ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ރައްޔިތުންގެ ސިއްޙަތަށް ކަނޑައަޅާފައި އޮތް ފައިސާ އާއި ސްކޫލް ތަކަށް ދޭން އޮތް ފައިސާއާ ދެކޮޅުހަދަން ބޭނުން ނޫން ކަމަށާއި ބަޖެޓް ފާސްކުރަން ސަރުކާރަށް މިއަދު ފުރުޞަތު ދިނީ އެހެންވެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ ) ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ޕާޓީ ތަކުން މިއަދު މެންދުރުފަހު ކްނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫ ވިދާޅުވީ އިދިކޮޅު ޕާޓީ ތަކުން ބަޖެޓް ޖަލްސާއަށް ހުރަސް ނޭޅި ނަމަވެސް ބަޖެޓް ފާސްކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ސަރުކާރަށް ގެއްލިފައިވާތަން ފެނިއްޖެ ކަމަށާއި މިއަދު ބަޖެޓަށް ވޯޓު އެ ލިބުނީ ސަރުކާރަށް މިހާރު ލިބޭނެ އެންމެގިނަ އަދަދަށް ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
އިބޫ ވިދާޅުވީ މިވަގުތު ރައްޔިތުންނަށް އެންމެ މުހިންމު އެއްކަމަކީ ރައްޔިތުންގެ ބޭސްފަރުވާގެ ނިޒާމް ކަމުގައިވާ އާސަންދަ ހުއްޓުމެއް ނެތި ކުރިޔަށް ދިޔުން ކަމަށާއި އެހެންވެ އެބައި ބަޖެޓުގައި އޮތުމުން ބަޖެޓަށް ދެކޮޅު ހަދަން ސަރުކާރާ ދެކޮޅު ފަރާތްތަކުން ބޭނުން ނުވީ ކަމަށެވެ.
އިބޫ ވިދާޅުވީ މިއަދު މަޖިލީހުގައި ބަޖެޓަށް ވޯޓު ދެއްވާފައިވަނީ ޕީޕީއެމަށް އެންމެ ގިނަވެގެން މަޖިލީހުން ލިބޭނެ އަދަދަށް ކަމަށާއި 85 މެންބަރުންގެ ތެރެއިން 40 މެންބަރުން އެއީ ސަރުކާރު ފަޅީގައި ތިބި މެންބަރުން ކަމަށެވެ. އަދި އަނެއް 45 މެންބަރުން ތިބީ ސަރުކާރާ ދެކޮޅަށް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.