ރައީސް ބައިވެރިވާ ބޮޑު ޖަލްސާތަކެއް ތިން ރަށެއްގައި ޕީޕީއެމުން ބާއްވަނީ

ވެރިކަންކުރާ ޕީޕީއެމްގެ ބޮޑު ޖަލްސާއެއް އަތޮޅު ތެރޭގެ ތިން ރަށެއްގެ އިތުރުން މާލޭގައި ބާއްވަން އެޕާޓީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންވެސް ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާތައް ބާއްވަން ނިންމާފައި ވަނީ މާލޭގެ އިތުރުން ދ. ކުޑަހުވަދޫ އާއި ފ. ނިލަންދޫ އަދި ހދ. ކުޅުދުށްފުށީގައެވެ. ޕީޕީއެމްއިން ބުނީ އެޕާޓީން މި ސިލްސިލާގެ ތެރެއިން ބާއްވާ ފުރަތަމަ ޖަލްސާ އަންނަ ހޯމަ ދުވަހު ކުޑަހުވަދޫގައި ބާއްވާނެއެވެ. އެއަށް ފަހު ހަމަޖެހިގެން އަންނަ އަންގާރަ ދުވަހު ފ. ނިލަންދޫގައި ޖަލްސާ ބާއްވާނެ ކަމަށްވެސް އެޕާޓީން ބުންޏެވެ.

ކުޑަހުވަދޫ އާއި ނިލަންދޫ ޖަލްސާއަށް ފަހު ދެން ބޮޑު ޖަލްސާއެއް ބާއްވާނީ މާލޭގައެވެ. މާލޭގައި ބާއްވާ ޖަލްސާ އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުގެ ރޭއެވެ. މާލޭގައި ބާއްވާ ޖަލްސާއަކީ ވަރަށް ތަފާތު ޖަލްސާއަކަށް ވެގެންދާނެ ކަމަށްވެސް ޕީޕީއެމުން ވަނީ ބުނެފައެވެ. މާލޭގައި ބާއްވާ ޖަލްސާއަށް ފަހު އަންނަ މަހުގެ ބާރަ ވަނަ ދުވަހު މި ސިލްސިލާގެ ފަހު ޖަލްސާ ބާއްވާނީ ހދ. ކުޅުދުށްފުށީގައެވެ.  ޕީޕީއެމުން ބުނީ މިހުރިހާ ޖަލްސާއަކުވެސް ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕީޕީއެމުން ދާދިފަހުން މާލޭގައި ރައީސް ބައިވެރިވި ބޮޑު ޖަލްސާއެއް ބޭއްވި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިސްވެ ހުންނަވައި އައްޑޫ ސިޓީގައިވެސް ވަނީ ޖަލްސާއެއް ބާއްވާފައެވެ. އަދި ރައީސް ވަނީ ދާދިފަހުން ގއ އާއި ރ އަތޮޅުގެ ބަޔެއް ރަށްރަށަށްވެސް ވަޑައިގެންފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.