މެއި 6 ގެ ޙަމަލާގެ ޝަރީޢަތް ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، މިއަހަރުގެ މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ ދިން ހަމަލާގެ ޝަރީޢަތް ފަށައިފިއެވެ.

މިމައްސަލާގައި ދަޢުވާ އުފުލާފައިވާނީ ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެތެރެއިން 4 މީހެއްގެ މައްޗަށެވެ. އެއީ ގއ.ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި  ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދާއި މއ.ފޭރުގޭ މުޖާޒު އަހުމަދާއި ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް ގެ މައްޗަށެވެ.

މިމީހުންގެތެރެއިން ތަހުމީނުގެ މައްޗަށް އުފުލާފައި ވަނީ 4 ދަޢުވާއެކެވެ.  އެއީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމާއި އެފަދަ ޢަމަލެއް ކުރަން ރޭވުމާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާއެވެ. މުޖާޒުގެ މައްޗަށް އުފުލާފައިވަނީ 2  ދަޢުވާއެކެވެ.  އެއީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާއެވެ. ހައިޝަމްގެ މައްޗަށް އުފުލާފައިވަނީ 3 ދައުވާއެކެވެ. އެއީ ގޮވާ ތަކެތި އެހެންތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާއެވެ.

އަދުހަމުގެ މައްޗަށްއުފުލާފައިވަނީ 3 ދައުވާއެކެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއާއި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލްކޯޓުންވަނީ ޢާއްމުކޮށް ހުޅުވާލައިގެން މިމައްސަލައިގެ ޝަރީޢަތުގެ އަޑުއެހުންތައް ކުރިއަށްގެންދަން ނިންމަވާފައެވެ. މިއަދު އިބްތިދާއީ އަޑުއެހުން ވަނީ ފަށާފައެވެ. މި މައްސަލަ ބައްލަވަނީ 3 ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުންނެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާ ދީފައި ވަނީ މިއަހަރުގެ މެއިމަހުގެ 6ވަނަ ދުވަހުގެރޭ އެމަނިކުފާނު ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން މަޖީދީ މަގަށް ނުކުމެވަޑައިގަތްތަނާ ކައިރީގައި ހުރި ހުރި މޮޓަރުސައިކަލެއްގައި ބާއްވައިފައި އޮތް އައިއީޑީއެއް ގޮއްވާލައިގެންނެވެ. އެއީ މި މަހުގެ 6 ވަނަ ދުވަހުގެ ރޭ 8.27 ގައެވެ.

ހަމަލާއަށް ފަހު އެމަނިކުފާނުގެ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް 16 ގަޑިއިރު ވާންދެން އެތައް އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. ހަށިކޮޅަށް ވަދެފައި ހުރި ރޭޒާފުށްތައް ފުރާނަފުޅު ގެއްލިދިއުން އެކަށީގެންވާ ވަރަށް ނުރައްކާތެރި ދިމަދިމާއަށް ވަދެފައި ހުއްޓެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.