މަޅުމަތި: އައްޑޫ މީހުންގެ މަސައްކަތް

މިއީ އަޅުގަނޑުގެ އެކުވެރިޔަކު ކިޔައިދިން ވާހަކައެކެވެ.
މިއީވެސް ބައެއް މީސްމީހުންގެ ކިބައިގައި ހުންނަ ސިޔާސީ ވިސްނުން އެނގޭ ކަމަކަށް ވާތީ ލިޔެލީއެވެ.

2007 ވަނަ އަހަރު އޭރުގް ރައީސުލްޖުމްހޫރިއްޔާ އައްޑު އަތޮޅަށް ވަޑައިގެންނެވިއެވެ.
އެއީ ރައީސް މައުމޫނާ ދެކޮޅަށް އެމްޑީޕީގެ ހަރަކާތްތައް އެންމެ ބޮޑު ވެފައި އޮތް ދުވަސްވަރެވެ.
އެ ދަތުރުފުޅުގައި ވަރަށް ގިނަ ކަންތައްތައް އަތޮޅު ތެރޭގައި ހިނގިއެވެ.
ރުއްރުކުގައި ލިޔުންތައް ހިއްޕައި ކާރު ޓައިރު ހުޅު ޖަހާފައި އެމަނިކުފާނު ވަޑައިގަންނަވާ މަގުމައްޗަށް އެޅިއެވެ.
މީހުން މަގުމައްޗަށް ނުކުމެ ނުރުހުން ފާޅުކޮށް އުޅުނެވެ.

އޭގެ ދުވަސްކޮޅެއް ފަހުން މާލޭގެ އިއްޒަތްތެރި ބޭފުޅަކު އައްޑުއަށް ވަޑައިގަތެވެ.
އެއީ އެމްޑީޕީގެ އިސް ސަފުގެ ބޭފުޅެކެވެ.
އޭނާ އަހަންނާ ދެއްކި ވާހަކައެއްގެ ތެރޭގައި އަހައިފިއެވެ.
ބަލަ މައުމޫނު މި އަތޮޅަށް ވަޑައިގަތީމާ ކަލޭމެނަކަށް މާ ބޮޑު ކަމެއް ނުކުރެވުނު ދޯއެވެ؟

އަހަރެން ބުނީމެވެ.
މައުމޫނު ދިރިއުޅުއްވަނީ މާލޭގައި ހުންނަ ތީމުގެ ކިޔާ ގެއެއްގައެވެ.
އެގެއިން ނުކުމެ ވަޑައިގެން މައުމޫނު ވަޑައިގަތީ ބޮޑު ފާލަން ދޮށަށެވެ.
އެތަނުން އަރައިވަޑައިގަތީ ލާންޗަކަށެވެ.
ލާންޗުގައި ވަޑައިގަތީ ހުޅުލެއަށެވެ.
ހުޅުލޭ ފާލަމަށް ފައިބައިވަޑައިގެން ހިންގަވައިފައި ވަޑައިގަތީ ވީވީއައިޕީ ލައުންޖަށެވެ.
އެތަނުން ހިންގަވައިފައި ވަޑައިގެން އަރައިވަޑައިގަތީ މަތިންދާބޯޓަކަށެވެ.
އައްޑުއަށް ވަޑައިގަތީ އެ މަތިންދާބޯޓުގައެވެ.
މި ހުރިހައި ދަތުރުފުޅެއް މާލޭގައި ކުރެއްވި އިރު ކަލޭމެން މާލޭ މީހުން ކުރީ ކޮން ކަމެއް ހެއްޔެވެ؟
ހުރިހައި ކަމެއް ކުރުމާ ހަވާލު ވެފައި މިއޮތީ އައްޑޫ މީހުނާ ހެއްޔެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.