ކަންދަހާރު އެއާޕޯޓަށް ޠާލިބާނުން ރޮކެޓު ހަމަލާދީފި

ކަންދަހާރުގެ އަޙްމަދު ޝާހް ބާބާ އިންޓަނޭޝަނަލް އެއާޕޯޓް: މިތަނަށް ޠާލިބާނުން ވަނީ ރޭ ރޮކްޓް ހަމަލާދީފައި

ޠާލިބާން ޖަމާއަތުން ހިފުމަށް ހަނގުރާމަކުރަމުންދާ ކަންދަހާރު (ޤަންދަހާރު) ގެ އެެއާޕޯޓަށް ރޭ ރޮކެޓުން ހަމަލާދީފިއެވެ. ކަންދަހާރަކީ އަފްޣާނިސްތާނުގެ ދެވަނައަށް އެންމެ ބޮޑު ރަށެވެ.

ރަޝިޔާގެ އާރްޓީ ޓީވީން ޚަބަރުދިން ގޮތުގައި މިހަމަލާ ސަބަބުން އެ އެއާޕޯޓަށް ކުރާ ހުރިހާ ވައިގެ ދަތުރުތައް ކެންސަލްކޮށްފައިވާއި، ހަމަލާގެ ސަބަބުން އެއްވެސް މީހަކު މަރުވިކަމުގެ ޚަބަރު ލިބަފައި ނުވެއެވެ.

އެއާޕޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި މަސްޢޫދު ފަޝްތޫން ވިދާޅުވި ގޮތުގައި، އަޙްމަދު ޝާހު ބާބާ އިންޓަނޭޝަނަލް އެއާޕޯޓަށް ތިން ރޮކެޓު އެރިއިރު، އޭގެތެރޭން ދެ ރޮކެޓު އަމާޒުވެފައި ވަނި އެއާޕޯޓުގެ ރަންވޭއަށެވެ.

ޠާލިބާން ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ. އެ ޖަމާއަތުގެ ތަރުޖަމާނު ޒަބީޙުﷲ މުޖާހިދު ބުނިގޮތުގައި އެއާޕޯޓަށް ރޮކެޓު ހަމަލާ އަމާޒުކުރީ ޠާލިބާން ހަނގުރާމަވެރިންނަށް ވައިގެ ހަމަލާދިނުމަށް އެ އެއާޕޯޓު ބޭނުންކުރާތީއެވެ.

ފާއިތުވި ޖުލައި މަހުގެ ތެރޭގައި ކާބުލްގައި ހުންނަ ރިޔާސީ ގަނޑުވަރު ކައިރިއަށްވެސް ތިން ރޮކެޓުން ހަމަލާދީފައި ވެއެެވެ.

އަފްޣާނިސްތާނުގައިބި ބޭރު ސިފައިން ފައިބަން ފެށުމާއެކު ޠާލިބާން ޖަމާއަތުން ވަނީ އެޖަމާއަތުގެ ހަމަލާތައް ވަރުގަދަކޮށް ގިނަ ސަރަހައްދުތަކެއް ހިފާފައެވެ. އަފްޣާން ފޮރިން މިނިސްޓްރީން ބުނިގޮތުގައި 193 ޑިސްޓްރިކްޓް ހިފާފައެވެ. އޭގެތެރޭގައި ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ 19 ޑިސްޓްރިކްޓެއް ވެސް ހިމެނެއެވެ.

ބީބީސީއަށް މައުލޫމާތުދެއްވަމުން ކަންދަހާރަށް ނިސްބަތްވެވަޑައިގަންނަވާ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ ގުލް އަޙްމަދު ކާމިން ވިދާޅުވި ގޮތުގައި ޠާލިބާންގެ އަތްދަށަށް ކަންދަހާރު ދިއުމުގެ ބިރު އެބައޮތެވެ. އެހެންވެއްޖެނަމަ، އެ ޕްރޮވިންސް ކައިރިން ފަސްވަރަކަށް ޕްރޮވިންސު ޠާލިބާންގެ އަތްދަށަށް ދާނެއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޠާލިބާންގެ އަމާޒަކީ ކަންދަހާރު އެޖަމާއަތުގެ ވަގުތީ ވެރިރަށަކަށް ހެދުމެވެ.

ކަންދަހާރަކީ ޠާލިބާން ޖަމާއަތާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެކެވެ. އެއީ އެ ޖަމާއަތުގެ އުފަންރަށަށް ވާތީއެވެ.

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި ފާއިތުވި އެޕްރީލް މަހުންފެށިގެން ޠާލިބާން ހަނގުރާމަވެރިންނާ ސަރުކާރު ސިފައިންނާ ދެމުގެ ބަދަލުކުރެވެމުންދާ ހަމަލާތަކުގައި ސަރުކާރު ސިފައިންގެ 4000 މީހުން މަރުވެ، 7000 މީހުން ޒަޚަމްވެފައިވާއިރު، ޠާލިބާން ޖަމާއަތުން ވަނީ ސިފައިންގެ 1600 މީހުން ހައްޔަރުކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.