ރިޔާސީ ކެންޑިޑޭޓަކަށް ވުމަށް އަޅުގަނޑާ މަޝްވަރާއެއް ނުކުރޭ- ފުއާދު

އިދިކޮޅު ޕާޓީ ތަކުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްކެންޑިޑޭޓަކަށް ނެރޭނަމަ ފުއާދު ތައުފީގު ނެރުމަށް އެއްވެސް ސިޔާސީ އިސްބޭފުޅަކު މަޝްވަރާ ކުރައްވާފައި ނުވާކަމަށް ފުއާދު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ނެރޭނެ ކެންޑިޑޭޓަކީ ފުއާދު ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބަޔެއް ފަރާތްތަކުން ޚިޔާލު ފާޅުކުރަމުންދާތީ ފުއާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކިބޭފުޅުން ފާޅުކުރެއްވި ޚިޔާލަށްޓަކައި ޝުކުރުވެރިވާ ކަމަށާއި ނަމަވެސް ސިޔާސީ ފަރާތްތަކުން އެފަދަ މަޝްވަރާއެއް ކުރައްވާފައި ނުވާކަމަށެވެ.

ފުއާދު ވިދާޅުވެފައި ވަނީ މިހާތަނަށް އެފަދަ މަޝްވަރާއެއް ކުރެވިފައި ނެތަސް އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ ފުއާދުގެ ކިބައިން އެގޮތަށް އެދިވަޑައިގެންފިނަމަ އިދިކޮޅުން ނުކުންނަ އެއްކެންޑިޑޭޓަކަށް ވެދާނެ ކަމަށެވެ. އަދި އިދިކޮޅުން އެއްކެންޑިޑޭޓް ނެރުމަށް ޕާޓީ ތަކުން ގެންގުޅޭ ވިސްނުމަށް ތާއީދު ކުރައްވާ ކަމަށެވެ.

އެއްކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާއަށް އެމްޑީޕީ އާއި ޖޭޕީން ވަނީ ތައްޔާރު ކަމަށް ބުނެފައެވެ. ނަމަވެސް ރައީސް މައުމޫނުގެ ފަރާތުންނާއި އަދާލަތު ޕާޓީން އަދި އެކަމާބެހޭ ގޮތުން ވަކިއެއްޗެއް ހާމަކޮށްފައި ނުވެއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.