ކޮލޮމްބޯ ކައިރީގައި އަނދަމުންދާ އާގުބޯޓުން ކަނޑަށް ތެޔޮ އެޅިދާނެ ކަމުގެ ބިރު ބޮޑުވެއްޖެ

އެމްވީ އެކްސް-ޕްރެސް ޕާލްގައި ރޯވެ އަނދަމުން ދަނީ

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ ހުޅަނގު އުތުރުން 18 ވަރަކަށް ކިލޯމީޓަރު ބޭރުގައި އޮއްވައި އަލިފާން ރޯވި އާގުބޯޓުގެ އަލިފާންގަނޑު އަދިވެސް ނިއްވާލެވިފައި ނުވާތީ، ބޯޓު އަޑިއަށް ގޮސް ކަނޑަށް ތެޔޮ ބޭރުވުމުގެ ބިރުބޮޑުވެފައިވާ ކަމަށް ސްރީލަންކާއިން ބުނެފިއެެވެ.

ދުވަހު ނޫސް ޑެއިލީމެއިލްއަށް މައުލޫމާތުދެއްވަމުން މެރިން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އެމްއީޕީއޭ) ގެ ޗެއާޕާސަން ދަރްޝަނީ ލަހަންޑަޕޫރާ ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ރަޖިސްޓަރީކޮށްފައިވާ އެމްވީ އެކްސް-ޕްރެސް ޕާލްއިން ކަނޑަށް ތެޔޮ ބޭރުވެއްޖެ ނަމަ ތެޔޮ ދާނެކަމަށް ލަފާކުރެވެނީ ނިގަމްބޯ ފަޅާ ދިމާއަށެވެ.

އެހެންނަމަވެސް، އޭނާ މިދާޅުވީ މިހާތަނަށް ބޯޓުން ތެޔޮ ބޭރުވެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި، ތެޔޮ ބޭރުވެއްޖެ ހާލަތެއްގައި އެކަމާ ކުރިމަތިލުމަށް އެ އޮތޯރިޓީ ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގައެވެ.

"(ތެޔޮ ބޭރުވުމާ ބެހޭގޮތުން) ކުރިއަށް ލަފާކޮށްފައި ވަނީ ކަނޑުގެ ވެށީގައި ދިމާވާ ކަންކަމާ ކުރިމަތިލުމަށް ބޭނުންވާ ފަންނީ ތަޖުރިބާ ހިއްސާކުރާ އިންޓަނޭޝަނަލް ޓޭންކާ އޮނާސް ޕޮލޫޝަން ފެޑެރޭޝަން (އަޓީއޯޕީއެފް) އިން." އެ ލަފަޔާ ގުޅިގެން އަހަރުމެން ވަނީ އަަހަރުމެން ވަނީ ނިގަމްބޯ ފަޅުގެ ކައިރީގައިވާ ނާޒުކު ތަންތަން ފާހަަގަކޮށްފައި. އަދި އެތަންތަން ހިމާޔަތްކުރުުމުގެ ތައްޔާރީތައް ވަނީ ކޮށްފައި." އޭނާ ވިދާޅުވިއެވެ.

އާގުބޯޓުން ވެއްޓުނު ކޮންޓޭނަރެއް ކޮލްމްބޯއަށް ލައްގާފައި

ކޮލޮމްބޯ ބަނދަރަށް ވަނުމުގެ އިންތިޒާރުގައި ބަނދަރާ ދިމާއަށް ބޭރުން 18 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް އެކްސް-ޕްރެސް ޕާލްގައި މީގެ 6 ދުވަސް ކުރިން ރޯވީ އޭގައި ހުރި ކެމިކަލްތަކެއް ގޮވުމުގެ ސަބަބުންނެވެ. އިންޑިޔާގެ ގުޖަރާތު ސްޓޭޓުގެ ހަޒީރާ ބަނަދަރުން ފުރައިގެން ކޮލޮމްބޯއަށް ދަތުރުކުރި އެ ބޯޓުގައި 1486 ކޮންޓޭނާ ހުއްޓެވެ. އަދި 25 ޓަނު ނައިޓްރިކް އެސިޑާއި އެހެން ބައެއް ކެމިކަލް ހުއްޓެވެ.  

ބޯޓުގައި ރޯވިއިރު އޭގައި ފިލިޕީންސް، އިންޑިޔާ، ޗައިނާ އަދި ރަޝިޔާއަށް ނިސްބަތްވާ 25 ފަޅުވެރިން ތިއްބެވެ. ސްރީލަންކާގެ ކަނޑުގެ ސިފައިން ވަނީ އެ އެންމެންވެސް ސަލާމަތްކޮށްފައެވެ. ދެމީހަކު ސަލާމަތްވީ ޒަޚަމްތަކަކާ އެކުގައެވެ.

ބޯޓުގައި  ގޮވި ގޮވުމާއެކު 8 ނުވަަތަ 10 ކޮންޓޭނާ ކަނޑަށް ވެއްޓިފައި ވެއެވެ. އޭގެ ތެރޭން ބައެއް ކޮންޓޭނާތައް އަޑިއަށް ގޮސްފައިވާއިރު، ބައެއް ކޮންޓޭނާތައް ވަނީ ކޮލޮމްބޯގެ އައްސޭރިއަށް ލައްގާފައެވެ.

ފަސް ޓަގުބޯޓާއި، ސްރީލަންކާ ކަނޑުގެ ސިފައިންގެ ބޯޓަކުން އަލިފާން ނިއްވުމުގެ މަަސައްކަތްކުރަމުން ދާއިރު، އިންޑިޔާއިން ވަނީ އަލިފާން ނިއްވުމުގައި އެހީތެރިވުމަށް އިންޑިޔާ ކަނޑުގެ ސިފައިންގެ ދެ އުޅަނދު އެ ސަރަހައްދަށް ފޮނުވާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.