ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް މަސައްކަތްކުރުމަށް، އައު ކައުންސިލްްތަކަށް ރައީސް ގޮވާލައްވައިފި

އަލަށް ހުވައިކުރެއްވި ކައުންސިލަރުންނާއި ކައުންސިލްތަކުން ރާއްޖޭގެ ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް ރައްޔިތުންނަށް އެންމެ ފައިދާހުރިގޮތަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ގޮވާލައްވައިފިއެވެ.

އެމަނިކިފާނު މިގޮތަށް ގޮވާލެއްވީ މިއަދު ރަސްމީކޮށް މަޤާމުތަކާ ޙަވާލުވެވަޑައިގެން ހުވައިކުރެއްވި އައު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ މުޙާޠަބުކުރައްވައި މިރޭ ދެއްވި ޚިޠާބުގައެވެ.

މިރޭގެ ޚިޠާބުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައިވެސް މިއަދަކީ ރަން އަކުރުން ފެވިގެންދާނެ ފާހަގަކޮށްލެވޭ ދުވަހެއްކަމަށެވެ. މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ޙަވާލުވެވަޑައިގަންނަވާ ބޭފުޅުން، އެއީ ހަމައެކަނި ވަޒީފާއެއް އަދާކުރުންކަމުގައި ނުދެކި އެއީ ކައުންސިލަރުންގެ ކޮނޑުގައި އެޅިގެންދާ ޤައުމީ ވާޖިބަކާއި ޒިންމާއެއްކަމަށް ދެކުމަށް ރައީސް އެދިވަޑައިގަތެވެ. އައު ކައުންސިލަރުންގެ އެންމެ ބޮޑު ޒިންމާއަކީ  ރައްޔިތުން ހަވާލުކުރި އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ ރަށާއި އަތޮޅާއި ސިޓީ ތަރައްޤީކޮށްދިނުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މިގެނައި ބަދަލުތަކުގެ، ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު." ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން ގެނެސްފައިވާ ބަދަލުތަކަކީ ދުރާލައި ވަރަށް ފުޅާ ދާއިރާއެއްގައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާއިގެން ގެނެސްފައިވާ ބަދަލުތަކެއްކަމަށެވެ. ރައްޔިތުންގެ އެދުމާ އެއްގޮތަށް ކައުންސިލަރުންނަށާއި ކައުންސިލްތަކަށް މިހާރު ލިބިދީފައިވާ ޤާނޫނީ ބާރާއި ރަށްރަށުގެ އިޚްތިޞާޞްތަކަށް ފަރުވާތެރިވެ ތަރައްޤީގެ ރޮނގުގައި އިތުރު ހަރުފަތަކަށް ރާއްޖެ ގެންދިއުމުގެ މަސައްކަތް ފެށުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން މިވަތު ރާއްޖޭގައި އޮތް ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައިވެސް ކައުންސިލްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި މިޙާލަތު ރަނގަޅުކުރުމަށް ކުރާ ޤައުމީ މަސައްކަތުގައި އަތުކުރި އޮޅާލުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.  މިއުނދަގޫ ދަތި ޙާލަތުން އަވަހަށް އަރައިގަނެވޭނީ، ބަލި ކޮންޓްރޯލްކުރުމަށް އަޅާ ފިޔަވަޅުތައް މިހާރަށްވުރެ ފުރިހަމައަށް ތަންފީޒުކޮށްގެންކަމަށާ، މިއީ، މިއަދު މަޤާމާ ޙަވާލުވެވަޑައިގަންނަވާ ކައުންސިލަރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.