މެދުއިރުމަތީގައި ނުތަނަވަސްކަން ކުޑަކުރުމަށް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމެއް އިރާގުގައި ބާއްވައިފި

އިރާގުގެ ވެރިރަށް ބަޣުދާދުގައި އިއްޔެ ބޭއްވި ސަރަހައްދީ ބައްދަލުވުން

މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ އެންމެ އިސްވެރިންނާއި، އިސް މަސްއޫލުވެރިން އަދި ފްރާންސުގެ ރައިސު ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުމެއް އިރާގުގެ ވެރިރަށް ބަޣުދާދުގައި ބާއްވައިފިއެވެ. އިރާގުން އިސްނަގައިގެން ބާއްވާ މި ބައްދަލުވުމުގެ ބޭނުމަކީ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކޮށް، ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ރަނގަޅުކުރުމެވެ.

ސަރަހައްދުން ބޭރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފްރާންސުގެ ރައީސު އިމަނުއެލް މެކްރޯން މި ބައްދަލުވުން ސިފަކުރެއްވީ އިރާގާއި އެގައުމުގެ އިސްވެރިން ހޯއްދެވި ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ދާޚިލީ ހަމަނުޖެހުމާއި، އަމާންކަން ކުޑަވުމުގެ ސަބަބުން ސަރަހައްދުގެ އިސްވެރިން އިިރާގާ އަޅާނުލައްވައި ދޫކޮށްލައްވާފައި އޮންނަތާ އަހަރުތަކެއް ވެއްޖެއެވެ. އެހެންކަމުން މި ބައްދަލުވުން ވެގެން ގޮސްފައިވަނީ އިރާގާމެދު މެދުއިރުމަތީގައި އޮތް އިތުބާރު ބޮޑުވެފައިވާ ކަމުގެ ހެއްކަކަށެވެ.

'ބަޣުދާދު ކޮންފަރެންސް ފޯ ކޯޕަރޭޝަން އެންޑް ޕާޓްނަޝިޕް' ގެ ނަމުގައި އިއްޔެ ބޭއްވި މި ބައްދަލުވުމުުގައި އިރާގުގެ ބޮޑުވަޒީރު މުޞްޠަފާ އަލްކާޡިމީ އާއި ފްރާންސުގެ ރައީސު މެކްރޯންގެ އިތުރަށް ބައިވެރިވެވަޑައިގަތް ބޭފުޅުންނަކީ މިސްރު (އިޖިޕްޓް) ގެ ރައީސު ޢަބްދުލްފައްތާޙު އައްސީސީ، ޖޯޑަން (އުރްދުން) ގެ ރަސްގެފާނު ޢަބްދުﷲ ބިން ޙުސައިން، ޤަޠަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދް އާލްޘާނީ، ކުވައިތުގެ ބޮޑުވަޒީރު ޝައިޚް ޞަބާޙް ޚާލިދު އަލްޙަމަދް އައްޞަބާޙް، ސައޫދީ އަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން އާލްސުޢޫދު، އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލަހްޔާން އަދި ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވޭޝްއޮގްލޫ އެެެެވެ.

އެއްދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި ބައްދަލުވުން ނިމުމަށް ފަހު ނެރުނު ބަޔާނުގައި ވާގޮތުން ހުރިހާ ބައިވެރިންވެސް ވަނީ ސަރަހައްދުގެ އަމާންކަމާއި ހަމަޖެހުމަށް މަގުފަހިވާ ގޮތަށް ގުޅިގެން ސަރަަހައްދީ އަދި ބައިނަލްއަގުވާމީ މަސައްކަތްތަކެއް ކުރުމަށް އެއްބަސްވެފައެވެ.

ބައްދަލުވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އިރާގުގެ ޚާރިޖީ ވަޒީރު ފުއާދު ޙުސައިން ވިދާޅުވީ ބައްދަލުވުމުގެ ބައިވެރިންގެ ތެރެއިން އެންމެ ގުޅުން ގޯސްވެފައިވާ ދެ ގައުމު ކަމުގައިވާ ސައޫދީ އަރަބިއްޔާއާއި އީރާނާ ދެމެދު މަޝްވަރާތައް ކުރިއަށް ދާކަމުގައެެވެ. އަދި ދެ ގައުމުންވެސް އީޖާބީ ހައްލަކަށް ބޭނުންވާ ކަމުގައެވެ.

ރައީސު ޞައްދާމު ޙުސައިނުގެ ވެރިކަމުން އިރާގުން އަރައި ހިފި ގައުމު، ކުވޭތުގެ ބޮޑުވަޒީރު ވަނީ އިރާގަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި އިރާގަށް އެހީތެރިވުމަށް ކުވޭތު ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. އަނެއްކޮޅުން އިރާގުގެ ބޮޑުވަޒީރު އަލްކާޡިމީ ވަނީ އިރާގަކީ އަަަވަށްޓެރިންނަށް އުދުވާނީ ހަމަލާދޭ ގައުމަކަށް ނުވާނެކަމާއި، މާޒީއަށް އެނބުރި ދިއުމެއް ނެތްކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސައޫދީ އަރަބިއްޔާއާއި ޤަޠަރާ ދެމެދު އަަަހަރުތަކަކަށް ދެމިގެން ދިޔަ ރުޅިވެރިކަން ނިމުމަަކަށް އައިސް ދެ ގައުމުން އަލުން ގުޅުން ގާއިމުކޮށްފައި ވާއިރު، މި ބައްދަލުވުމުގައި ދެގައުމުންވެސް ވަނީ ސަރަހައްދީ ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަށް ތާއީދުކޮށްފައެވެ.

އީރާނު ޚާރިޖީ ވަޒީރު ޢަބްދުއްލަހްޔާން ވިދާޅުވީ ސަރަަހައްދުގެ ގައުމުތަކުގެ މެދުގައި ނުތަނަވަސްކަން އިތުރުވަނީ ބޭރު ގައުމުތަކުން އެ ސަރަހައްދުގެ މައްސަލަތަކުގެ ތެރެއަަށް ވަނުމުން ކަމުގައެވެ. އޭނާ ވަނީ ސަރަހައްދުން ބޭރު ގައުމުތަކުގެ އެފަދަ އަމަލުތައް ހުއްޓާލުމަށް ގޮވައިލައްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.