އިނގިރޭސި ދިދައިން ދުނިޔޭގެ އެތަން މިތަނަށް އަޅުވެތިކަމުގެ ހިޔަނި އެޅިފައި

އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުގައި ، މުޅި ދުނިޔޭގެހަތަރުބައިކޮށްފަ އެއްބައި ބިން އޮތް ދުވަސްވަރެއް ދިޔައެވެ. އަދި ދުނިޔޭގެ އާބާދީގެ ފަސްބައިކޮށްފަ އެއްބައި މީހުން ، އިނގިރޭސީންގެ އަޅުވެތިކަމުގައި ތިއްބެވެ. އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި ދުނިޔޭގެ 193 ޤައުމުން ،  71 ޤައުމެއް އޮތެވެ. އިނގިރޭސި ވިލާތަކީ ، ޤައުމުތަކާއި އިންސާނުން އަޅުވެތިކުރުމުގައި އެންމެ އަރާހުރި ޤައުމެވެ. 1920 ވަނައަހަރަށް އެކަނި ބަލައިލިޔަސް ، ދުނިޔޭގެ ހަތަރު ބިތުގައި ، އިނގިރޭސީން ހަނގުރާމަ ކުރަމުން ގެންދިޔައެވެ. އެއީ ބަޔަކު އައިސް އިނގިރޭސީންނާ ހަމގުރާމަ ކުރާތީއެއް ނޫނެވެ. ބިމާއި މީހުން ، އިނގިރޭސީންގެ އަޅުންނަށް ހަދައި އަޅުވެތިކުރުމަށްޓަކައި އިނގިރޭސީން އިސްވެ ، ކުރަމުންގެންދިޔަ ހަނގުރާމަ ތަކެކެވެ.

އިނގިރޭސި ދިދައިން ދުނިޔޭގެ އެތަން މިތަނަށް އަޅުވެތިކަމުގެ ހިޔަނި އެޅިފައި

މިހާތަނަށް ، ދުނިޔޭގެ ތާރީޚުގައި ، އެންމެ ގިނަ ހަނގުރާމަ ކުރީ އިނގިރޭސި ވިލާތެވެ. އިނގިރޭސިވިލާތުން 110 ހަނގުރާމަ ކޮށްފައި ވެއެވެ. ދެވަނަޔަށް އެންމެ ގިނަ ހަނގުރާމަކުރީ ޕޮލޭންޑުންނެވެ. ޕޮލޭންޑުން 105 ހަނގުރާމަ ކޮށްފައި ވެއެވެ. ދެޤައުމެއްގެ ދެމެދުގައި ، އެއްބަޔަކު އަނެއްބައެއްގެ ބިން ހިފުމަށްޓަކައި ، ދެވަނަޔަށް އެންމެ ގިނަ ހަނގުރާމަކުރީވެސް އިނގިރޭސި ވިލާތުންނެވެ. އިންގިރޭސީން އިސްވެ ފަރަންސޭސި ވިލާތުގެ ބިން ހިފުމަށްޓަކައި ، އަދި ފަރަންސޭސީން އިސްވެ ، އިނގިރޭސި ވިލާތުގެ ބިން ހިފުމަށްޓަކައި 16 ހަނގުރާމައެއް ކޮށްފައި ވެއެވެ. އަދި 15 ވަނަ ޤަރުނުން ފެށިގެން މިހާތަނަށް ، ސްވިޑްން އާއި ޑެންމާރކުން 30 ހަނގުރާމަ ކޮށްފައި ވެއެވެ. އެހެންކަމުން ދެޤައުމެއްގެ ދެމެދުގައި އެންމެ ގިނަ ހަނގުރާމަ ހިނގާފައިވަނީ ، ސްވިޑްން އާއި ޑެންމާރކާ ދެމެދުގައެވެ. އިންސާނެއްގެ ވިސްނުމާއި ފިކުރުގައި ، ދެކޮޅުވެރިކަމާއި ދަހިވެތިކަމާއި އަމިއްލައެދުން ، ހިސާބަށްވުރެ ބޮޑުވެއްޖެނަމަ ، ޢަމަލުތައް ހުންނާނެގޮތުގެ ރީތި މިސާލެއް ، ޤައުމެއްގެ ގޮތުގައި ، އިނގިރޭސީން ވަނީ ދުނިޔެއަށް ދައްކާފައެވެ.

އިނގިރޭސީންނަކީ ، ހަނގުރާމައާއި އަޅުވެތިކުރުމާ ދޯޅު ބަޔެކެވެ. އަޅުވެތިކުރާ ކޮންމެ ޤައުމަކުންވެސް ، އެޤައުމެއްގައިހުންނަ ޤުދުރަތީ ވަޞީލަތްތައް ވަރަށް ފުރިހަމަޔަށް ބޭނުން ކުރެއެވެ. އެތައްމިތަނުން އަޅުންގެނެސް ، ސައިފަތް ދަނޑުތަކާއި ކޮފީ ހައްދައި ، އަދި މިނޫނަސް އުފެއްދެން އޮތް ކޮންމެ އެއްޗެއް އުފައްދައި އަދި ވިއްކާލެވެން އޮތް ކޮންމެ އެއްޗެއް ވިއްކައި ، އަމިއްލަ މުއްސަނދިކަން އިތުރުކުރަމުން ގެންދިޔައެވެ. 17 އަދި 18 ވަނަ ޤަރުނުގައި ، އެފްރިކާގެ ޤައުމުތަކުގައި ހިނގި އަޅުންގެ ވިޔަފާރީގައި އެންމެ ބޮޑު ފައިދާއެއް ހޯދީ އިނގިރޭސީންނެވެ. އަޅުންގެ ވިޔަފާރީގައި ، މިހާރުގެ އަގުންނަމަ ، 8 ބިލިއަން ޑޮލަރު ، ހަމައެކަނި އަޅުން ވިއްކައިގެން އިނގިރޭސީން ހޯދިއެވެ.

މިނިވަންކަން ދީފައި އިނގިރޭސީން ފައިބާ ކޮންމެ ތަނެއްގައިވެސް ، ބައިބައިވުމުގެ އޮށް އިންދައެވެ. ބައެއްފަހަރު ، ބައެއް ޤައުމުތަކުގެ ނަޞީބު ރަނގަޅުކަމުން ، ހަމަޖެހުމާއި މިނިވަންކަން ދެމިއޮވެއެވެ. އަނެއްބައި ފަހަރަށް ، ބައިބައިވުމާއި ހަމަނުޖެހުން އިތުރުވެ ، މިނިވަންކަން ލިބުނު މޮޔަ ހީވާ ހިސާބަށް ދެއެވެ. އަދި ބައެއް ޤައުމުގައި މިހާރުވެސް ، ބައިބައިވުމާއި ދާޚިލީ ހަނގުރާމަ ހިނގައި ، ތަޅައިފޮޅުމުގައި ޤައުމުތައް އަވަދިވަމުން އެބަ ދެއެވެ. އދ އަށްވެސް ކުރެވޭ ކަމެއް ނޯވެއެވެ. އެހުރިހައި ހަމަނުޖެހުންތަކެއް މިހާރު ބަދަލުވެފައިވަނީ ދާޚިލީ ހަނގުރާމަޔަށެވެ. ނުވަތަ ދެޤައުމެއްގެ ދެމެދުގައި އޮންނަ ހަމަނުޖެހުމަކަށެވެ. މި މަވްޟޫޢަށް އިންސާފު ކުރުމަށްޓަކައި ، މިރާއްޖެއިން ފެށިގެން ، ކައިރިން ދުރަށް ޖެހިލަމާތޯއެވެ !

އެކުވެރި ސްވާދީބު ޖުމްހޫރިއްޔާގެ ރަސްމީ ދިދަ

އެކުވެރި ސްވާދީބު ޖުމްހޫރިއްޔާ ނިސްބަތްވަނީ ، ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅަށެވެ. " ސްވާދީބު " މިބަސް ރަމްޒު ކޮށްދެނީ ،  އިހުޒަމާނުގައި ، ހުވަދު އަތޮޅު އަޞްލަކަށް ބަލައިގެން ، ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުކަމުގައިވާ ހުވަދު އަތޮޅާއި ފުވައްމުލަކާ އަދި އައްޑު އަތޮޅެވެ. މިޖުމްހޫރިއްޔާ އިޢުލާންކުރީ ، ތިންއަތޮޅުގެ ވަފުދެއް ، އައްޑުއަތޮޅުގަމަށް ގޮސް  3 ޖެނުއަރީ 1959 ގައެވެ. އައްޑުއަތޮޅު ގަން އޭރު އޮތީ ، ދިވެހި ސަރުކާރުން އިނގިރޭސިވިލާތަށް ކުއްޔަށްދީފައެވެ. ގަމުގައި ތިބީ އިނގިރޭސި ސިފައިންނެވެ. އެމީހުންގެ ތަރުޖަމާނަކަށް ބޭނުންކުރަމުން ގެންދިޔައީ ޢަފީފުދީދީއެވެ. އިނގިރޭސީންވެސް ބޭނުންވީ ، އިނގިރޭސީންނާގުޅޭ ، އިނގިރޭސީންގެ " ބަސްވިކޭ " މީހަކު ، އެކުވެރި ސްވާދީބު ޖުމްހޫރިއްޔާގެ ވެރިޔަކަށް ހަމަޖެއްސުމަށެވެ. އިނގިރޭސީންގެ މަދަދާއި އެހީ ، އައު ޖުމްހޫރިއްޔާއަށް ލިބެމުންދިޔައެވެ. އެހެންނަމަވެސް ، ދިވެހި ސަރުކާރުން ބާރުއަޅައިގެން ، އިނގިރޭސީން ވެދެމުން އައި އެހީ ، އެހެންގޮތެއް ނެތިގެން 1960 ގައި ހުއްޓާލިއެވެ.

އެކުވެރި ސްވާދީބު ޖުމްހޫރިއްޔާގެ ރައީސް

ރާއްޖޭގައި ހިނގި ، މިހަމަނުޖެހުމާގުޅިގެން އުފެދުނު ހުވަދޫ ބަޣާވާތް ، ނިމުމަކަށް އައީ ދިވެހިސަރުކާރުން ހަތިޔާރު ހިފައިގެންގޮސް ، ތިނަދޫގައި ، ދެކޮޅުވެރިންނާ ކުރިމަތިލައި އެރަށް ފަޅުކޮށް ، އެބައިމީހުން ބަލިކުރުމުންނެވެ. އެކަން ހިނގީ 4 ފެބްރުއަރީ 1962 ގައެވެ. އިނގިރޭސީން އެހީވެދީގެން އުފެއްދި ބައިބައިވުން ނިމުމަކަށް ގެންނަން ، އިނގިރޭސީންނަށް މަޖުބޫރުވިއެވެ. އެކުވެރި ސްވާދީބު ޖުމްހޫރިއްޔާ އުވާލެވުނީ 23 ސެޕްޓެމްބަރ 1963 ގައެވެ. އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ، އިނގިރޭސީންގެ މަނަވަރެއްގައި ޢަފީފުދީދީ ގެންދެވުނީ އިނގިރޭސީންގެ އަޅުވެތިކަމުގެ ދަށުގައި އޮތް ސީޝެލްސް އަށެވެ. ޢަފީފުދީދީ މިހާރުވަނީ އަވަހާރަވެފައެވެ. ޢަފީފުދީދީގެ ޢާއިލާ ދިރިއުޅުއްވަމުން ގެންދަވަނީ ސީޝެލްސްގައެވެ.

ސްރީލަންކާގެ ދާޚިލީ ހަނގުރާމަޔަކީ ، ރާއްޖެޔާ އަވަށްޓެރި ޤައުމެއްގައި މިފަހުން ހިނގި އެންމެ އަނިޔާވެރި ހަނގުރާމައެވެ. ސިލޯނަށް މިނިވަންކަން ލިބުމަށްފަހު ، އެޤައުމުގެ ދެކުނު ސަރަޙައްދުގައި ، ތަމަޅައިންގެ ވަކި ދައުލަތެއް އުފެއްދުމަށް ލަންކާ ސަރުކާރާ ހަނގުރާމަކުރަމުންގެންދިޔަ އެލްޓީޓީއީ ޖަމާޢަތަކީ ، ދުނިޔޭގެ އެތަންމިތާނގައި ދިރިއުޅެމުންގެންދިޔަ ތަމަޅައިންގެ މަދަދާއި އެހީލިބިގެން ކުރެވުނު ހަނގުރާމައެކެވެ. މި ހަނގުރާމައިގައި ލަންކާ ސަރުކާރަށް ، އެންމެ ބޮޑަށް އެހީތެރިވެދިނީ އިނގިރޭސީންނެވެ. ހަނގުރާމައިގެ ލިޔުންތައް ހިމެނޭ ދުއިސައްތަ ފައިލް ، އިނގިރޭސި ސަރުކާރުން ވަނީ ނައްތައިލާފައެވެ. މިހަނގުރާމަ ފެށުނީ ، ޖުލައި 1983 ގައި ، ކޮޅުނބުގައި ފެށުނު ހަމަނުޖެހުމެއްގެ ތެރެއިންނެވެ. ނިމުނީ އެލްޓީޓީއީ ގެ ލީޑަރ ޕްރަބަކާރަން ، ލަންކާ ސަރުކާރުން މަރާލުމާގުޅިގެންނެވެ. ހަނގުރާމަ ނިމުނީ މެއި 2009 ގައެވެ.

ސްރީލަންކާގެ ކެންޑީގައި އޮތް ރަސްކަމާ ހަނގުރާމަކޮށް ، 1815 ވަނަ އަހަރު ކެންޑީ ހިފައި ރަސްކަން އުވާލައި ، އިނގިރޭސި ރަސްކަމުގެ ބާރު ކެންޑީއަށް ހިންގަން ފަށާފައި ވެއެވެ.

އިންޑިއާއަކީ ، އިހުޒަމާނުގައި އެޤައުމުގެ އެކި ސްޓޭޓްތަކުގައި ވަކިވަކި ރަސްކަލުން ރަސްކަން ކުރަމުން އައި ޤައުމެކެވެ. ސިކުންގެ ރަސްކަމާތޮޅެ ، 1848 ގައި އިނގިރޭސީން ފެށި ހަނގުރާމަ ، އަހަރެއްހާ ދުވަހަށް ދެމިއޮވެ ، 1849 ގައި ސިކުންގެ ރަސްކަން އިންޑިއާއިން ނެތިދިޔައެވެ. އޭގެ ކުރިން 1845 އިން 1846 އަށްވެސް ސިކުންނާ ހަނގުރާމަކޮށް ، ބިމުގެ ބޮޑު ސަރަޙައްދެއް އިނގިރޭސީން އަތުލާފައި ވެއެވެ.

ސިކުންގެ ރަސްކަން އުވި ދިއުމަށްފަހުވެސް  ، ވަކިވެގަތުމުގެ ރޫޙު ސިކުންގެ ކިބައިން ފިލައިގެންނެއް ނުދެއެވެ. 20 ވަނަ ޤަރުނުއްސުރެ ސިކުންގެ މެދުގައި ވަކިވެގަތުމަށް އޮތް ރޫޙު ދެމިގެން އައިސްފައި ވެއެވެ. ނަމަވެސް ، ވަކިވެގަތުމުގެ ޙަރަކާތްތައް ތިލަވެ ފެންމަތިވެގެން އައީ 1970 ގެ އަހަރުތަކުގެ ތެރޭގައި ވަކި ޖަމާޢަތެއްގެ ގޮތުގައި ޚާލިސްތާން އުފެދުމާ ގުޅިގެންނެވެ. ސިކުން މަސައްކަތް ކުރަމުން އައީ ، ޕަންޖާބު ސަރަޙައްދުގައި ޚާލިސްތާނުގެ ނަމުގައި ވަކި ޖަމާޢަތެއް އިޢުލާން ކުރުމަށެވެ. އިނގިރޭސީންނާ ކެނެޑާއާއި އެމެރިކާގައި ދިރިއުޅޭ ސިކުންގެ ޖަމާޢަތްތަކުން މިހަނގުރާމަޔަށް އެހީތެރިވެދީފައި ވެއެވެ. މިޙަރަކާތް ، މިހާރުވެސް ޕާކިސްތާނުގައި ހިނގަމުން އަންނަކަމަށް ތާރީޚީ ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ޕާކިސްތާނުގައިވެސް ސިކުންގެ ފައްޅިތައް ވަރަށް ގިނައެވެ. އަދި އެތަންތަނަށް އިންޑިއާ ސިކުންވެސް ޒިޔާރަތް ކުރެއެވެ. ޕާކިސްތާނުގެ ސިޔާސީ އިސްބޭފުޅުންނާ ، ސިކުންގެ އިސްވެރިން ބައްދަލުކޮށް ، ހަދާކަމަށްވެސް ވެއެވެ. އެހެންނަމަވެސް ، ދެކޮޅުވެރި ޖަމާޢަތްތަކުން ، ހިންގާ ޙަރަކާތްތައް މިހާރަކަށް އައިސް ވަނީ ވަރަށް މަދުވެފައެވެ.

އިންޑިއާގެ މައިސޯރުގެ ރަސްކަން ހިފުމަށްޓަކައި ، 1785 އިން 1795 އަށް ، ދިހަ އަހަރުވަންދެން ހަނގުރާމަކޮށް ، އިނގިރޭސީން ، މައިސޯރުހިފާފައި ވެއެވެ. މީގެ އިތުރަށް އިންޑިއާގެ ގޮރްކާ ރަސްކަމާ ތޮޅެ ، އުތުރުގެ ފަރުބަދަމަތި ހިފަން ހަނގުރާމަކޮށް ، އިނގިރޭސީން ، ގޮރްކާ ސަރަޙައްދު އެއްކޮށް ހިފާފައި ވެއެވެ. އަދި ، 1757 ގައި އިނގިރޭސީންނާއި ފަރަންސޭސީން ހަނގުރާމަކޮށް ، އިނގިރޭސީން ބަންގާޅު ހިފިއެވެ.

ކަޝްމީރަކީ ގައި 1846 އިންފެށިގެން ، އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދެކެވެ.  1947 ގައި ، އިންޑިއާ އާއި ޕާކިސްތާން ވަކިވި ހިސާބުން ފެށިގެން ، ކަޝްމީރުގެ ހަމަނުޖެހުން އުފެދިގެން ދިޔައެވެ. ކަޝްމީރުން ، އިނގިރޭސީން ފައިބައިގެން ދިޔައީ ، ކަޝްމީރުދެބައިކޮށް ، އިންޑިއާއަށް އެއްބައި އަދި އަނެއްބައިޕާކިސްތާނަށް ދީފައެވެ. ހަމަނުޖެހުމެއްގެ ތެރެޔަށް ކަޝްމީރު ވައްދާފައެވެ. އަދި އަދަށް ދާނދެންވެސް ، ކަޝްމީރަކީ ، ހަމަނުޖެހުމާއި އަޅުވެތިކަމުގެ ބިރުވެރިކަމުގައި އެތާނގެ ވަޒަންވެރިން އުޅެމުންގެންދާ އުއްމީދެއްނެތް ފަސްގަނޑެކެވެ. އިންޑިއާއަށްވެސް އަދި ޕާކިސްތާނަކަށްވެސް ހަމަޖެހުމެއް ނެތެވެ.

ކަޝްމީރުން އިނގިރޭސީން ފޭބީ ، ބައިބައިވުމަށް މަގުފަހިކޮށްދީފައެވެ. ފަލަސްތީނުން ފޭބީ ، ޔޫރަޕްގެ ދޮންމީހުންނަށް ފަލަސްތީނުގެ ބިން ހަދިޔާކޮށް ، ފަލަސްތީނުގެ އަހުލުވެރިން ޤަތުލުކޮށް މަރައި ، ނުވިތާކަށް ، ޤައުމުން ބޭރުކުރެވޭނެ މަގުކޮށައިދީފައެވެ. އަދި ހޮންކޮންގުން ފޭބީ ، މިނިވަންކަމެއްނެތް ޙާލަތެއްގައި ، ޗައިނާގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައެއްވެސް ނޫނެވެ.  ޗައިނާއަށް ނިސްބަތްވާ ، ދެނިޒާމަކުން ހިނގާ އެއްޤައުމެއްގެ ގޮތުގައި ޗައިނާއާ ހޮންކޮންގ ޙަވާލުކޮށްފައެވެ.

އިންޑޮނީސީއާއާއި މެލޭޝިއާ ވަކިވާން ކުރި ހަނގުރާމައިގާ މެލޭޝިއާއަށް އެހީތެރިވެދިނެވެ. މެލޭޝިއާއިން 1961 ގައި މިނިވަންކަން އިޢުލާންކުރީ ، އިނގިރޭސީންނާއި މެލޭޝިއާ ގުޅިގެންނެވެ. އޭގެ ކުރިން 1948 އިން 1960 އަށް ، މެލޭޝިއާގެ ނެޝަނަލް ލިބަރޭޝާން އާރމީ އާއި އިނގިރޭސީން ހަނގުރާމަކުރިއެވެ. 1961 ގައި ، މެލޭޝިއާގެ މިނިވަންކަން އިޢުލާންކުރީ އުތުރު ބޯނިއޯ ، ސަރަވަކް އަދި ބުރުނާއީއާއި ސިންގަޕޫރަކީ މެލޭޝިއާގެ ބައެއްގެ ގޮތުގައި ހަމަޖައްސައިގެންނެވެ. ބުރުނާއީ އާއި ސިންގަޕޫރަށް މިނިވަންކަން ލިބުނީ ފަހުންނެވެ.

1940 ގެ ދުވަސްވަރު ގްރީކުގައި ހިނގި ދާޚިލީ ހަނގުރާމައިގެ ތެރެޔަށްވެސް އިނގިރޭސީން ވަނެވެ. 27 އޯގަސްޓް 1896 ގައި ޒެންޒިބާރުގައި އިނގިރޭސީންގެ ބާރުހިނގާ ރަސްކަމެއް ބޭއްވުމަށްޓަކައި ، އޭރު ހުންނެވި ރަސްގެފާނުގެ ލަޝްކަރާ އިނގިރޭސީން ހަނގުރާމަކުރިއެވެ. ޑެންމާކާއި ނޯވޭ އެއްކޮޅުން އަދި އަނެއްކޮޅުގައި އިނގިރޭސިވިލާތް އޮވެ ، ހަނގުރާމަކޮށް ، ޑެންމާކާއި ނޯވޭއާދެމެދު އޮތް 400 އަހަރުވީ އެއްބައިވަންތަކަން ރޫޅާލައި އެދެޤައުމު ވަކިކޮށްލިއެވެ.  ކްއީން އެލިޒަބަތު 1 ގެ ރަނިކަމުގައި ، ސްޕޭނާ އަދި ޖަރުމަނާ ދެކޮޅަށް ހަނގުރާމަކޮށް ކަނޑުދަތުރު ފަތުރުގެ މަގުތައް އިނގިރޭސީންނަށް އަމާން ކުރިއެވެ.

އިނގިރޭސީންނާއި ޖަރުމަނުން ،  ވިޔަފާރި ފުޅައުކުރުމަށް ކުރާ ކަނޑުދަތުރުތަކުގެ މަގު އަމާންކުރުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކާ ކުރި ހަނގުރާމައިގާ އިނގިރޭސީން ކާމިޔާބީ ހޯދައި އެންމެ ފަހުން ނެދަރލޭންޑްވެސް އިނގިރޭސީން ހިފިއެވެ.

އިނގިރޭސީންގެ އަޅުވެތިކަމުގައި ދުނިޔޭގެ އެތައް ޤައުމެއްގެ ތާރީޚު ، ކަޅުކޮށްފައިވެއެވެ. އޭގެ ބަދަލުގައި ޤައުމުތައް އަޅުވެތިކޮށްގެން އިނގިރޭސީންގެ މަޤްޞަދަކަށްވީ ، އަޅުންގެ ވިޔަފާރީގެ ނަފަޔާއި ، އަޅުވެތިކޮށްފައިވާ ޤައުމުތަކުގެ ޤުދްރަތީ ވަޞީލަތްތަކުން ނަފާ ހޯދައި ، އިނގިރޭސިވިލާތުގެ އިޤްތިޞާދު ބިނާކޮށް ޤައުމު އާބާދުކޮށް އާރާސްތު ކުރުމެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.