ކޮންމެ ކަލަންޑަރު މަހެއްގެ ހިތްދަތި ފަހު ހަފުތާ

ލިޔުއްވީ: الأستاذ محمد الحريري

ތަރުޖަމާ: އަޙްމަދް ސަމީރު ޢަލީ

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑަކީ ވަރަށް ނަސީބު ރަނގަޅު މީހެކެވެ. މަތީ ތައުލީމު ނިމި ލިބިފައިހުރި ސަނަދުތަށް އަޅުގަނޑު ހުރަހެޅި ފުރަތަމަ ކުންފުނިން، ރަނގަޅު ވަޒީފާއެއް ލިބުނެވެ. ކުންފުނީގެ ވެރިޔަކީ ހިތްހެޔޮ، ތެދުވެރިއެކެވެ. އަދި މުވައްޒަފުންނަށް މަސައްކަތް ދަސްކޮށްދެއްވައި، ކޮންމެ މީހެއްގެ ކިބައިގައިވެސް ހުންނަ ޝައުގުވެރިކަމުގެ ހުޅުކޮޅު ނިއްވާނުލައި، މީހުން ގޮވައިގެން  އުޅެން ދަންނަ މީހެކެވެ. މި ކުންފުނީގައި މެދު ނުކެނޑި ތިރީސް އަހަރު މަސައްކަތް ކުރެވުނު އިރު ވެރިޔާ ރުޅިއަންނަން ޖެހޭކަހަލަ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން އޭނާއަށް ފެނިފައެއް ނޯންނާނެއެވެ.

އޭނާ ނިޔާވިއިރު އަޅުގަނޑުމެން ދެމީހުންނަކީ ދެ ރަހުމަތްތެރިންނެވެ. ތެދެކެވެ، އަޅުގަނޑަށް މުސާރަ ދެއްވާ އަޅުގަނޑުގެ އިސްވެރިޔާއެވެ. ނަމަވެސް ދެމީހުންގެ މިޒާޖު ގުޅޭތީ މަސައްކަތުގެ ގުޅުން މަޑުމަޑުން ރަހުމަތްތެރިކަމަކަށް ބަދަލުވީއެވެ.

އަޅުގަނޑަށް ގަބޫލުކުރަން އެންމެ ދަތިވި ކަމަކީ، އަޅުގަނޑުގެ ވެރިޔާ ނިޔާވި ދުވަހަކީ އަޅުގަނޑުވެސް ކުންފުންޏަށް ގިނަވެ ބާކީވެ، މަގުމަތިވާނެ ދުވަސްކަމުގައި ދިމާވުމެވެ. ވެރިޔާ ނިޔާވުމުން ކުންފުނީގެ ހުރިހައި ކަމަކާ ހަވާލުވީ އޭނާގެ ދޮށީ ފިރިހެން ދަރި ހައިސަމް އެވެ. މި ހައިސަމަށް ދިމާވީ މުއްސަނދިންގެ ވަރަށް ގިނަމީހުންގެ ދަރިންނަށް، އަދި ޚާއްސަކޮށް އަރަބި ދުނިޔޭގައި  ބޮޑެތި މުއްސަނދިންގެ އެންމެ ދޮށީ ފިރިހެން ދަރިންނަށް ޖެހޭ އެންމެ ބޮޑު “ބައްޔެވެ”. އެއީ އެންމެ ޅަދުވަހުން ފެށިގެން މައިންބަފައިންގެ ކަނުލޯބިން ދޮންފުތު ކުރުމެވެ. މީނާ ކިޔަވައި ނިމިގެން ބައްޕަގެ ކުންފުންޏާ ގުޅި މެދުތެރޭގެ މަގާމަކުން ފެށި ދުވަސްވަރު އޭނާގެ ބައްޕަގެ ހުއްދައެއް ނުހޯދައި ސިއްރުން އެއްފަރާތްކޮށް ފޮރުވި ފައިސާތަކެއްގެ ވާހަކަ އަޅުގަނޑުގެ ވެރިޔާ، ހައިސަމްގެ ބައްޕަގާތުގައި ނަންގަތީމެވެ. އެދުވަހު ހައިސަމް ގެންނަވައި ވަރަށް ގިނަ ވާހަކަ ދެއްކެވިއެވެ. އަޅުގަނޑުދެކެ ހައިސަމް ރުޅި އަންނަން ފެށީ އެދުވަހުން ފެށިގެންނެވެ.

އެހެން ނަމަވެސް ކުންފުނީގެ ވެރިޔާގެ މަރުގެ ސެޓްފިކެޓުގައި އަޅުގަނޑުވެސް ‘މަރުވީ’ ކަމަށް ލިޔެވޭނެކަން ހަމަ ކުޑަކޮންވެސް ހިތަކަށް ނާރައެވެ! ހައިސަމްގެ އަތަށް ކުންފުނީގެ ހުރިހައި ބާރެއް ޖަމާވެ އޭނާގެ ބަހަކީ ފަހުބަސް ކަމުގައިވުމުން އެންމެ ފުރަތަމަ ވަޒީފާއިން ކަނޑައި މަގުމަތި ކޮށްލީ އޭނާގެ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ، އަޅުގަނޑެވެ! އެއްކަލަ ދުވަހު އަޅުގަނޑުގެ ވަފާތެރިކަން ދެއްކީ ހައިސަމަށް ނޫންކަން މީނާ އަދިވެސް ހަނދާންހުރިކަން ދައްކައިލީއެވެ!

އަޅުގަނޑަށް ލިބުނު ރަނގަޅު މުސާރަ ހޭދަކުރީ ދަރިންނަށް ކިޔަވައިދޭށެވެ. “ގޮދަޑި ދަށުގައި” މާގިނަ ނަގުދު ފައިސާއެއް ފޮރުވައިފައެއް ނެތެވެ. ފެށޭ މުސާރަ ލިބުނު ދުވަސްވަރު އަބަދުވެސް ބިރުގަންނަނީ ކަލަންޑަރު މަހުގެ ފަހު ހަފުތާގައި، އަތުގައި ހުރި ފައިސާއިން ދެކޮޅު ނުޖެއްސިދާނެތީއެވެ. މިހާރު މިވީގޮތަކީ އުމުރުން 57 އަހަރުގައި،  ބޭނުމެއްނެތް މުސްކުޅިއަކަށް ވީއެވެ. އުމުރުގެ ބާކީ އޮތްބައި، ބާކީ އޮތް ހުރިހައި ދުވަހެއް ‘މަހުގެ ފަހު ހަފުތާއަށް’ ވީއެވެ! އަރާމެއް ނެތި ގިނަ ވަގުތު މަސައްކަތުގައި އުޅުމުގެ ސަބަބުން މިހާރު ދެތިން ކުލައިގެ ބޭސްކާން އަހަންނަށް ޖެހެއެވެ. އަންހެނުންގެ ހާލު ވަކި ތަފާތެއް ނޫނެވެ. އޭނާވެސް ދިގުމުއްދަތަށް ކާން ޖެހޭ ދެތިން ބޭހެއް ގެންގުޅެއެވެ.

އަހަރެންގެ އެންމެ ދޮށީ ދަރިފުޅުގެ ނަމުގެ ކުރިޔަށް އެއްކަލަ އިއްޒަތްތެރި، ހައިބަތުހުރި ދެ އަކުރު އިތުރުކޮށްލެވެން ބާކީ ދޮޅު އަހަރު ވެސް ނެތެވެ. މުޅި އާއިލާގެ ހުވަފެން ހަގީގަތަކަށްވުން އެހައި ކައިރިއެވެ. ނަމަވެސް މިހާރު އެއީ އަތްފޯރާ ފަށުގައި އޮތް އުފަލެއް ބާއޭ ވެސް އެބަ ހިތަށް އަރައެވެ. ޑަކްޓަރު ކަމުގެ ފަހު ދުވަސްކޮޅަކީ އެކުދިންގެ ކިޔެވުމާއި ދިރިއުޅުމުގެ ޚަރަދު ވަރަށް ބޮޑު ދުވަސްކޮޅެކެވެ. އެހެން ނޫންނަމަވެސް ހައިސަމްގެ “ހިތްހެޔޮކަމުން” އަޅުގަނޑަށް މި ޖެހުނީ ކޮންމެ ފައިސާފޮއްޗެއް ޚަރަދު ކުރުމުގެ ކުރިން ފިސާރި ފަރުވާތެރިވާށެވެ! ވަކި ކަމެއް ނެތެވެ. ޑަކްޓަރަކަށް ވާން މިއުޅޭ އެންމެ ދޮށީ ދަރިއަށް އާދަވެފައި ހުރީ ޖީބު ޚަރަދާއި ޔުނިވަރސިޓީގެ އެކި ކަންކަމަށް ދައްކަން ޖެހޭ ފައިސާ  މަހުގެ ކުރީކޮޅުގައި ލިބުމަށެވެ.

ފިނި މޫސުން އަންނަނީއެވެ. އަންހެން ދަރިފުޅަށް ވައުދު ވެވިފައި އޮތީ އަންނަ މަހުގެ ކުރީކޮޅު ފިނިމޫސުމުގެ ހެދުން ގަންނަން ބޭނުންވާ ފައިސާ ލިބޭނެކަމަށެވެ. އެންމެ ހަގު ދަރިފުޅުގެ އިސްކޫލު ފީ އާއި ގެއަށް އަންނަ ދެތިން ޓިޔުޝަން ޓީޗަރުންނަށް ވެސް މުސާރަ ދޭންޖެހެނީ ހަމަ ކޮންމެ މަހެއްގެ ކުރީކޮޅުގައެވެ! ފޯނު ބިލު ތައްޔާރުވެއްޖެ ކަމުގެ މެސެޖުވެސް އަންނަނީ ހަމަ ކޮންމެ މަހެއްގެ ފުރަތަމަ ހަފުތާގައެވެ. މިހާރު ދެން ތިން ބިލަށް  ފައިސާ ނުދައްކައި އުޅެވެން އޮތީ ކޮން ބަފަޔަކަށްތޯއެވެ؟ މުޅީންވެސް މަހުގެ ފަހު ހަފުތާގައި ހޯދައި، އަންނަ މަހުގެ ފުރަތަމަ ހަފުތާގައި އާތްވަށް އަރައިގެން ދާން ހުރި ފައިސާއެވެ!

ކުންފުނިން ކަނޑައިލީ އަޅުގަނޑު އެކަންޏެއް ނޫނެވެ. އަޅުގަނޑަށާއި އަންހެނުންނަށް އަޅުގަނޑުގެ ވެރިޔާ ބައިވެރިކޮށްދެއްވާފައިވާ އިންޝުއަރަންސުން ވެސް އަޅުގަނޑުމެން ވަކިކޮށްލައިފިއެވެ! އިޚްލާސްތެރިކަމުގެ އަގު އެކި ދުވަސްވަރު ދައްކަން މިޖެހެނީ އެކި ގޮތަށެވެ. މިއަދަކީ ތިރީސް އަހަރުގެ އިޚްލާސްތެރިކަމުގައި އެއްވެސް އަގެއް ނެތް ދުވަސްކޮޅެއްތާއެވެ. މިއީވެސް ހިއްސާގެ ބާޒާރަށް އަންނަކަހަލަ ލޮޅުން އަރާ ކަމެއްބާއެވެ؟ ކުޑަކުދިން ކުޅޭ ހަރުފަޔާއި ހަރުގަނޑުގެ ކުޅިގަނޑުގައި ކުޅިފަހަށް ދާ ހިސާބުން ހަރުފަ ކާލައިފިނަމަ އެކުއްޖަކު އެވެއްޓުނީ ހަމަ ކުޅެން ފެށި ހިސާބަށެވެ. އަލުން ފަށަންވީއެވެ. ނަމަވެސް އަޅުގަނޑު މިހާރު މިހުރީ ބޮލުގައި ނުރަޖަހާފައި ގައިބާރު ދެރަވެ އިހުގެ ހިނގުމަށް ވެސް ބަދަލެއް އައިސްފައެވެ! މި އުމުރުގައި އަޅުގަނޑަށްވުރެ އުމުރާއި ތަޖުރިބާގެ ގޮތުން ހަގު މީހެއްގެ ވަޒީފާއަށް ގޮސް އަލުންފެށުމަކީ އެއްވެސް މީހަކު ކުރާހިތްވާނެ ކަމެއްނޫނެވެ!

މިކަހަލަ ފިކުރެއްގައި އިންދައި އަޅުގަނޑު ހަނދާންވީ އަޅުގަނޑުގެ ރަހުމަތްތެރިޔާ އަޅުގަނޑުގެ އެކައުންޓަށް ޖަމާކޮށްދިން ފައިސާތަކެއްގެ މަތިންނެވެ. ބޭރު ދަތުރަކު ފުރުއްވަމުން އަޅުގަނޑުގެ އެކައުންޓުގައި  އެފައިސާ ޖަމާކުރެއްވީ، އޭނާ ބޭރުގައި ހުންނަވަނިކޮށް ކަމެއް ޖެހިއްޖެނަމަ ބޭނުން ކުރާށެވެ. އަޅުގަނޑު ހިތަށް އެރީ މިއީ އެ ފައިސާ ނަގައި ބޭނުން ކުރަންވީ އެންމެ  އެކަށީގެންވާ ވަގުތު ކަމުގައެވެ.

ބޭންކަށް ގޮސް އެ ފައިސާ ނަގައި ދަބަހަކަށް ލައި ދޮރުން ނިކުންނަމުން ހިތަށް އެރީ، މިއީ އަހަރެން ކަހަލަ މީހަކު މި އުމުރުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫންކަމުގައެވެ. މިހެން ހިތަށް އެރުމުން އެ ފައިސާ ހިފައިގެން ދިޔައީ އަޅުގަނޑު އުމުރުން ތިރީސް އަހަރު ހޭދަކުރި ކުންފުނީގެ މައި އޮފީހަށެވެ. އަޅުގަނޑު ނުހަނު ފަރިތަ ސަރައްކާލިތަކުން ގޮސް އަޅުގަނޑު މިއުމުރަށް އައި އިރު އެންމެ އަނިޔާވެރިވި މީހާ މިހާރު އިންނަވާ އޮފީސް ކުރިމައްޗަށް ގޮސް، ހުއްދައެއް ނުހޯދައި ވަދެފީމެވެ. ވަންއިރު އޭނާ އިނީ އަތުލިޔުމެއް ކިޔާށެވެ. އަޅުގަނޑު ވަނުމުން ބަލައިލީ ވަރަށް ހައިރާންކަމާއެކުގައެވެ. މޫނުމަތިން ފެންނަނީ ރުޅިވެރިކަމަށްވުރެ މޮޅިވެރިކަމެވެ. އިނީ ފެންކަޅިވެފައި ކަމުގައިވެސް ބުނަން ކެރިދާނެއެވެ. މީނާގެ މޫނުމަތިން ނޭއްގާނީކަމެއް ފެންނަން ނެތުމުން އަތުގައި އޮތް ލިޔުމަށް ބަލައިލުމުން އެއީ އޭނާގެ ބައްޕަގެ އަތުލިޔުންކަން އަޅުގަނޑަށް ހަމަ ވަގުތުން އެނގުނެވެ.

އެއްވެސް އެއްޗެއް ނުބުނެ، އަޅުގަނޑު ބޭންކުން ނެގި ފައިސާބޮނޑި ހައިސަމްގެ ތަނަވަސް މޭޒުމަތީގައި ބަހައްޓާފައި މަޑުމަޑުން ނިކުންނަން އުޅެނިކޮށް މަޑުކޮށްލުމަށް އިޝާރާތް ކޮށްލިއެވެ. މިހާރު އަޅުގަނޑު މިހުރީ އަމާނާތެއްގައި ނުޖެހި، ރައްދުކުރަންވީ ފަރާތަށް ރައްދުކުރެވުމުގެ އުފަލުގައެވެ. ނަމަވެސް ހިތަށް އަރައި ފައިބާ ޚިޔާލުތައް ގިނަކަމުން ތަފާތު ޖަޒުބާތުގައި ވެސް މެއެވެ. ހައިސަމް އަޅުގަނޑުގެ މޫނަށް ބަލާލައިފައި އަޑު ތުރުތުރު އަޅަމުން ” އަންމު ސޮލާހް” އޭ ބުނެފައި އޭނާ ކިޔަން އިން ކަރުދާސްކޮޅު އަޅުގަނޑުގެ އަތަށް ދީފިއެވެ. (عمّ ގެ އަސްލު މާނައަކީ ބައްޕަ ފަރާތު ބޮޑުބެއެވެ. އަރަބި ކުދިން ދެކެފަރިތަ ފިރިހެނުންނަށް عمّ ކިޔަނީ އަޅުގަނޑުމެން ދޮށީ މީހުންނަށް ބޭބެ ކިޔާކަހަލަ އުސޫލަކުންނެވެ.)

ގޮނޑިއެއްގައި އިށީނދެ އޭނާ ދިއްކޮށްލި ކަރުދާސްކޮޅު، އަޅުގަނޑު ކިޔައިލީމެވެ.

” ލޯބިވާ ދަރިފުޅެވެ.

ބައްޕަ ވަޅުލާފައި ގޮސް ބައްޕަގެ ގޮނޑީގައި ދަރިފުޅު އިށީނދެ އެންމެ ފުރަތަމަ ކުރާނެ ކަމަކީ ދަރުފުޅުގެ عم صلاح ވަޒީފާއިން ވަކިކުރުންކަން ބައްޕައަށް ރަނގަޅަށް އެނގެއެވެ. ދަރިފުޅު ބައްޕަގެ ފައިސާއިން ބައްޕައަށް ސިއްރުން ކުރިކަމެއް އޭނާ ވަރަށް ހިކުމަތްތެރިކަމާއެކު ބައްޕައަށް އެކަނި ހާމަ ކޮށްދިން ދުވަހުން ފެށިގެން ދަރިފުޅަށް ހީވެފައި އޮތީ އޭނާއަކީ ދަރުފުޅުގެ އަދާވާތްތެރިއެއް ކަމުގައެވެ. ބައްޕަގެ މުދަލަށް އޭނާ އަމާނާތްތެރިވީތީ އެކަމަށް އިހްތިރާމު ކުރުން މާ ރަނގަޅު ނޫން ހެއްޔެވެ؟ ދަރިފުޅާ ދަންނާށެވެ. ދަރިފުޅުގެ ސަބަބުން، ހިތުގައިޖެހިގެން صلاح އެނބުރި ކުންފުންޏަށް ނައިސް ދަރިފުޅާ އޭނާއާ ގުޅުން ކެނޑިއްޖެ ނަމަ ގެއްލުންވާނީ ދަރިފުޅަށެވެ. އޭނާ އަތުވެއްޖެނަމަ، ބައްޕައަށް ވިސްނެނީ އޭނާ އަދި އެއް ފަހަރު ނަމަވެސް ދަރިފުޅު ދެކެން އޮފީހަށް ވަންނާނެ ކަމުގައެވެ. އޭނާ ދަރިފުޅު ދެކެން އައިނަމަ، އަންނާނީ ދަރިފުޅަށް ދިރިއުޅުމުގެ ފިލާވަޅެއް ދަސްކޮށްދޭށެވެ. އޭނާ އައުމުން މި ސިޓީއާއެކު އެވާ ޗެކު އޭނާއަށް ރައްދުކޮށްދޭށެވެ. ދަރިފުޅު ހަނދާން ކުރާށެވެ. މި ކުންފުންޏާ އޭނާ ގުޅުނުއިރު ބައްޕަމެން ދެ މީހުން ވެސް ވަރަށް ޒުވާނެވެ. ކުންފުނީގައި ތިބީ ހައެއްކަ މުވައްޒަފުންނެވެ. ބައްޕައާ އެކީގައި ހުރިހާ ބުރައެއް އުފުލި އެކަކީ ދަރިފުޅުގެ عم صلاح އެވެ. މިހާރު ރަނގަޅަށް ތެޔޮޖަހާފައި ހުރި އިންޖީނެއްހެން އޮޓޮމެޓިކުން ހުރިހާ ކަމެއް ދަރިފުޅުގެ ކުންފުނީގައި އެ ހިނގަނީ ބައްޕަމެން ކުރި މިންނަތް މަސައްކަތުންނެވެ. ކޮންމެ މީހަކަށް އެމީހަކު ކުރަންޖެހޭ ކަންކަން ރަނގަޅަށް އެނގި މަސައްކަތަށް ހޭނިފައި ތިބީމައެވެ. “ މިހިސާބުން އަޅުގަނޑަށް ރޮވިއްޖެއެވެ. އަދި ތިމަންނައަށް މާފު ކުރަށްވާށޭ ކިޔައި، ހައިސަމް އައިސް އަޅުގަނޑުގެ ގައިގައި ބައްދާލައިފިއެވެ.

ޒަމާންވީ ރަހުމަތްތެރިޔާ، އޭނާގެ މަރުމަތީގައި ވެސް އަޅުގަނޑުގެ މަތިން ވިސްނައި އަޅުގަނޑު ނިކަމެތި ވިޔަނުދިނުމުގެ ގޮތުން ލިޔުއްވި ޗެކަށް ބަލައިލިއިރު އެ ޗެކަކީ އަޅުގަނޑުމެން ދެމަފިރިންގެ މުޅި އުމުރުގައި ރީތި ދިރިއުޅުމެއް ހުޅޭހައި ފައިސާއެވެ. މިހާރު ދެން އިރާދަ ކުރެއްވީތީ، ކަލަންޑަރުގެ ފަހު ހަފުތާގެ ބިރުން އަޅުގަނޑު މިންޖުވީއެވެ!

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.