ނިއުޒީލޭންޑުގެ ސުޕަމާކެޓެއްގައި 6 މީހެއްގެ ގަޔަށް ވަޅި ހަރައިފި

ފުލުން ވަނީ ވަޅި ހެރި މީހާ މަރާލާފައި

މިއަދު ވަޅި ހަރުމުގެ ހާދިސާ ހިނގި ލީންމޯލް

ނިއުޒީލޭންޑުގެ އޯކްލޭންޑުގެ ސުޕަމާކެޓެއްގައި މިއަދު 6 މީހެއްްގެ ގަޔަށް ވަޅި ހަރައިފިއެވެ. ބޮޑުވަޒީރު ޖެސިންޑާ އާާޑާން ޓެރަރިސްޓ އަމަލެއްގެ ގޮތުގައި ސިފަކުރެއްވި މި އަމަލު ނިއު ލީން އަވަށުގެ ލީން މޯލް ސުޕަމާކެޓުގައި ހިންގާފައި ވަނީ އެންމެ މީހެކެވެ. ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އޭނާއަކީ އައިސިސް (އިސްލާމިކް ސްޓޭޓް) ގެ ފިކުރަށް ތާއީދުކުރާ މީހެެކެވެ.

މައުލޫމާތު ލިބޭގޮތުގައި ހަމަލާ އަމާޒުވި ތިން މީހެއްގެ ހާލު ދެެރައެވެ.

"އަނިޔާވެރި، ހައްދު ފަހަނައަޅާފައިވާ މީހަކު ވަނީ ނިއުޒީލޭންޑުގެ މައުސޫމު ބަޔަކަށް ޓެރަރިސްޓު ހަމަލާއެއް ދީފައި." ބޮޑުވަޒީރު އާޑާން ވިދާޅުވިއެވެ.

"އެއީ ނަފުރަތުގެ އަމަލެއް. އެއީ ނުބައި އަމަލެއް. އެކަން ކުރީ ވަކި ފަރުދެއް. ވަކި އަގީދާއަކުން ނޫން. އެ އަމަލުތަކުގެ ޒިންމާ އުފުލާނީ އޭނާއެކަނި." ހަމަލާދިން މީއާއަކީ 2011 ވަނަ އަހަރު ނިއުޒީލޭންޑަަށް ހިޖުރަކުރި ސްރީލަންކާ މީހެއްކަން ހާމަކުރައްވަމުން އާޑާން ވިދާޅުވިއެވެ.

ސަރުކާރުގެ "އެތައް އިދާރާއަކަށް" ކާކުކަން އެނގޭ އެ މީހާ ހަމަލާދޭން ފެއްޓިތާ 60 ސިކުންތުގެ ތެރޭގައި ފުލުހުން ވަނީ އޭނާގެ ގަޔަށް ބަޑިޖަަހައި އޭނާ މަރާލާފައެވެ.

"މިތާ ވަޅިއެއް ހިފައިގެން މީހަކު އެބައުޅޭ. އޭނާ އަތުގަ ވަޅިއެެއް އެބައޮތް. މީހެއްގެ ގަޔަށް ވަޅި ހަރައިވެސްފި." މީސްމީޑިޔާގައި އާއްމުވެފައިވާ ވީޑިއޯއެއްގައި އަންހެނަކު ބުނާ އަޑު އިވެއެވެ. ދެން ސުޕަމާކެޓުގެ ގާޑަކު އެތަނުން އެންމެން ދިއުމަށް ބުނާ ފަހުން ބަޑީގެ ހަ ވަޒަނުގެ އަޑު އިވެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް އެންޑްރޫ ކޯސްޓާ ވިދާޅުވި ގޮތުގައި ވަޅި ހެރި މީހާ ހަރަކާތްތެރިވީ އެކަަނިކަމާއި، އާއްމުންނަށް އިތުރު ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކަށް އެބައޮތެވެ.

ބޮޑުވަޒީރު ވިދާޅުވި ގޮތުގައި އޭނާއަކީ 2016 ވަނަ އަހަރުއްސުރެ ސަލާމަތީ ބާރުތަކުން ފާރަލަމުންދާ މީހެކެވެ. އަދި އޭނާގެ މައުލޫމާތު އާއްމުނުކުރަން ކޯޓު އަމުރެއް އޮތުމުން މި ވަގުތު އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތެވެ. ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އޭނާއަކީ ފުލުހުން ފާރަލަމުން ދިޔަ މީހަކަށް ވާތީ އޭނާ އުޅުނު ހިސާބުގައި ފުލުހުން ތިއްބެވެ. އަދި އޭނާ ފިހާރައަކުން ވަޅިއެެއް ގަނެގެން ނުކުމެ މީހުން ގަޔަށް ވަޅި ހަރަން ފެށުމާއެކު ފުލުހުން ވަނީ އޭނާ މަރާލާފައެވެ.

ހައްދު ފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދޮން މީހަކު 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 51 މީހަކު މަރައިލި ފަހުން ނިއުޒީލޭންޑުގެ ކަމާބެހޭ އިދާރާތަކުން ތިބެނީ ތައްޔާރީ ހާލަތުގަައެވެ.

ފާއިތުވި މޭ މަހުވެސް ސައުތު އައިލޭންޑުގެ ޑުނެޑިންގެ ސުޕަމާކެޓެއްގައި މީހަކު ވަނީ ފަސް މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމްކޮށްލާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.