ހަރުކަށި ފިކުރާއި މަސްތުވާ ތަކެއްޗާ ދެކޮޅަށް ތައުލީމީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރެވިދާނެ: ރައީސުލްޖުމްހޫރިއްޔާ

ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމާއި މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރުމުގައި ތައުލީމީ ނިޒާމުގެ ތެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޝާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ދިރާސީ އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުގައި ބޭއްވި ޚާއްސަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ޙަޤީޤަތުގައި ޓީޗަރުންނަކީ، ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ، މީހުން ބިނާކުރުމުގެ ޢަމަލީ މަސައްކަތް ތަންފީޒުކޮށްދެއްވާ ބޭފުޅުން. އޭގެ އިތުރުން، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުމަށްޓަކައިވެސް، ތަޢުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދިނުމަކީ ވަރަށް ބޭނުންތެރި ކަމެއް. މުޖުތަމަޢަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދެ މައްސަލަ ކަމަށްވާ، ހަރުކަށި ފިކުރު ފެތުރުމާއި، މަސްތުވާތަކެތީގެ މައްސަލަ ޙައްލުކުރުމުގައި، އެންމެ މުހިންމު ދައުރެއް އަދާކުރެވޭނީ ތަޢުލީމީ ނިޒާމުގެ ތެރެއިން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ މުދައްރިސުންގެ ދައުރަށާއި މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި މުދައްރިސުންގެ މުސާރަ ބޮޑު ކުރުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ހިމަނަގައިގެން ސަރުކާރުން ކުރަމުން ގެންދާ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.