއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގައި ޔޫރަޕް އިއްތިހާދުން ކުރެވެން ހުރި އިންވެސްޓްމެންޓްތަކާ ބެހޭގޮތުންނާއި ޔޫރަޕް އިއްތިހާދާއި ދިވެހިރާއްޖެ ގުޅިގެން އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.
ފޮރިން ސެކްރެޓަރީ ޣަފޫރުވަނީ ޔޫރަޕިއަން ޔޫނިއަންގެ ޑިރެކްޓަރޭޓް-ޖެނެރަލް އޮފް މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒްގެ ޑިރެކްޓަރ ޖެނެރަލް ޗަރލީނާ ވިޗެވާއާއި ބައްދަލުކުރައްވާ މެރިން ރިސޯސަސްއާއި މަސްވެރިކަމާއި ކަނޑުތައް ރައްކާތެރިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ޔޫރަޕިއަން އެކްސްޓާނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހެލީނާ ކޮނިގްއާއި ބައްދަލުކުރައްވާ ޔޫރަޕް އިއްތިހާދާއި ގުޅިގެން ދިވެހިރާއްޖޭގެ ވިޔަފާރި، އިގްތިސާދީ ކުރިއެރުން އަދި ފަތުރުވެރިކަން ކުރިއެރުވުމާއި ބެހޭގޮތުންވެސް ފޮރިން ސެކްރެޓަރީ ޣަފޫރު މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިންނަށް ޝެންގެން ވިސާ ހޯދުމުގައި އިތުރު ލުއިތަކެއް ހޯދުމުގެ ގޮތުން ދިވެހިރާއްޖެއާއި ޔޫރަޕް އިއްތިހާދާއި ދެމެދު ޕާޓްނާޝިޕް އެންޑް ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއިކުރުމާބެހޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
ޔޫރަޕް އިއްތިހާދުގެ އިސް އޮފިޝަލުންގެ އިތުރުން، ފޮރިން ސެކްރެޓަރީ ޣަފޫރުވަނީ ބެލްޖިއަމްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެކްޓިން ޑިރެކްޓަރ ޖެނެރަލް ފޮރ ބައިލޭޓަރަލް އެފެއާޒް ޖެރޯން ކޫރމަންއާއިވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ބެލްޖިއަމްގެ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި ދެގައުމު ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
މިބައްދަލުވުންތަކުގައި ފޮރިން ސެކްރެޓަރީގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ މަލްޓިލޭޓަރަލް ޑރ. ހާލާ ހަމީދު، ބެލްޖިއަމްގައި ހުންނަވާ ދިވެހިރއްޖޭގެ ސަފީރު ހަސަން ސޯބިރު، އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ރިޔާޒް މަންސޫރު، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު، އެސިސްޓެންޓް ޑިރެކްޓަރ ހުސައިން އަޒްހާން މުހައްމަދު ހުސައިން އިތުރުން އެންވާރަމެންޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ މަރިޔަމް އަނާ ހަސަން ބައިވެރިވެވަޑައިގެންވިއެވެ.
ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅަކީ 10 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖެއާއި ޔޫރަޕް އިއްތިހާދުގެ އިސް އޮފިޝަލުންގެ ދެވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ބެލްޖިއަމްއަށް ކުރައްވާ ދަތުރުފުޅެކެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، ރައީސް އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އަދި މިނިސްޓްރީ އޮފް އެންވާރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.