އިތުރު ފަރުވާއަށް ރައީސް ނަޝީދު ޖަރުމަނަށް

މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ގ.ނީލޯފަރުމަގާއި މަޖީދީ މަގު ގުޅުނު ކަންމަތީގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް މުޙައްމަދު ނަޝީދު ޖަރުމަނަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު ޖަރުމަނަށް ގެންދަން ނިންމަވާފައިވާކަން ޢާއިލާގެ ފަރާތުން ކުރިންވެސް ވަނީ ހާމަކުރައްވާފައެވެ. ފުރާވަޑައިގަތުމަށްޓަކައި އޭޑީކޭ ހޮސްޕިޓަލުން އެމަނިކުފާނު ޑިސްޗާޖުކުރީ މިއަދު ހެނދުނުއެވެ. އެއާއެކު އެމަނިކުފާނުވަނީ ފުރާވަޑައިގެންފައެވެ.

އޭޑީކޭ ހޮސްޕިޓަލުން އެމްބިއުލާންސްގައި އެމަނިކުފާނު ވަޑައިގަތީ ސީދާ އެއަރޕޯޓަށެވެ. ވަޑައިގަތްއިރު ސަލާމަތީ ބާރުތަކުންވަނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަކޮށްފައެވެ. ވަޑައިގަތްވަގުތު މާލެއާއި ވަޑައިގަތް މަގުތަކާއި ސިނަމާލެ ބްރިޖު އަދި ވެލާނާ އެއަރޕޯޓުގެ ސަލާމަތީ ކަންކަން އޮތީ ވަރަށް ވަރުގަދަކޮށްފައެވެ.

ބޮމުގެ ޙަމަލާގައި ރައީސް ނަޝީދު ވަރަށްބޮޑަށް ޒަހަމްވެވަޑައިގަތެވެ. އެމަނިކުފާނުގެ ފުރާނަ ސަލާމަތްވީ ހަމަ ކިރިޔާކަމަށް އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެގޮތުން އެމަނިކުފާނުގެ ފުރާނަ ސަލާމަތްކުރުމަށް ބޮޑު ހަތަރު ސާޖަރީއެއް ހަދަން ޖެހުނެވެ.

ނަޝީދަށް ޙަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ޢަމަލީގޮތުން މިކަންކޮށް ބޮންގޮއްވާލިކަމަށް ތުހުމަތުކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދު (25އ)އާއި މިކަމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.