ރާއްޖޭގައި ޕާކިސްތާނުގެ ދިފާޢުގެ ދުވަސް ފާހަގަކޮށްފި

ޕާކިސްތާނުގެ ދިފާޢާއި ޝަހީދުންގެ ދުވަސް މިއަދު ރާއްޖޭގައި ހުންނަ ޕާކިސްތާން ހައި ކޮމިޝަނުގައި ފާހަގަ ކޮށްފިއެވެ. މިއީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

މި ދުވަހަކީ ޕާކިސްތާނާއި އިންޑިއާ ދެމެދު 1965 ގައި ކުރި ހަނގުރާމައިގައި ޝަހީދުވީ މީހުންގެ ހަނދާނާއި އެ ހަނގުރާމައިގެ ހަނދާން އައު ކުރުމުގެ ގޮތުން ފާހަގަ ކުރާ ޚާއްސަ ދުވަހެކެވެ.

މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވައިސް އެޑްމިރަލް (ރ) އަޠްހަރް މުޚްތާރު ވިދާޅުވި ގޮތުގައި  ސެޕްޓެމްބަރ 1965 ގައި ޝަހީދުވީ އަބުތާލުންގެ ހަނދާންތައް އަދިވެސް ޕާކިސްތާނުގެ ރައްޔިތުންގެ ހިތްތަކުގައި ނުފިލައި އެބަހުއްޓެވެ. ސަބަބަކީ އެއީ ޕާކިސްތާނުގެ މިނިވަންކަމަށްޓަކައި ފުރާނައިން ގުރުބާންވީ ހިތްވަރުގަދަ ދަރިންތަކަކަށް ވުމެވެ.

ޕާކިސްތާނުގެ ސަރުކާރާއި ރައްޔިތުންގެ ހިތްތަކުގައި އިންޑިއާއިން ހިފާފައިވާ ކަޝްމީރުގެ ރައްޔިތުން މިނިވަންކަމަށްޓަކައި ކުރާ މަސައްކަތަށް ދެވިފައިވާ ގަދަރު މިއަދުވެސް ސަފީރު ފާހަގަ ކުރެއްވިއެވެ. އިންޑިއާއިން ކަޝްމީރުގެ ރައްޔިތުންނަށް ކުރަމުން ގެންދާ އަނިޔާ އާއި ކަޝްމީރުގައި ހިންގާ ލާއިންސާނީ ހަރަކާތްތައް ކުށްވެރި ކުރެއްވިއެވެ. އަދި އަލިފުދާލުގެ ގަރާރުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިންޑިއާއަށް ބާރު އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސް ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ހެޑް އޮފް ދަ މިޝަން ޒުލްޤަރްނައިނިން އަޙްމަދުވެސް ވާހަކަފުޅުޅު ދެއްކެވިއެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ނިރުބަވެރިކަން ނައްތާލުމަށާއި ޕާކިސްތާނުގައި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ސިފައިން ގެންދަނީ ހިތްވަރާއެކު މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އަލިފުދާލުގެ ބައިނަލްއަގުވާމީ ސުލްހައިގެ ލަޝްކަރުން ދުނިޔޭގެ ސުލްހައަށްޓަކައި ކުރާ މަސައްކަތަށް އެންމެ ބޮޑަށް އެހީތެރިވާ ގައުމަކީ ޕާކިސްތާނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.