މަޅުމަތި: ރައީސާއި މަޖިލިސް ރައީސާ ބައްދަލުކުރުން

އަހަރެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފައިންޕުޅު ދެކެން ބޭނުން ވެއްޖެއެވެ.
ރައީސް އޮފީހަށް ގުޅައިލީމާ އެކަން އޮންނަ ގޮތް ބުނެދީފިއެވެ.
އަހަރެން ސިޓީއެއް ލައިފީމެވެ.
މާ ގިނަ ދުވަހެއް ނުވެ އެޕޮއިންޓްމަންޓް ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އަހަންނާ ބައްދަލު ކުރެއްވީ އުފާވެރިކަމާއެކުގައެވެ.
ޒުވާން ދުވަސްވަރުގެ ހަނދާންތައް އައު ކުރައްވަމުންނެވެ.
ވަރަށް ގިނަ ވާހަކަފުޅު ދެއްކެވުމަށް ފަހު އަހަރެންގެ ބޭނުމަކީ ކޮބައިތޯ އައްސަވައިފިއެވެ.
އަހަރެން ދެންނެވީމެވެ.
"އަޅުގަނޑު މިސުރުގެ ރައީސާ ވާހަކަ ދައްކައިފީމެވެ.
އެމަނިކުފާނު ހުންނެވީ ރައީސް ކަމުން އިސްތިއުފާ ދެއްވައި މަނިކުފާނާ މިސުރުގެ ރައީސްކަން ހަވާލު ކުރައްވަން ތައްޔާރަށެވެ.
މިސުރަށް ވަޑައިގަންނަވަން ވީ ނޫންތޯއެވެ؟
ރައްޔިތުންގެ މަޖިލީހުގެ ރައީސާ ދެކޮޅުވެރިވެ ވަޑައިގަންނަވާން އޭރުން ޖެހިވަޑައެއް ނުގަންނަވާނެއެއް ނޫންތޯއެވެ؟"
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ތިޔައީ ކިހިނެއް ކުރެވޭނެ ކަމެއް ހެއްޔެވެ؟
އަހަރެން މިއީ ދިވެހިން މި ރާއްޖޭގެ ރައީސް ކަމަށް ހޮވާފައިވާ މީހެކެވެ.
އެހެންވީމާ މިސުރުގެ ރައީސްކަމާ ހަވާލެއް ނުވެވޭނެއެވެ."

* * *

އަހަރެން ދެން އެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފައިންޕުޅު ދެކޭށެވެ.
ވަރަށް ފަސޭހައިން އެޕޮއިންޓްމަންޓް ދެއްވައިފިއެވެ.
އެމަނިކުފާނުވެސް ފުރަތަމަ ދެއްކެވީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ވާހަކައެވެ.
އެކި ދުވަސްވަރުގެ ވެރިކަން އޮތް ގޮތާއި ގައުމުގެ ހަމަޖެހުން ދަމަހައްޓާނޭ ގޮތުގެ ވާހަކައެވެ.
އެޔަށް ފަހު އަހަރެންގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވައިފިއެވެ.
އަހަރެން ދެންނެވީމެވެ.
"އަޅުގަނޑު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރާ ވާހަކަ ދައްކައިފީމެވެ.
އެމަނިކުފާނު ހުންނެވީ މަނިކުފާނާ އެ ގައުމުގެ ބޮޑު ވަޒީރުކަން ހަވާލު ކުރައްވަން ތައްޔާރަށެވެ.
ވަޑައިގެން ހަވާލުވެ ވަޑައިގަންނަވަން ވީ ނޫންތޯއެވެ؟
ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅުވެރިވެ ވަޑައިނުގެން ވާނެއެއް ނޫންތޯއެވެ؟"
އެމަނިކުފާނު ވިދާޅުވިއެވެ.
"ތިޔައީ ކިހިނެއް ކުރެވޭނެ ކަމެއް ހެއްޔެވެ؟
އަހަރެން މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.
ގައުމު ދޫކޮށްލާފައި ގޮސް އެހެން ގައުމެއްގެ ބޮޑު ވަޒީރުކަމާ ހަވާލެއް ނުވެވޭނެއެވެ."

އަހަރެން ދެންނެވީމެވެ.
"އެހެން ވެއްޖެއްޔާ ދެ ބޭފުޅުން އެއް ގަލަކަށް އަރުއްވައިގެން އެއް މިސްރާބަކަށް ދަތުރު ކުރައްވާން ދަސްފުޅު ކުރައްވާން ވެއްޖެއެއް ނޫންތޯއެވެ؟"

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.