ބާއްޖަވެރި ދިރިއުޅުމެއްގެ ސިއްރުތަކަކީ ކޮބައިބާ؟

(ޑރ. ރޮބަރޓް ވޯލްޑިންގަރ ގެ ދަރުސެއް އަޑުއަހާފައި)

ޑރ. ރޮބަރޓް ވޯލްޑިންގަރ (Dr. Robert Waldinger) އަކީ ނަފްސާނީ އިލްމުވެރިއެކެވެ.  އެމެރިކާގެ މަޝްހޫރު ހާވަޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއް މެއެވެ. ހާވަޑް ޔުނިވަރސިޓީން ބަލަހައްޓަމުން އަންނަ އެންމެ ދުވަސްވީ ދިރާސާ ވިލަރެސް ކުރެއްވުމާ މިހާރު ހަވާލުވެ ހުންނެވި ސައިންޓިސްޓެވެ. އޭނާ އަކީ، 1938ން ފެށިގެން މެދު ނުކެނޑި މިހާރުވެސް ކުރިޔަށްގެންދާ މި އާދަޔާ ޚިލާފު ދިރާސާ އިސްވެ ހުންނަވައިގެން ވިލަރެސް ކުރައްވާ 4 ވަނަ ވިލަރެސްވެރިޔާއެވެ.

* * *

އަޅުގަނޑުމެންގެ ދިރިއުޅުން މިހިސާބަށް އައި އިރު އަޅުގަނޑުމެންގެ ދިރިއުޅުމުގައި އެންމެ މާނަފުން އުފަލެއް ލިބުނީ ކާކުގެ ނުވަތަ ކޮންބައެއްގެ ފަރާތުންބާއެވެ. ނުވަތަ އެ އުފަލެއް ލިބެނީ އަދާކުރާ ވަޒީފާގެ ގޮތުންތޯ ނުވަތަ އާއިލާގެ ތެރޭގައި ހިމެނޭ އެއްބަނޑު ކުދިންގެ ފަރާތުންތޯ، ތިމާގެ ދަރިންގެ ކިބައިންތޯ ނުވަތަ ޒަމާންވީ ރަހުމަތްތެރިންގެ ސަބަބުންތޯ މިއީ ވިސްނައިލުން ހަމަ އެންމެ އެކަށީގެންވާ ކަންކަމެވެ.

މިއަދުން ފެށިގެން ދިރިއުޅުމަށް ބަދަލެއް ގެނެސް ދިރިއުޅުމުގައި މާ އުފާވެރި ކުލަތަކެއް ޖައްސަން ބޭނުންނަމަ، ތިބާގެ ދިރިއުޅުމަށް ގެންނާނީ ކޮންކަހަލަ ބަދަލުތަކެއްބާއެވެ. ދިރިއުޅުން އިތުރަށް ރޯޝަން ކުރަން ވަގުތާއި ފައިސާ ބޮޑަށް ވުނަކުރާނީ (އިންވެސްޓު ކުރާނީ) ކޮންކޮން ކަންކަމެއްގައިބާއެވެ؟

ދާދިފަހުން ކުރެވުނު ދިރާސާއެއްގައި، މިދިޔަ ގަރުނުގެ ފަހުކޮޅު އުފަންވެ މިހާރު އަމިއްލަ ދިރިއުޅުމެއް ފަށައިފައިވާ ޒުވާނުންގެ ގާތުގައި އެމީހުން އެންމެ ހާސިލު ކުރާހިތްވަނީ ކޮން ކަންކަމެއްތޯ ސުވާލު ކުރެވުނު ހިނދު، ސުވާލުކުރެވުނު ސައްތައިން 80 ބޭނުންކަމަށް ބުނީ ‘ފިސާރި ތަނަވަސްކަމެވެ’. ދެންތިބީން ބޭނުންވީ ފިލްމުސްޓާރުން ލަވަކިޔުންތެރިން ފަދައިން ވަރަށް މަޝްހޫރު މީހުންކަމުގައިވުމެވެ.

އެމެރިކާގައްޔާއި ޔޫރަޕުގެ ގިނަ ރަށްރަށުގެ އިތުރުން މިހާރު ގިނަ މުޖްތަމައުގައި ވަޒީފާއަށް ވަންނަ ޒުވާނުންނަށް ބޮޑަށް ބާރުއަޅައި ވިސްނައިދެވިފައިވަނީ ބާރުލާފައި ވަޒީފާއާއި ވީފަރާތަށް ‘އަރިވުމަށެވެ’. ނުވަތަ އެފަރާތަށް ބުރަވުމަށެވެ. މަސައްކަތުގެ ތެރެޔަށް ބާރަށް ވަދެގަނެ އެދާއިރާގައި އިތުރު ކާމިޔާބު ހޯދުމަށެވެ. ގިނަމީހުންނަށް ހީވަނީ އުފާވެރިކަން އޮތީ ބުރަމަސައްކަތުގެ ތެރެއިން ލިބޭ ވަޒީފާގެ ކުރިއެރުމުގައިކަމެވެ.

އިންސާނެއްގެ ހަޔާތާ ބެހޭގޮތުން އަޅުގަނޑުމެނަށް  މައުލޫމާތު ލިބެން އޮތީ އެމީހުންގާތުގައި އަހައި ސުވާލުކޮށްގެންނެވެ. ނިކަން ހަނދާން ކޮށްގެން ކިޔައިދީބަލާށޭ ބުނުން ނޫންގޮތެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެންގެ ހަނދާނަކީ އެކިމީހުންގެ ކިބައިގައި އެކި މިންވަރަށް ހަރުލާފައި ހުންނަ ފޮޓޯތަކެއް ކަހަލަ ހިނދުކޮޅުކޮޅެވެ. ހަޔާތުގެ ވަރަށް ބޮޑުބައެއް ދަނީ ދުވަސްވީވީހެން ހަނދާނުގެ ފަތްފުއްތަކުން ފޮހެވެމުން ނެތެމުންނެވެ. ނުވެސް ހިނގާ ކަމެއް، އެއީ ހަމަ ވީކަމެއްގެ ގޮތުގައި ‘ހަނދާނުގައި’ ހުންނަނީވެސް މަދެއްކޮށް ނޫނެވެ! މިއީވެސް ވާކަމެކެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، މީހުންގެ އެންމެ ޒުވާން އުމުރުން ފެށިގެން  އެމީހުންގެ ދިރިއުޅުން ރެކޯޑްކޮށް ތަހުލީލުކޮށް ބެލެހެއްޓޭނަމަ، ލިބޭނީ ކޮންކަހަލަ ފިލާވަޅުތަކެއްބާއެވެ؟ އެމީހުންގެ ޖިސްމާނީ ސިއްހަތާއި ނަފްސާނީ ސިއްހަތަށް އެންމެ ހެޔޮ އަސަރެއް ފޯރުވީ ނުވަތަ އެންމެ ބޮޑުގެއްލުމެއް ލިބުނީ ކުރަން ފެށުނު ކޮން ކަންކަމަކުންތޯ އިލްމީ ގަރީނާއާއި އެކު އެނގެން އޮތްނަމަ ލިބޭނީ ކޮންކަހަލަ އަގުބޮޑު ފިލާވަޅުތަކެއްބާއެވެ؟

އިސްވެ ލިޔެވުނު ސުވާލުތަކުގެ ޖަވާބު ލިބިފައި އެބަހުއްޓެވެ! The Harvard Study of Adult Development މައިގަނޑު މި ސުރުޚީގެ ދަށުން ދުވަހަކުވެސް ކުރެވިފައި ނުވާ ދިރާސާއެއް ކުރެވެމުން އަންނަތާ މިހާރު 82 އަހަރު ވެއްޖެއެވެ. އާދެ، ފެށުނީ ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިންނެވެ. 1938 ގައި ފެށުނު މި ދިރާސާގައި ތިބީ ދެފަރާތުގައިވެސް ފިރިހެނުންނެވެ. އެއްބަޔަކީ މަޝްހޫރު ހާވަޑް ޔުނިވަރސިޓިގެ ދެވަނަ އަހަރުގައި ކިޔަވަމުން އައި ޒުވާނުންނެވެ. އަނެއްބަޔަކީ (ހާވަޑް ޔުނިވަރސިޓި ހުންނަ) ބޮސްޓަން ސަހަރުގެ އެންމެ އާދައިގެ ދިރިއުޅުމެއް އުޅޭ ބޮސްޓަންގެ ޒުވާނުންނެވެ. ޖުމުލަ 724 މީހުންގެ މައްޗަށް އެކުލެވޭ ދިރާސާއެކެވެ.

724 މީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް 82 އަހަރުގެ ދިގު މުއްދަތަށް ދިރާސާ ކުރުމަކީ މީގެ ކުރިން ކުރެވިފައިވާ ކަމެއް ނޫނެވެ. އެތަކެއް ސަބަބުތަކާހުރެ މިފަދަ ދިރާސާ ގިނަ ދުވަހަށް ދެމިގެން ނުދަނީއެވެ. ކާމިޔާބު ނުވާ ސަބަބުތަކަކީ، ޚަރަދު ކުރާނޭ ފައިސާ ލިބުން ދަތިވުން، ދިރާސާ ކުރާ މީހުން ނުވަތަ ދިރާސާ ކުރެވޭ މީހުން ފޫހިވުން، މަރުވުން މިފަދަ ކަންކަމެވެ. ނަމަވެސް މި ދިރާސާ އަދިވެސް ކުރިޔަށް އެބަދެއެވެ. އެ 724 މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ފަސްދޮޅަހަކަށް މީހުންނެވެ. ގިނައީ އުމުރުން 90ން މަތީ މީހުންނެވެ. މިހާރު މި ދިރާސާގައި ހިމެނެނީ ފުރަތަމަ ބައިވެރިވި މީހުންގެ އިތުރުން އެމީހުންގެ ދެހާހެއްހައި  ދަރިންނެވެ.

1938ން ފެށިގެން މިހައިތަނަށް، މި ދިރާސާ ކުރިއަށް ގެންދާ ސައިންޓިސްޓުން މި ދެފަންތީގެ މީހުންގެ ގާތަށް ގޮސް މައުލޫމާތު އެއްކުރެއެވެ. އެދުވަސްވަރު ހާވަޑް ޔުނިވަރސިޓީގެ ދެވަނަ އަހަރު ކިޔަވަމުން އައި ޒުވާނުން ކިޔަވައި ނިމުމާއެކު، ބޮޑު ހަނގުރާމައެއް ފެށިފައިވާތީ ގިނަ ޒުވާނުން ވަނީ ސިފައިގެތެރެއަށެވެ. މިހެންވެ ހަނގުރާމަ ކުރެވެމުންދިޔަ އެކި ހިސާބު ހިސާބަށް މި ޒުވާނުން ފޮނުވައިލެވުނެވެ. ދިރާސާ ގައި ހިމެނުނު ދެވަނަ ފަންތިއަކީ ބޮސްޓަން ސަހަރުގެ އެންމެ ފަގީރު ޒުވާނުންނެވެ. މިޒުވާނުން ހިމެނުމުގެ ސަބަބަކީ ދިރާސާގެ އަނެއް ފަންތި ކަމުގައިވާ ހާވަޑް ޔުނިވަރސިޓީގައި ކިޔަވާ ތަނަވަސް ކުދިންނާ މި ފަގީރު ޒުވާނުންނާ ހުރި އިޖްތިމާއީ ތަފާތުގެ ބޮޑުކަމުންނެވެ. ނިކަމެތީން ދިރިއުޅޭ ހިސާބު ހިސާބުގައި އުޅޭ މި ޒުވާނުންނަށް އެދުވަސްވަރު އިސްކުރުން ހޫނުފެންފޮދެއްވެސް ނުލިބެއެވެ. ގިނައީ އަމުދުން ފެންހޮޅިވެސް ގުޅާފައި ނެތް ގޭގެއެވެ!

މި ދިރާސާގައި ބައިވެރިވި ޒުވާނުންގެ ހުރިހައި ވަނަވަރެއް ހޯދައި އެއްކުރެވުނެވެ. ޑަކްޓަރުންގެ ޓީމުތަކުން އެމީހުން ބޭނުން މައުލޫމާތު ހޯދައި ފައިލް ކުރިއެވެ. އެކުދިންގެ ގޭގެއަށް ގޮސް މައިންބަފައިންނާ ވާހަކަދައްކައި އެމީހުންގެ ފަރާތުންވެސް މައުލޫމާތު އެއްކުރެވުނެވެ.

މިދެންނެވި ޒުވާނުން އެދުވަސްވަރު ކުރަމުން އައީ ތަފާތު އެކި މަސައްކަތެވެ. ކާރުޚާނާތަކުގައި މަސައްކަތް ކުރާ މީހުންނާއި ރާނާ މީހުންނެވެ. ހާވަޑް ޔުނިވަރސިޓީގެ ދަރިވަރުންގެ ތެރެއިން އެކަކު އެމެރިކާގެ ރައީސްކަން ވެސް ކުރެއްވިއެވެ. އެއީ އެމެރިކާގެ 35 ވަނަ ރައީސް ކަމުގައިވި ޖޯން އެފް ކެނެޑީއެވެ!

ބައިވެރިންގެ ތެރެއިން ބައެއް މީހުން ރާބުއިމަށް ދެވިހިފިއެވެ. މަދު ބަޔަކަށް ހިތްދަތި ނަފްސާނީ ބަލި ޖެހުނެވެ. ނިކަމެތި ކުދިންގެ ތެރެއިން ބައެއް ކުދިން، މުޖްތަމައުގެ އެންމެ ތިރިން، ހަރުގަނޑުގެ އެންމެ ތިރީ ހަރުން ފެށިގެން މުޖްތަމައުގެ ބަސްވިކޭ އެންމެ ހަރުދަނާ މީހުންގެ ތެރޭގައި ހިމެނުނެވެ.  ހާވަޑް ޔުނިވަރސިޓީގައި ކިޔަވަން އުޅުނު ތަނަވަސް މީހުންގެ ދަރިންގެ ތެރެއިން މަދު ބަޔަކު، މުޖްތަމައުގެ އެންމެ ކުލަގަދަ ހިސާބުން އެންމެ އަނދިރި ހިސާބަށް ވެއްޓުނެވެ. އެމެރިކާގެ އެންމެ މަޝްހޫރު ޔުނިވަރސިޓީގައި ކިޔެވި ޒުވާނުން ސުވާލު ނުކުރި ނަމަވެސް، ބޮސްޓަންގެ ފަގީރު ޒުވާނުން ” އަހަރުމެން ނިކަމެތީންގެ ދިރާސާ ތިޔަ ކުރައްވަނީ ކީއްވެތޯ” އަހައި ސުވާލު އުފައްދައެވެ.

ދިގު ދިރާސާގެ ނަތީޖާ

އަށްޑިހަވަރަކަށް އަހަރު މި އެއްކުރެވުނު މައުލޫމާތުގެ ޚުލާސާ ނަތީޖާއަކީ ކޮބައިބާއެވެ. މުޖްތަމައުގެ މަތީ ފަންތިއަށް އުފަންވެ މުޅި ދުނިޔެއަށް މަޝްހޫރު ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ލިބުނު މީހުންނާއި އެންމެ އާދައިގެ މީހުންގެ ދަރިންގެ ތެރެއިން މެދު ފަންތީގެ ތައުލީމެއް ލިބުނު މީހުންގެ ތެރެއިން އެންމެ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމެއް ލިބިފައިވަނީ ދޭދޭ ފަރުދުންގެ ގުޅުން ބަދަހިކޮށް އެގުޅުންތައް ދެމެހެއްޓި މީހުންނަށެވެ! މުއްސަންޖެއް، ފަގީރެއް، ލިބުނު ތައުލީމެއް، އުފަންވި ގޭގެ ތަނަވަސް ކަމެއް، އެގޭގެ ދަތި ކަމެއްގެ އަސަރެއް ދާއިމީ ގޮތެއްގައި މީހެއްގެ ކިބައިގައި ހަރުލާފައެއް ނުހުރެއެވެ! ވީމާ އިޖްތިމާއީ ގުޅުންތަކަށް ފަރުވާ ބަހައްޓައި އެކަން ދަމަހައްޓަން ސަމާލުވާށެވެ.

އެކަނިވެރިކަމަކީ ވަރަށް ހިތްދަތިކަމެކެވެ. ބަލި ގިނަވެ އުމުރު ކުރުވާ ކަމެކެވެ. މުޖްތަމައުގައި ހިލޭ ސާބަހަށް ކަންތައް ކޮށްދިނުމާއި އެއްބަނޑު އެއްބަފާ ކުދިންނާ އޮންނަ ގާތްކަމާއި، ހެޔޮ ލަފާ ރަހުމަތްތެރިންނާ އޮންނަ ބަދަހި ގުޅުމާއި، އެއް ޚިޔާލެއްގެ މީހުން ބައްދަލުވެ ސަމާސާކޮށް އުޅުމުގެ ރީތި އާދަ ދެމެހެއްޓުން ވަރަށް މުހިންމެވެ. މިފަދަ މީހުން ޖިސްމާނީ ގޮތުންވެސް ސިއްހަތު ރަނގަޅެވެ. ހަމަ އެކަނި ނަފްސާނީގޮތުންނެއް ނޫނެވެ.

މި ދިރާސާއިން ހާމަވީ އެކަނިވެރި ދިރިއުޅުމަކީ ނަފްސާނީ ސިއްހަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމުގައެވެ. ރަހުމަތްތެރިން މަދު، އެކަނިވެރި ހިތްދަތި ދިރިއުޅުމެއް އުޅޭނަމަ، މެދު އުމުރަށް ފޯރާއިރު ކުދި ބަލި ގިނަކަން ފާހަގަވެއެވެ. ހިތާމައަކީ މިހާރުވެސް ތަރައްގީވެ ކުރިއަރާފައިވާ ގައުމުތަކުގައި ކޮންމެ ފަސްމީހަކުން އެކަކު ދެކޭ ގޮތުގައި އޭނާ ވަރަށް އެކަނިވެރިއެވެ!

ވަގުތު ހޭދަކުރާގޮތުގެ މުހިންމުކަން

އަޅުގަނޑުމެން އެންމެންވެސް ގަބޫލުކުރާނޭ ފަދައިން ކާވެނި ޕާޓީއެއްގައިވެސް، ދަތުރަކުގޮސް އެންމެން ވަށައިގެން އުޅޭއިރުވެސް އެކަނިވެރިކަމުގެ އިހްސާސް ހިތަށް ވަދޭ ނޫންތޯއެވެ. މި ދިރާސާއިން ލިބުނު އަނެއް ފިލާވަޅަކީ އެންމެ މުހިންމީ ރަހުމަތްތެރިން ގިނަވުމެއް ނޫނެވެ. އެމީހުންނާ އޮންނަ ގާތް ބަދަހި ގުޅުމެވެ. އެކަކު އަނެކަކަށް ކުރާ އިހްތިރާމާއި ގަދަރެވެ. ވާ ލޯތްބެވެ. ރައްޓެހިންނާވެސް، އިނދެގެން އުޅޭ މީހާ އާވެސް އަބަދު ދެބަސްވެ އަރައިރުންވެ ގިނަގިނައިން ރުޅިވެރިކަމުގައި ހޫނު ޒުވާބުކުރަންޖެހޭ ދިރިއުޅުމެއްނަމަ އެއީ އުޅެންވާނެ ގޮތެއް ނޫނެވެ. އެފަދަ ނޭއްގާނީ ގުޅުމުން ބޭރުވާންޖެހެއެވެ. އަޅުގަނޑުމެނަށް އެނގޭ ގޮތުގައި އެއްވެސް ލޯތްބެއް ކުލުނެއް ނެތް ކާވެންޏެއްގައި ދެމިހުރުމަށްވުރެ ވަރިވެ އެހާލަތުން ދުރަށް ދިޔުން، ސިކުނޑިއަށާއި ހަށިގަނޑަށް މާ ފައިދާ ބޮޑެވެ. ލޯތްބާއި ކުލުނާއި އެކަކު އަނެކަކަށް އިހްތިރާމު ކުރާ ބަދަހި ކާވެންޏަކީ  ދިރިއުޅުމުގައި ދިމާވާ ތަފާތު ދަތި ތަކުން ރައްކާތެރިކަން ހޯދައިދޭ އައްޑަނައެކެވެ!

އަޅުގަނޑުމެންގެ ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން 80 އަހަރު ވެފައި ތިބި މީހުންގެ ފައިލްތައް ހުޅުވައި ފަހަތަށް ގޮސް، އެމީހުންގެ އުމުރުގެ އެންމެ ފަހުކޮޅު އުފަލުގައި އުޅޭނެ މީހުން، އެމީހުންގެ މެޑިކަލް ރެކޯޑުތަކުން އެނގެން ހުރިތޯ އަޅުގަނޑުމެން ބެލީމެވެ. އުމުރުން 50 އަހަރުގައި އޭނާގެ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރި މިންގަނޑަކީ ފަހުން، އޭނާގެ އުފަލަށް ގެއްލުމެއް ނުވަތަ ފައިދާ އެއް ހިއްސާ ކުރާ ކަމެއް ނޫންކަން ހާމަވެއެވެ. މިހެން ފަހަތަށް ގޮސް ބެލުމުން ފާހަގަވީ، އުމުރުން 50 އަހަރުގައިވެސް އެންމެ އުފަލުގައި، ކާވެނީގެ ސަބަބުންނާއި ހެޔޮލަފާ ރައްޓެހީންނާއި ހެޔޮ ތަރުބިއްޔަތެއް ލިބިފައިވާ ދަރިންގެ ސަބަބުން ހިތްހަމަ ޖެހި، އުމުރުން 80ގައިވެސް އެންމެ ހިތްހަމަ ޖެހިގެން އުޅެނީ މިދެންނެވި ފަންތިއެވެ!

އުމުރުން ދުވަސްވެ ހަށިގަނޑުގެ އެކި ހިސާބުގައި އަޅާ ވޭން ގަދަވާ ދުވަސްދުވަހުވެސް ދެމަފިރިން އުފަލުން އުޅޭ މީހުން ބުނަނީ ހަށިގަނޑުގައި ރިހުނު ނަމަވެސް އެއީ އެމީހުންގެ މިޒާޖު ގޯސްވެ ރުންކުރުވާން ޖެހޭ ސަބަބެއް ނޫންކަމުގައެވެ. ތަދާއި ވޭނުގެ ތީރުތަކުން އުފާވެރިކަން ފޫއަޅުވައި ނުލެވޭނެކަމުގައެވެ! ނަމަވެސް އެކަނިވެރިން، ނުވަތަ އުފަލެއް ނެތް ކާވެނީގެތެރޭގައި އުޅޭމީހުން ބުނާގޮތުގައި ދުވަސްވުމުން އަޅާވޭން ގަދަވާ ދުވަސްދުވަހު، ހިތްދަތިކަން އިތުރުވާ ކަމުގައެވެ! ހިތަށް އަރައި ފައިބާ ހިތި އިހްސާސްތައް ގިނަވެ މިޒާޖު ކިލަނބުވާކަމުގައެވެ!

ބަދަހި ގުޅުންތަކުން ސިކުންޑިޔަށް އަންނަ ހެޔޮ ބަދަލު

އިސްވެ ދެންނެވުނު ދިރާސާއިން ޔަގީންވި އަނެއް ކަމަކީ ލޯތްބާއި އިހްތިރާމު ލިބޭ ބަދަހި ގުޅުމުގެ ސަބަބުން ފައިދާ ކުރަނީ ހަމައެކަނި އަޅުގަނޑުމެންގެ ހަށިގަނޑަށް ނޫންކަމެވެ. އާދެ، އެފަދަ ގުޅުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ ސިކުނޑި ބަލިން ރައްކާކޮށްދެއެވެ. އުމުރުގެ ފަހުކޮޅު މިކަން އަދި މާ މުހިންމެވެ. ބޮޑު ކަމެއް ދިމާވާ ހިނދު ތިމަންނާގެ ފަހަތުގައި އިތުބާރު ކުރެވޭ ބަޔަކު ތިބިކަން އެނގުމުން އެ ލިބޭ ހިތްހަމަޖެހުމުގެ ސަބަބުން ހަނދާން ބަލިވާ ބަލި ދުރުވެ ކުރީގެ ހަނދާންތަކަށް ބަދަލެއް ނައިސް ސިކުނޑީގައި ސާފު ކަމާއެކު ހަރުލާފައި ހުރެއެވެ.

އުމުރުން ދުވަސްވާން ފެށުމުން އެންމެ އަވަހަށް ހަނދާން ބަލިވަނީ އެކަނިވެރިވެ، ތިމަންނާއަށް އަޅައިލާނެ މީހުން ނެތްކަން، ނުވަތަ މަދުކަން އިހްސާސްވާ މީހުންނެވެ. ކުރިން ދެންނެވި، ހަނދާން ބަލިނުވާ މީހުންނަކީ ދުވަހަކުވެސް އެކުވެރިންނާ ނުވަތަ ހަޔާތުގެ ބައިވެރިޔާ އާ ޒުވާބު ނުކުރާ މީހުންނެއް ނޫނެވެ. އާދައިގެ ދެބަސްވުމަކީ ހިތްދަތިވުމެއް ނޫނެވެ. އެކިފަހަރު ކުދިކުދި ޒުވާބު ކޮށް އުޅޭ ދެމަފިރިން އަޅުގަނޑުމެންގެ ދިރާސާގައި މަދެއް ނޫނެވެ. ނަމަވެސް ބޮޑެތި ކަންކަން ދިމާވާއިރު ތިމަންނާ އެކަނި ނުވާނޭކަން ގަބޫލުކުރާ މީހުންނަށް އެ ކުދިކުދި ” ކޯޅުންތަކުން” ހަމަ އެއްވެސް ގެއްލުމެއް ނުލިބެއެވެ.

ހަގީގަތުގައި، މިދެންނެވި ދިގު ދިރާސާގެ ނަތީޖާގައި މުޅީން އާ ކަމެއް ނެތެވެ. ރީތި ބަދަހި ދިރިއުޅުމުން ލިބޭ ފާގަތިކަމަކީ ސިއްރެއް ނޫނެވެ. އެންމެންވެސް ދަންނަ ކަމެކެވެ. އެކުވެރިކަމަކީ ބާރެއްކަމާއި، އެކަހެރިވެ ބައިބައިވުމަކީ ދެރަ ނިކަމެތިކަމެއްކަން ހުރިހާ ހިސާބެއްގައިވެސް ގަބޫލުކޮށް ކިޔައި އުޅެއެވެ. ވީމާ، މިކަން އެނގި ހުރެ ބަދަހި، އެކުވެރިކަމެއް ހޯދަން، އަދި ވަކިވަކިވެ އެކަހެރި ދިރިއުޅުމަކުން ސަލާމަތްވާން  މިހައި އުނދަގޫ މިވަނީ ކީއްވެތޯއެވެ؟

ޖަވާބަކީ، އަޅުގަނޑުމެންނަކީ އިންސާނުންނެވެ. އަޅުގަނޑުމެންގެ ކިބައިގައި ހުންނަ އައިބު ކަންކަމާއި އުނިކަންކަން  މަދެއް ނޫނެވެ. ރަހުމަތްތެރިކަމުގައި  ހިމެނެނީ އެތައް ބަޔެއްގެ މައްޗަށް އެކުލެވޭ ގުޅުމެކެވެ. އެންމެންގެ ކިބައިގައި އެއް މިޒާޖެއް ހުރެ، ގިނަ ދުވަހަށް ދެގޮތެއް ނުވެ އެކަކު އަނެއް ދެތިން ހަތަރު މީހުންނަށް ވަފާތެރިކަމުގައި ދެމި ތިބުން އުނދަގޫ ވަނީއެވެ. ކާވެންޏެއް ނަމަ ވަފާތެރިކަމާއި ދިގު މުއްދަތަކަށް ދެގޮތެއް ނުވެ ލޯތްބާއި އިހްތިރާމުގައި ދެމިތިބެން ތަފާތު ސަބަބުތަކާހުރެ ދެމީހުންނަށް ނުވަތަ އެކަކަށް އުނދަގޫވަނީއެވެ! ކޮންމެ ދުވަހަކު ކުރާން ހުންނަ އެތައް ކަމެއް ހުރެއެވެ. ކޮންމެ ދުވަހަކު ތަފާތު ކަންކަމެވެ. ދަރިންގެ ކަންކަމާއި، ކުރާ މަސައްކަތުގައި ދިމާވާ ދަތި ތަކާއި ނިސްބަތްވާ އާއިލާގެ ފަރާތުން ދިމާވާ އަދަދު ނުކުރެވޭ އެތައް ކަމެކެވެ. ފަންސާސް ނުވަތަ ފަސްދޮޅަސް އަހަރު އެއްގޮތެއްގައި އެއްވާނެއްގައި ތިބެން ފަސޭހަ ކަމަކަށް ނުވަނީއެވެ.

އުމުރުން 75 އަހަރު ވީއިރު އުފަލުގައި އުޅޭކަމަށް ބުނި މީހުންނަކީ އެކި މަރުހަލާތަކުގައި ރަހުމަތްތެރިން ބަދަލުކޮށް އެދުވަސްވަރަކާ ގުޅޭ ރަހުމަތްތެރިން ހޯދަމުން އައި މީހުންނެވެ. އަޅުގަނޑުމެން އަހައި ސުވާލުކުރި، މިހާރު 30 ގެ އަހަރުތައް ގުނަމުން އަންނަ ޒުވާނުން، އެއްބަޔަކު ވަރަށް މުއްސަނދިވާން އަދި އަނެއް ބަޔަކު ވަރަށް މަޝްހޫރުވާން ބޭނުންވި ފަދައިން، ދުވަސްވީ މި މީހުންގެ ތެރޭގައި ޒުވާން އިރު ހަމަ އެކަންކަން ބޭނުންވި މީހުން އެބަ ތިއްބެވެ. ނަމަވެސް މިމީހުންގެ ތެރޭގައި ހިތްހަމަ ޖެހިގެން، ފުދިގެން ދަރަނިވެރި ނުވެ ހަމަޖެހިގެން މި އުޅެނީ މުދާ އެއްކުރުމަށްވުރެ ބޮޑަށް ދޭދޭ ފަރުދުންގެ ގުޅުން ބަދަހި ކުރަން ބޮޑަށް ބުރަވި މީސްމީހުންނެވެ! އެ އުޅޭ ވިއްޔެއްގެ އިޖްތިމާއީ ކަންކަމުގައި ބައިވެރިވެ ހިލޭސާބަހަށް ކަންކަން ކުރަން އާދަވެފައިވާ މީހުންނެވެ.

ޒުވާން ކިޔުންތެރިޔާއެވެ!  ކުރިމަގު އާރާސްތު ކުރަން ތިބާއަށް ކުރިމަތީގައި ލައްކަ ދުވަސް އެބައޮތެވެ. މި ލިޔުން މިހައި ހިސާބަށް ކިޔާފައި ތިބާގެ ނިންމުމަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެންގެ އަތުގައި ތަތްލާފައި އޮންނަ ފޯނެއް އެބައޮވެއެވެ. ގޭގައި އެންމެންގެ ސަމާލުކަން ދަމައިގަންނަ ޓީވީއެއް އެބަހުރެއެވެ. އުނގުގައި ބަހައްޓައިލެވޭ އަމިއްލަ ކޮންޕިޔުޓަރު އެހައި އާންމު ވެއްޖެއެވެ. މިދެންނެވި ކޮންމެ އެއްޗެއްގައި އަޖައިބެއް ފަދަ ސިހުރެއް އެކުލެވޭ އިސްކިރީނެއްވެއެވެ.  އެއީ ތިބާގެ ދެގޮތެއް ނުވާ ސަމާލުކަމަށް އަބަދުމެ ގޮވަގޮވައި އެދިއެދިވާ ތިން އިސްކިރީނެވެ. އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށް ޓަކައި ނުވަތަ ގާތް ރަހުމަތްތެރިއަކަށް ޓަކައި މިދެންނެވި އިލެކްޓްރޯނިކް ވަސީލަތްތަކާ ދުރަށް ޖެހިލައި މިދެންނެވި މީހުންނާ އެކީގައި ހިނގައިލާން، ކުޅެލާން ނުވަތަ ޖޯލީގައި ވާހަކަ ދައްކައިލާން ގަޑިއެއްހައި އިރު ހޭދަ ކޮށްލެވިދާނެތޯއެވެ؟ އެއްބަނޑުމީހުންނާވެސް  ހަމަ މިދެންނެވި ފަދަ ގުޅުން މަޑުމަޑުން ނަމަވެސް ބަދަހިކުރަން ކެރިދާނެތޯއެވެ؟

އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ، މާކް ޓްވެއިން  އުމުރުން ދުވަސްވެ ތަޖުރިބާ ލިބުނު ފަހުން، އޭނާގެ ހަޔާތާމެދު ވިސްނަވަމުން ލިޔުއްވާފައިވެއެވެ. ” އަޅުގަނޑުމެންގެ ހަޔާތުގައި ޚިޔާލު ތަފާތުވެ ދެބަސްވެ ހިތްހަލާކުވާފަދަ ޒުވާބުކޮށް ބަދަލުހިފުމަށް ގޮވައި، މާފަށް އެދި އުޅޭނެހައި ވަގުތެއް ނޯވެއެވެ. ދިރިއުޅުމުކީ ކުޑަ ހިނދުކޮޅެއް ކަމުގައިވެސް ވެދާނެއެވެ. ލިބިފައިވާ ކުޑަ ވަގުތުކޮޅު ލޯބިން ފުރައިލަމާހެއްޔެވެ!”

ފާގަތި ދިރިއުޅުމެއްގެ ބިންގަލަކީ ތިބާގެ ވަށައިގެންވާ މީހުންނަށް ހިތުގައިވާ ލޯތްބެއްގެ ސަބަބުން އުފެދިފައިވާ ބަދަހި ގުޅުންތަކެވެ! މާއްދީ ތަކެތީގެ އޮފުދާރުކަމުން އެތަކެއްޗަށް ޖެހިފައިވާ ކުލުނެއް ނޫނެވެ!

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.