ޖަޕާން-މޯލްޑިވްސް, ޕޮލިސީ ޑައިލޮގްގެ 3 ވަނަ ބައްދަލުވުން ބާއްވައިފި

މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި ޖަޕާންގެ މިނިސްްޓްރީ އޮފް ފޮރިން އެފެއަރޒް ގުޅިގެން ބާއްވާ "ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް" ގެ 3 ވަނަ މަޝްވަރާ ބައްދަލުވުން މިއަދު ބާއްވައިފިއެވެ. ކޮވިޑް-19 ގެ ސަބަބުން ވަރޗުއަލްކޮށް ބޭއްވި މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެގައުމުގެ މެދުގައި އޮތް ތަރައްގީއާއި ވިޔަފާރީގެ ގުޅުމާއި، ސަރަހައްދީ އަދި  މެރިޓައިމް ގުޅުންތަކާއި ބެހޭގޮތުންނެވެ. މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލްއެވެ. އަދި ޖަޕާނުގެ ފަރާތުން އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ޖަޕާނުގެ ޚާރިޖީ ވުޒާރާގެ ސައުތު އީސްޓް އެންޑް ސައުތު ވެސްޓް އޭޝިއަން އެފެއާޒް ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޖެނެރަލް ކޮބަޔަޝީ ކެނިޗީއެވެ.

މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި މިހާރުވެސް އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތްތަނުގައި އިތުރު ދާއިރާތަކުން ގުުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ.

ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ޚަލީލް ވަނީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އަދި ޚާއްސަ ގުޅުން ފާހަގަކޮށް، އެގުޅުން ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމުގެ ޔަގީންކަންދެއްވާފައެވެ. އަދި ސްޓޭޓް މިނިސްޓަރުވަނީ ކޮވިޑް-19 ގެ ސަބަބުން ދިމާވި ހީނަރުކަމުން އަރައިގަތުމަށް ދިވެހިރާއްޖެއަށް ވެދެއްވި އެހީތަކަށް ޖަޕާނުގެ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

ބައިނަލްއަގުވާމީ އަދި ސަރަހައްދީ މައްސަލަތަކުގައި ދިވެހިރާއްޖެއިން ޖަޕާނަށް ދެއްވާ އެއްބާރުލުމަށް ޝުކުރުދަންނަވައި ޖަޕާން ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކޮބަޔަޝީވެސް ވަނީ ދެގައުމުގެ މެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަކީ ޖަޕާނުގެ މުހިއްމު ބައިވެރިއެއްކަން ފާހަގޮށް، ކޮބަޔަޝީ ވަނީ ޖަޕާނުގެ ވެރިރަށް ޓޯކިޔޯޯގައި މިއަހަރު ބާއްވާ ހޫނު މޫސުމުގެ އޮލިމްޕިކްސްއަށް ދާ ދިވެހި ޓީމްއަށް މަރުހަބާ ކިޔަންް ޖަޕާނުން އިންތިޒާރުކުރާކަމަށް ވިދާޅުވެފައެވެ. އަދި ދެގައުމުގެ މެދުގައި ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 55 އަހަރުވަނީ 2022 ގައި ކަމުން، އެއީ ދެގައުމަށްވެސް މުހިއްމު އަހަރެއްކަމުގައި ކޮބަޔަޝީވަނީ ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތްތަނުގައި ދެގައުމުގެ އިސް އޮފިޝަލުންވެސް އެއް ޤައުމުން އަނެއް ޤައުމަށް ޒިޔާރަތް ކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ކޮބަޔަޝީގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު މިފަދަ މަޝްވަރާ ބައްދަލުވުންތައް އާއްމުކޮށް ބާއްވައެވެ. ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް ގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވީ އޮގަސްޓް 2019 ގައި ދިވެހިރާއްޖޭގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.