ޕީޕީއެމުން ރައީސް ނަޝީދަކާ ނުގުޅޭނެ: ޣައްސާން މައުމޫން

ޕީޕީއެމް ރައީސް ނަޝީދާ ނުގުޅޭނޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވި ގޮތުގައި ޕީޕީއެމް އޮތީ އެ ޕާޓީން ގަބޫލުކުރާ ހަމަތަކާއި އުސޫލުތައް ދޫކޮށްލާ ގޮތަކަށް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ވިދާޅުވި އިސްލާމްދީނުގެ މެދުމިނުގެ އޫސޫލަކީ ޕީޕީއެމުން ދަންނަ މިނެއް ނޫނެވެ. "މެދުމިނުގެ އިސްލާމްދީނެއް އޮންނަކަމަށް ޕީޕީއެމްއަކުން ޤަބޫލުނުކުރޭ. އިސްލާމްދީން އޮންނަނީ، ﷲ ސުބްޙާނަހޫ ވަަތަޢާލާ ބާވައިލެއްވި ގޮތަށް،" ޣައްސާން ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ އެކު މަސައްކަތް ނުކުރެއްވޭނޭ ކަމަށާއި ރައީސް ޔާމީނުގެ އެހީފުޅަށް އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު އެ ވިދާޅުވާ އެހީފުޅަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށްޓަކައި ބޭނުންފުޅުވާ އެހީފުޅެވެ.

ޣައްސާން މައުމޫން ވިދާޅުވި ގޮތުގައި ރައީސް ޔާމީން ތާއީދު ކުރައްވަނީ ރައްޔިތުންގެ ނިންމުމަށެވެ. ނިޒާމުގެ ވޯޓުގެ ކުރިން ރައީސް ޔާމީން ހުންނެވީ ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވައިގެން ނޫންތޯ ނޫސްވެރިޔަކު ދެންނެވުމުން ޣައްސާން ވިދާޅުވީ އެއީ އޭރު ތާއީދު ކުރެއްވި ގޮތް ކަމުގައެވެ. އެކަމަކު ވޯޓަކުން ރައްޔިތުން ނިންމި ގޮތަކީ މިހާރު ރައީސް ޔާމީނު ތާއިދު ކުރައްވާ ގޮތް ކަމުގައެވެ.

ޕީޕީއެމްގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ދުވަހަކުވެސް ތެލާއި ފެނާ އެކުނުވާނޭ ކަމުގައެވެ. އޭނާ އިޝާރާތް ކުރެއްވީ ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ގުޅިވަޑައިގަތުމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.