ޗައިނާގައި އާއިލާ ރޭވުމަށް ސިޔާސަތެއް އެކުލަވާލައި އާއިލާކަށް ކުދިން ހޯދޭ މިންވަރު ކަނޑައަޅަން ފެށިތާ 42 އަހަރު ފަހުން، ދެމަފިރިއަކަށް 3 ކުދިން ހޯދުމުގެ ހުއްދަ ފުރަތަމަ ފަހަރަށް ދީފިއެވެ. އާއިލާ ރޭވުމުގެ ސިޔާސަތަށް ބަދަލުގެނެސް މިހާރު ހުއްދަ ދީފައިވާ އަދަދު ދޭކުން ތިނެކަށް މިއަދު މަތިކުރީ ޗައިނާގައި ކުދިން ވިހާ މިންވަރު ވަރަށް ބޮޑަށް ދަށްވެ، އާބާދީގައި މުސްކުޅިންގެ ނިސްބަތް މަތިވަމުންދާކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދެއްކުމާ ގުޅިގެންނެވެ.
އާބާދީ އިތުރުވަމުންދާ މިންވަރު ދަށްކޮށް، އިގްތިސާދުކުރިއެރުވުމުގެ މަގުސަދުގައި ޗައިނާއިން ކޮންމެ ދެމަފިރިއަކަށް އެންމެ ކުއްޖަކު ހޯދުމުގެ ހުއްދަދިނުމުގެ ސިޔާސަތަށް އަމަލުކުރަން ފެށީ 1979 ވަނަ އަހަރުއެވެ. އެއީ ޗައިނާގެ އިގްތިސާދީ ތަރައްގީގެ ލީޑަރު ޑެންގް ޒިއާއޮ ޕިންގްގެ ވެރިކަމުގައެވެ. 1979 ވަނަ އަހަރު އެއް ކުއްޖެއްގެ ސިޔާސަތު ތަންފީޒުކުރަން ފެށިއިރު، 1949 އަހަރު ޗައިނާގައި އޮތް 540 މިލިއަން މީހުންގެ އާބާދީ އޮތީ 969 މިލިއަނަށް އަރާފައެވެ.
މިސިޔާސަތުގެ ސަބަބުން، 1979 ގެ ކުރިން 5.9 ގައި ހުރި ކުދިން އުފަންވުމުގެ ރޭޓު 1990 ގައި ވަނީ ވިހާ އުމުރުގެ ކޮންމެ އަންހެނަކަށް 1.6 ކުދިންނަށް ދަށްވެފައެވެ.
އެއް ކުއްޖެއްގެ ސިޔާސަތު 37 އަހަރު ދެމެހެއްޓުމަށް ފަހު ޗައިނާއިން ވަނީ ކޮންމެ ދެމަފިރިއަކަށް 2 ކުދިން ހޯދުމުގެ ހުއްދަ 2016 ވަނަ އަހަރު ދީފައެވެ. މިފަހަރު ކުދިން އިތުރުކުރުމުގެ ހުއްދަދިނީ ޗައިނާގައި މަސައްކަތްތެރިންގެ އާބާދީ މާބޮޑަށް ދަށްވާން ފަށާފައިވާ ކަމުގެ ބިރުހީވުމުންނެވެ.
3 ކުދިން ހޯދަން ހުއްދަދިނުމުގެ ސިޔާސަތު އިއުލާންކުރިއިރު، ޗައިނާގެ ތަފާސް ހިސާބު ބަލަހައްޓާ އިދާރާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނެފައިވާ ގޮތުގައި ޗައިނާގައި އާބާދީ އިތުރުވާ ރޭޓު މިހާރު ހުރީ 1.3 ގައެވެ. މިއީ ހަމަޖެހޭ އާބާދީއެއް ދަމެހެއްޓޭ ވަރަށްވުރެ ދަށް ރޭޓެކެވެ. ފާއިތުވި އަހަރު ޗައިނާގައި އުފަންވެފައި ވަނީ 12 މިލިއަން ކުދިންނެވެ. މިއީ 1961 ވަނަ އަހަރަށް ފަހު އެންމެ ދަށް އަދަދެވެ.
މިއަދަދުތަކާއެކު ޗައިނާގައި 'އާބާދީގެ ކާރިސާއެއް' ކުރިމަތިވެދާނެ ކަންބޮޑުވުން ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީގެ އިސްވެރިންނަށް އިހުސާސުކުރެއްވި، ރައީސު ޒީ ޖިންޕިންގްގެ ސަރުކާރުން އާބާދިގެ ސިޔާސަތަށް ބަދަލުގެނެސް، ތިން ކުދިންގެ ސިޔާސަތު އިއުލާން މިކުރީ އިގްތިސާދު ކުރިއަރުވާނެ ޒުވާނުން އާބާދީގައި އިތުރުކުރުމުގެ މަގުސަދުގައެވެ.
"އާބާދީ މުސްކުޅިވަމުން ދިއުމަށް އަމަލީ ގޮތުން ހައްލުހޯދުމުގެ ގޮތުން........ ކޮންމެ އާއިލާކަށް ތިންކުދިން ހޯދުމުގެ ފުރުސަތު އޮންނާނެ." ރައީސު ޒީގެ ރިޔާސަތުގައި ބޭއްވި ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ ބައްދަލުވުމެއްގައި ނިންމިކަމަށް ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާއިން މިއަދު ބުނެފައި ވެއެވެ.