މިއަަހަރުވެސް ސައޫދީ އަރަބިއްޔާއިން ބޭރުން ޙައްޖަށް ނުދެވޭނެކަމަށް ނިންމައިފި

ކޮވިޑް-19 ގެ ހާލަތު އަދިވެސް ރަނގަޅުނުވާތީ މިއަަހަރުވެސް ޙައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތުދެވޭނީ ސައޫދީ ރައްޔިތުންނަށާއި، އެގައުމުގައި ދިރިއުޅޭ ބޭރު މީހުންނަށް ކަމުގައި ސައޫދީ އަރަބިއްޔާއިން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ޙައްޖު އެންޑް ޢުމްރާއާއި، މިނިސްޓްރީ އޮފް ހެލްތުއިން އިއުލާންކުރި ގޮތުގައި މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރެވޭނީ 60 ހާސް މީހުންނަށެވެ.

"ޙައްޖުގެ އަޅުކަން އަދާކުރަން ބޭނުންވާ މީހުންނަކީ ދާއިމީ ބައްޔަކަށް ބޭސްނުކުރާ، ވެކްސިން ޖަހާފައި ތިބި މީހުންނަށް ވާންެޖެހޭނެ." ޙައްޖު މިނިސްޓްރީގެ ބަޔާނުގައި ވެއެެވެ. އަދި އެ ބަޔާނުގައި ވާގޮތުން ޙައްޖަށް ދެވޭނީ އުމުރުން 18 އަހަރާއި 76 އަހަރާއި ދެމެދުގެ މީހުންނަށެވެ.

"ކޮރޯނާ ވައިރަސްގެ ވަބާއާއި ގުޅިގެން މުޅި ދުނިޔެ ދެކެމުންދާ ހާލަތާއި... ވައިރަސްގެ އާ ވައްތަރުތައް ފެންނަމުންދިއުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދިޔައީ ދުނިޔޭގެ ހާލަތު ގާތުން ބަލަމުން." ބަޔާނުގައި ވެއެވެ.

ފާއިތުވި އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ހުއްދަދިނީ ސައޫދީ އަރަބިއްޔާގައި ދިރިއުޅޭ 1000 މީހުންނަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި ސައޫދީ ސަރުކާރުގެ ނިންމުން ބިނާވަފައިވަނީ "މައްކާގެ ޙަރަމްފުޅަށާއި، ކީރިތި ރަސޫލާގެ މިސްކިތްކޮޅަށް ޒިޔާރަތްކުރާ މީހުންނަަށާއި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރާ މީހުންނަށް އެފުރުސަތު ދިނުމުގެ މައްޗަށެވެ." އެހެނަމަވެސް "ސައޫދީ އަރަބިއްޔާއިން އަބަދުވެސް އެންމެ އިސްކަން ދޭނީ އިންސާނުންގެ ސިއްހަތާއި ސަލާމަތްތެރިކަމަށެވެ."

ކޮވިޑް-19 ގެ ސަބަބުން ޙައްޖުގެ އަޅުކަން އަދާކުރުން ކޮންޓުރޯލުކުރުމުގެ ކުރިން ދުނިޔޭގެ ކަންކޮޅުތަކުން ކޮންމެ އަހަރަކު 2 މިލިއަނަށްވުރެ ގިނަ މީހުން ހައްޖަށް ދެއެވެ.

ސައޫދީ ނޫހަކަށް މައުލޫމާތުދެއްވަމުން ޙައްޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކު ވިދާޅުވިގޮތުގައި ޙައްޖަށް ދެވޭ އަދަދު ކޮންޓުރޯލުކުރުމަށް ސައޫދީ ސަރުކާރުން އެޅި ފިޔަވަޅު މުސްލިމް ގައުމުތަކަށް ވިސްނެއެވެ. އަދި އެގައުމުތަކުން އެކަން ގަބޫލުކުރެއެވެ.

މުސްލިމް ގައުމުތަކުގެ ޖަމްއިއްޔާ، އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވަނީ ސައޫދީ ސަރުކާރުގެ ނިންމުމަށް މަރުހަބާކިޔާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.