މަޅުމަތި: ބިއްލޫރި ތަޅުންގަނޑު

ދުނިޔޭގެ ހުރިހައި ގައުމެއްގެ ރައްޔިތުންގެ މަޖިލީހުގެ އިސް މެންބަރުން އެތާނގައި ތިއްބެވިއެވެ.
އެއީ ޖަރުމަނުވިލާތުގެ ރައްޔިތުންގެ މަޖިލީހުގެ އިދާރާއެވެ.
މިއީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ހުރި އިމާރާތެކެވެ.
މުޅި އިމާރާތް ހުރީ ވަށް ބުރެއްގެ ސިފައިގައެވެ.
ވަށައިގެން ބިއްލޫރި ޖަހާފައެވެ.
އެންމެ ތިރީގައި ތިއްބަވަނީ މެންބަރުންނެވެ.
މަތީގައި ބިއްލޫރި ޖަހައިފައި ހުންނަ ހިނގާ މަގުތަކުން މީހުން ހިނގާތަން ފެނެއެވެ.
އެ މަގުތަކުގައި ތިބެގެން ތިރިއަށް ބަލައިލީމާ ޖަލްސާ ވަރަށް ރީތިކޮށް ފެނެއެވެ.
މަޖިލީހުގެ އިދާރާގެ ތެރެއަށް ބޭނުން ކޮންމެ މީހަކަށް ވަދެވެއެވެ.
ވަށައިގެންނާއި މަތިން ހިނގައި ތަންތަން ބަލައި އުޅުން މަނައެއް ނޫނެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައިރާންފުޅުވެފައި ބައްލަވާން ހުންނެވިއެވެ.
ދިވެހިރާއްޖޭގެ މަޖިލިސް ހުންނަ ގޮތާއި ޖަރުމަނުގެ މަޖިލީހުގެ ތަފާތު އަޅައި ބައްލަވަނީއެވެ.
މީހުންނަށް ނުފެންނާން ވެގެން ރާއްޖޭގެ މަޖިލިސް މެންބަރުން ކުރައްވާ މަސައްކަތް ހިތްޕުޅަށް ގެންނަވަނީއެވެ.
އެއް ގައުމަކުން މި ފެންނަނީ މުޅި މަޖިލިސް ބޭނުން އިރަކު ބޭނުން މީހަކަށް ފެންނަ ގޮތް ހަދާފައެވެ.
އަނެއް ގައުމެއްގައި މަސައްކަތް ކުރަނީ ވީވަރަކުން ސިއްރު ކުރާށެވެ.
އެންމެ ފަހުން ކެތް ނުކުރެއްވިގެން ސުވާލު ކުރައްވައިފިއެވެ.
މިތާނގައި ބިއްލޫރި ޖަހައި މެންބަރުން ތިއްބަވާ މާލަމުގެ މަތީން ހިނގޭނޭ ގޮތް ހެދުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ޖަރުމަނުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
އެއީ ކިތަންމެ މޮޅު މީހަކަށް ވިޔަސް މެންބަރަކަށް ވީމާ ހުންނާން ޖެހޭނީ ރައްޔިތުންގެ ފައިވާނުގެ ދަށުގައިކަން ހަނދާން ކޮށްދޭން ވެގެންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.