ޝާފިޔާގެ އެދުރު އަށި: އެސެސްމަންޓް އޭސް ލަރނިންގ/އުނގެނެމުން ދާއިރު އެކުއެކީ ވަޒަންކުރުން

މިއަދު މިލިޔެލަނީ ކިޔަވައިދިނުމުގެ ދާއިރާގައި ކޮންމެ މަރުހަލާއެއްގައި ކިޔަވައިދޭ މުދައްރިސަކަށް މުހިންމު މައުޟޫޢަކާ ގުޅޭގޮތުންނެވެ. އެއީ އެސެސްމަންޓް އޭސް ލަރނިންގ ނުވަތަ އުނގެނެމުން ދާއިރު އެކު އެކީ ވަޒަންކުރުން ރާވާނެ ގޮތްތަކާ ބެހޭގޮތުންނެވެ. މާނައަކީ ކުލާސްރޫމެއްގައި އެއް ދަރިވަރަކު އަނެއްދަރިވަރަކާ އެކު އުނގެނެމުންދާ ބައިތައް ވަޒަންކޮށް އެކަކަކު އަނެކަކަށް އެހީތެރިވެދެވޭނެ ގޮތަށް އުނގެނުން ރޭވުމަށް މުދައްރިސުން ކަންކުރުމާ ބެހޭގޮތުންނެވެ.

ކިޔަވައިދިނުމުގެ ދާއިރާގައި އެސެސްމަންޓް އޭސް ލަރނިންގ މާނަކުރެވެނީ ދަރިވަރުން ކުރާ މަސައްކަތްތައް އެއްބަޔަކު އަނެއްބަޔަކު ވަޒަންކުރަން ދެވޭ ފުރުސަތުތަކާއި ގުޅުވައިގެންނެވެ. މި މަފުހޫމު އިތުރަށް ގުޅެނީ ދަރިވަރުންނަށް އަމިއްލައަށް އެނގޭ މިންވަރު ވަޒަންކޮށް އެހެން ދަރިވަރެއްގެ މަސައްކަތް ބަލަން އެނގި ގޮތް ނިންމަން އެނގުމާއެވެ.  ޚާއްޞަކޮށް މި މަފުހޫމު އަމާޒުކުރެވެނީ އުނގެނުމަކީ ހަމައެކަނި ވަކި މީހެއްގެ ފަރާތުން އަނެކާއަށް ވާސިލު ކުރާ އެއްޗެއް ގޮތުގައި ބެލުމަށްވުރެ އަމިއްލައަށް ވިސްނުން ބޭނުންކޮށްގެން، އަމިއްލައަށް އެއްޗެއް އެނގިފައިވާ މިންވަރު ބެލޭ އުސޫލަކުން އުނގެނުމާ މެދު ދެކުމަށް ދަރިވަރުންނަށް ބާރު އެޅޭ ގޮތަކަށެވެ (އާރލް، 2003). އުނގެނުމާ މެދު މިގޮތަށް ވިސްނުމަށް ދަރިވަރުންނަށް ބާރު އެޅޭނަމަ، ކުރިޓިކަލްކޮށް ވިސްނަން ދަސްކޮށްދެވުމާއެކު، ދަރިވަރުން އުނގެނެމުންދާ ބައިތައް ވަޒަންކުރުމާއި ވެސް ގުޅުވަން ދަސްވެއެވެ. އޭގެ ސަބަބުން ދަރިވަރުންގެ އުނގެނުމުން ހާސިލުވާ މިންވަރު އިތުރުވެ، ޖަވާބެ ނުބައިނަމަ ނުބައިވަނީ ކީއްވެކަމާއި ރަނގަޅުވާނަމަ ރަނގަޅުވަނީ ކީއްވެގެން ކަން ވަރަށް ސާފުކޮށް ދަރިވަރަށް ދޭހަވާނެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އުނގެނުމަކީ ވިޒިބަލް (ހާމަވަނި) ކަންތައްތަކެއް ގޮތަށް ބެލެންފަށައެވެ. ހަމަ މިބީދައިން އުނގެނުމަކީ ޙަރަކާތްތެރިކަމާއެކު އަމިއްލަ ހިއްސާ ބޮޑުކޮށް ދަރިވަރުން އެކަކު އަނެކަކު ބައިވެރިވެގެން އުނގެނުމަށް އާދަވެސް ކުރުވޭނެއެވެ (އާރލް، 2003). އެސެސްމަންޓް އޭސް ލަރނިންގް އަކީ ދަރިވަރުންގެ ވިސްނުމުގެ ގާބިލުކަން އިތުރުކޮށް، އަމިއްލަ އުނގެނުން ގާތުން ބަލާ ވަޒަންކުރަން ދެވޭ ފުރުސަތު ތަކެއް ވެސް މެއެވެ. ހަމައެއާއެކު އެހެން ދަރިވަރުންގެ މަސައްކަތްތައް ވަޒަންކުރުމުގެ ތެރެއިން އަމިއްލައަށް ދެނެގަނެވޭ އިތުރުކަންތައްތަކާއި ހޯދޭ ހޯދުންތަކުގެ ސަބަބުން އުނގެނުން އިތުރަށް ހަރުދަނާވެ އިތުރުވެއެވެ. އޭގެ އިތުރުން ދަސްކުރަން ޖެހޭ ބައިތަކާއި ހޯދަންޖެހޭ ބައިތައް އަދި ހަމައެހެންމެ އަމިއްލައަށް ވިސްނޭ ގޮތްތަކާމެދު ތަފާތު ކޮށް ޚިޔާލުކޮށް ވިސްނުން ބަދަލުކުރުމަށްވެސް ފުރުސަތު ފަހިވެއެވެ.

ދިރާސާތަކުގައި އެސެސްމަންޓް އޭސް ލަރނިންގ ދޭހަކުރެވެނީ ދަރިވަރުން އެއްބަޔަކު އަނެއްބަޔަކުގެ އުނގެނުމާމެދު ވިސްނާ އަމިއްލަ އުނގެނުން އެހެން ދަރިވަރުންގެ ވިސްނުންތަކާއެކު ވަޒަންކޮށް ގުޅުވަން ދަސްކޮށްދޭ ކަމެއްގޮތުގައެވެ (އެފްލަރބެކް،2002). މި ބުނުމުގައި އެފްލަރބެކް (2002) އިޝާރާތްކުރައްވަނީ މިސާލަކަށް ދަރިވަރުންގެ ކިއުމުގެ ހުނަރުތައް ކުރިއެރުވުމަށް އެއްބަޔަކު އަނެއް ބަޔަކު އެކި އެކީ މަސައްކަތް ކުރުމަށް ދެވޭ ފުރުސަތުތަކުން ކިއުމުގެ ހުނަރުތައް ތަރައްގީވާ މިންވަރު އިތުރުވެ އަމިއްލައަށް އުނގެނުމުގެ  ހުނަރުވެސް އިތުރުވާ ކަމުގައެވެ. މީގެ ސަބަބުން އެހެން މާއްދާތަކުގައިވެސް ދަރިވަރުންނަކީ ކާމިޔާބު އުނގެނެވީންނަށް ހަދައެވެ (އާރލް، 2003؛ އެފްލަރބެކް،2002).

ކިޔަވައިދިނުމުގައި އެސެސްމަންޓް އޭސް ލަރނިންގް ގޮތްތައް ހިމަނާއިރު މުދައްރިސުގެ ރޯލްގައި ފާހަގަ ކުރެވޭ ކަންތައްތަކެއް ވެއެވެ. މިގޮތުން ދަރިވަރުން އެމީހުންގެ އަމިއްލަ އުނގެނުން މެނޭޖުކޮށް، ގާތުން ބަލާ އަމިއްލައަށް ވަޒަންކުރުމަށް ފުރުސަތު ދިން ނަމަވެސް މުދައްރިސުގެ ރޯލު އެއްވެސް ހާލެއްގައި ވަކިން ކުޑައެއް ނުވެއެވެ. އެއާ ޚިލާފަށް ދަރިވަރުންގެ އުނގެނުމުގެ މާހައުލު ރޭވުމުގައާއި، އުނގެނުމުގެ ޙަރަކާތްތައް ފަރުމާ ކުރުމުގައި ސަމާލުކަން ދޭންޖެހޭ ޚާއްޞަކަންތައްތަކެއް ވެއެވެ. މިގޮތުން ފާހަގަ ކުރެވޭ އެންމެ ބޮޑު ޒިންމާއަކީ ދަރިވަރުންނަކީ އިންޑިޕެންޑެންޓް (ބަރޯސާނުވެ) އަމިއްލަ އުނގެނުމާ މެދު ގޮތްނިންމަން ދަންނަ ބަޔަކަށް ހެދުމެވެ. މިކަންކުރުމަށް މުދައްރިސުންނަށް ކުރެވިދާނެ ކަންކަމަކީ:

  • އަމިއްލަ އުނގެނުން ވަޒަންކުރާނެ ތަފާތު ސްޓްރާޓިޖީތައް(ގޮތްތަކާއި އުކުޅުތައް) ދަސްކޮށްދީ ހޭނުވުން.
  • ކަންކަމުގައި ލަނޑުދަނޑި ކަނޑައަޅާ، އަމިއްލަ ކުރިއެރުން ބަލާ ބައެއްގޮތަށް ތަމުރީނު ދިނުން.
  • އުނގެނުމުގެ ތަފާތު މަގުސަދުތައް ހާސިލުކުރުމަށް އެހީތެރިވެދޭ ރަގަޅު ގޮތްތަކާއި އުސޫލުތަކުގެ ނަމޫނާ މިސާލުތައް ދެއްކުން.
  • ދަރިވަރުންގެ މަސައްކަތްތައް ވަޒަންކުރުމުގެ ނަމޫނާ މިސާލުތަކާއި އެންމެ ހަރުދަނާގޮތްތަކަށް ދަރިވަރުން ހޭނުވުން. މިސާލަކަށް ޗެކްލިސްޓްފަދަ އެއްޗެހި އެހެން ކުދިންގެ މަސައްކަތްތައް ވަޒަންކުރުމަށް ބޭނުންކުރުމަށް ހޭނުވުން.
  • ދަރިވަރުންގެ މަސައްކަތްތައް ބަލާ އެކަކު އަނެކަކަށް ފީޑްބެކްދީ އިތުރަށް ރަގަޅުކުރަންވާ ގޮތްތައް ކިޔައިދީ މަގުދައްކާނެ ގޮތްތަކަށްވެސް ތަމުރީނު ދިނުން، މިސާލަކަށް ދޭހަވާގޮތަށް އެއްޗެތި ބުނާނެގޮތާއި، ޢަމަލީކޮށް ކަމެއް ރަނގަޅުކުރަން ބުނެދިނުމާއި، ކަމެއް ގޯސްނަމަ، ނުރަނގަޅު ނަމަ ރަނގަޅުކުރާނެ ޢަމަލީ މިސާލުތައް ކިޔާދޭނެ ގޮތްތަކަށް ދަރިވަރުން އަހުލުވެރި ކުރުވުން.
  • ދަރިވަރުން އެކަކު އަނެކަކުގެ މަސައްކަތްތައް ވަޒަންކުރާއިރު، އުދަނގޫ ކަންކަމާއި ވެސް ކުރިމަތިލާ އެފަދަ ކަންކަން ހައްލުކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުން. މިސާލަކަށް އެއްޗެއް ބުނެދޭނެ އުދަނގޫ ބައެއް ދަރިވަރުންނަށްވެސް ބުނެދޭނެ ގޮތްތަކާއި، ވާހަކަ ދައްކާނެ ގޮތްތަކަށް ދަރިވަރުން ހޭނުވުން. މިފަދަ ކަންކުގެ ސަބަބުން ދަރިވަރުންގެ ވަރަށް ގިނަ ހުނަރުތައް ތަރައްގީވުމަށް މަގު ހުޅުވިގެންދެއެވެ.
  • ދަރިވަރުންގެ އަމިއްލަ އުނގެނުންތައް ބަލާނެ މިންގަނޑުތަކާއި، އުސޫލުތަކާއި، އަމިއްލަ އުނގެނުން ކަށަވަރުކުރާނެ ގޮތްތަކުގެ ނަމޫނާ ދެއްކުން.
  • ދަރިވަރުން އެއްބަޔަކު އަނެއްބަޔަކަށް ފީޑިބެކްދިނުމަށް ބޭނުންކުރެވިދާނެ ވާހަކައިގެ ޢިބާރާތްތަކާއި ގޮތްތަކަށް ދަރިވަރުން ތަމުރީނުކޮށް ހޭނުވުން.
  • އުނގެނުމުގެ މާހައުލަކީ ދަރިވަރުން އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިކަން ބޭނުންވާ ހިނދު ޖެހިލުމެއް ނެތި ފާޅުގައި ޚިޔާލުތަކާއި ވިސްނުންތައް ހިއްސާކުރެވޭ ފަދަ އަމާން މާހައުލެއް ކަން އިހުސާސްވާ ގޮތަށް ރޭވިފައިވާ ތަނަކަށް ހެދުން.

އިސްވެދިޔަ ކުރު މަޢުލޫމާތު ކޮޅަކީ މިހާރުވެސް މުދައްރިސުން ކޮންމެވެސް ވަރަކަށް ކުރައްވަމުން ގެންދަވާނެ ކަންކަން ފާހަގަ ކުރެވެއެވެ. އަބަދުވެސް އުނގެނުން ރާވާއިރު ދަރިވަރުންގެ ހިއްސާބޮޑުކޮށް ވަޒަންކުރުމުގެ މަސައްކަތްވެސް ރޭވުމަކީ އުނގެނުން އިތުރުކުރުމަށާއި ދަރިވަރުންގެ އަމިއްލަ ގާބިލުކަން އެތަށް ގުނައަކަށް އިތުރުކުރެވޭ ކަމެކެވެ. އެސެސްމަންޓް އޭސް ލާރނިންއަކީ އަބަދުވެސް ކުލާހުގައި ކުރެވޭ މަސައްކަތްތަކުގެ ބަޔަކަށް ހެދުމަކީ މުހިންމު ކަމެކެވެ. ހަމަމިއާއެކު، ދަރިވަރުންނަށް އެކަން ކުރުމުގެ ތަމުރީނުތައްދީ ގޮތްކިޔައިދީ ހާނުވައި ހެދުމަކީ މުދައްރިސުން ކުރަންޖެހޭ ކަމެކެވެ. ގިނަ ގިނައިން މިފަދަ މަސައްކަތްތައް ދަރިވަރުންނާއި ހަވާލުކުރުމަކީ ދަރިވަރުންނަށް ހާސިލުވާމިންވަރު އިތުރުވުމުގެ އިތުރުން އެހެން ދަރިވަރުންނާއެކު އޮންނަ ގުޅުންވެސް ހަރުދަނާވުމާއި އަމިއްލަ ނަފުސުގެ އިތުބާރު އިތުރުވުމަށް ވެސް މަގުފަހިވާ ކަމެކެވެ. ނިންމާލަމުންވެސް ފާހަގަކޮށްލަން ބޭނުންވަނީ ދަރިވަރުންނަކީ ޒިންމާދާރު އުނގެނެވީންނަށް ހެދޭނީ އެކުދިންގެ އުނގެނުމުގައިވެސް އަދި ވަޒަންކުރުމުގައިވެސް ޒިންމާތަކެއް ހަވާލުކޮށްގެންނެވެ.


ހަވާލާ ދޭ ފަރާތްތައް

Afflerbach, P. (2017). Understanding and using reading assessment, K-12. ASCD.

Earl, A. M. (2003) Assessment as Learning: Using Classroom Assessment to Maximize Student Learning, Corwin Press

ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް
ޑޮކްޓަރ އާމިނަތު ޝާފިޔާ އާދަމް އަކީ ނިއުޒިލޭންޑްގެ ވައިކަޓޯ ޔުނިވަރސިޓީއިން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވާ ދާރިސެކެވެ. މިހާރު ޝާފިޔާ މަސައްކަތް ކުރައްވަނީ ގައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުގައެވެ. ޝާފިޔާ އަކީ މުދައްރިސުން ތަމުރީނު ކުރުމުގެ ދާއިރާގެ އިތުުރުން ކިޔަވައިދިނުމާއި އުގަންނައިދިނުމާ ގުޅޭ ގޮތުން އިނގިރޭސި ބަހުންނާއި ދިވެހިބަހުން ވަރަށް ގިނައިން ލިޔުއްވާ ބޭފުޅެކެވެ. މިގޮތުން ލިޔުއްވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ކިޔަވައިދިނުން ހަރުދަނާކުރުމާއި، ކިޔަވައިދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރުމާއި، ދަރިވަރުންގެ އުނގެނުން ތަރައްގީ ކުރެވޭނެ ގޮތްތަކާއި އަދި ދިރާސާ ކުުރުމުގެ މަސައްކަތުގެ ދާއިރާތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.