އިތިއޯޕިޔާގެ ޓިގްރޭގައި 6 ލައްކަ ކުޑަކުދިން ބަނޑަށްޖެހުމުގެ ބިރު އެބައޮތް: ޔުނިސެފް

ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ ދަރުމަވެރިން ޓިގްރޭގައި ހަރަކާތްތެރިވަނީ

އިތިއޯޕިޔާގައި ހަނގުރާމަ ހިނގަމުންދާ ޓިގްރޭ ސަރަހައްދުގައި ކުރިއަށް އޮތް އަހަރުތެރޭގައި 6 ލައްކައެެއްހާ ކުޑަކުދިންނަށް ބޭނުންވާ އެންމެ އަސާސީ ކާނާ ނުލިބި ބަނޑަށް ޖެހުމުގެ ބިރު އެބައޮތް ކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާއިން ބުނެފިއެވެ. 6 މިލިއަން މީހުން ދިރިއުޅޭ އެ ސަރަރައްދަށް އިންސާނީ އެހީ ފޮނުވޭނެ މަގު އަދި ވަނީ ބަންދުވެފައެވެ.

އދ. ގެ މި އަންދާޒާއަކީ އެ ސަރަހައްދުގައި އާއްމުކޮށް ފެންނަ ބަނޑަށްޖެހުމުގެ އަދަދުތަކަށް ވުރެ ދިހަ ގުނަ މަތި އަންދާޒާއެެކެވެ. "އަަހަރުމެންނަށް މިހާރު މި ފެންނަ މަންޒަރަކީ ހަަމަނުޖެހުން އިތުރުވެ، ކާބޯތަކެތި އެ ސަރަހައްދަށް ވެއްދުމަށް ހުރަސްތައް ކުރިމަތިވަމުންދާ މަންޒަރު." ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް އެމަޖެންސީ ފަންޑް (ޔުނިސެފް) ގެ ސީނިއާ ކޮމިއުނިކޭޝަން އެޑްވައިޒަރު މެރިކްސީ މެރްކާޑޯ ވިދާޅުވިއެވެ.

އދ. ގެ މި އިންޒާރު އައިސްފައި މިވަނީ އިތިއޯޕިޔާ ސަރުކާރުން ޓިގްރޭ ސަރަހައްދަށް ވަދެނުކުމެ އުޅުން މަނާކޮށްފައި އޮތުން ނިމުމަކަށް ގެނައުމަށް ބާރުއެޅުމަށްޓަކައި އދ.އާއި އެމެރިކާގެ އިސް އޮފިޝަލުންތަކެއް އިތިއޯޕިޔާއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނިކޮށެވެ. އެމެރިކާ ސަރުކށރުން މި ހިސާރު ސިފަކޮށްފައި ވަނީ "ހިސާރެއް"ގެ ގޮތުގައެވެ. އިތިއޯޕިޔާ ސަރުކާރުގެ ހުއްދަ ނުލިބިގެން އެހީގެ ތަކެއްޗާއިގެން ދަތުރުކުރި އދ. ގެ 200 ލޮރީއަށް ވަނީ އެ ސަރަހައްދަށް ނުވަދެވިފައެވެ.

މިހާރު ޓިގްރޭ ސަރަހައްދުން ފެންނަން ފަށާފައި އެވަނީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެ ދެކޭނެ އެންމެ ބޮޑު ބަނޑަށްޖެހުން ކަމުގައި އދ.ން ދެކެއެވެ. 9 ލައްކައެއްހާ މީހުން ބަނޑަށް ޖެހުމުގެ ބިރު އޮތްއިރު، ހަމަނުޖެހުން ބޮޑުވުމުގެ ސަބަބުން ދަނޑު ހައްދަން ފަށާ މޫސުމުގައި އެކަންވެސް ވަނީ ނުފެށިއެވެ.

4 ލައްކަ 30 ހާސް ކުޑަކުދިންގެ ހާލަތު ބެލުމަށް ފަހު ޔުނިސެފުން ކުރި އަންދާޒާއަކީ މީގެ ކުރިން ޓިގްރޭ ސަރަހައްދުގައި އެއްގޮތަކަށްވެސް ދިއުުމުގެ ހުއްދަ ދީފައި ނުވާ ދެ ރަށެއް ކަަމަށްވާ ގިޖެޓް އަދި ވިޖެރާޓަށް ކުރި ދަތުރަށް ފަހު ކޮށްފައިވާ އަންދާޒާއެކެވެ.

ޔުނިސެފުން ބުނީ ޓިގްރޭ ސަރަހައްދުގައި އެ ޖަމްއިއްޔާއިން ބެލި މާބަޑު އަންހެނުންނާއި، ކިރުމައިންގެ %47 މީހުންނަށް އެކަށީގެންވާ ކާނާ ނުލިބޭ ކަމުގައެވެ. މިއީ، މައިމީހާއާއި ތުއްތު ދަރިފުޅަށް ނުރައްކާ ކަމެކެވެ.

އދ.ން ބުނި ގޮތުގައި މި ޖުލައި މަހުގެ 12 ވަނަ ދުވަހުއްސުރެ އެހީގެ ތަކެތި ހިފައިގެންދާ ލޮރީތަކަށް ޓިގްރޭ ސަރަހައްދަށް ވަނުމުގެ ހުއްދަ ނުދެއެވެ. އެވްރެޖް ގޮތެއްގައި ހަފުތާއަކު 600 ލޮރީގެ އެހީގެ ތެކެތި އެ ސަރަހައްދަށް ގެންދަން ޖެހެއެވެ. މިމަހު 22 ވަނަ ދުވަހު ވައިގެ މަގުން ޓިގްރޭއަށް ދަތުރުކުރި އދ.ގެ އެހީދިނުމުގެ މަސައްކަތްކުރާ މީހުން ވަރަށް ބޮޑަށް ފާސްކޮށްފައި ވާއިރު، އެމީހުންނަށް އަސާސީ ބޭސްފަދަ ތަކެތި އެތެރެކުރުގެ ހުއްދަ ދީފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.