ސަރަހައްދީ ރޮނގު ހުރަސްކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލަން އިންޑިޔާއާއި ޕާކިސްތާނުން އެއްބަސްވެއްޖެ

އިންޑިޔާ ސިފައިން ކަޝްމީރުގެ ލައިން އޮފް ކޮންްޓްރޯލް (އެލްއޯސީ) ކައިރީގައި ހަރަކާތްތެރިވަނީ

ކަޝްމީރު ދެބައިކޮށްފައިވާ ވަގުތީ ސަރަހައްދީ ރޮނގު، ލައިން އޮފް ކޮންޓްރޯލް (އެލްއޯސީ) ހުރަސްކޮށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިންޑިޔާއާއި ޕާކިސްތާނުން އެއްބަސްވެއްޖެއެވެ. 2003 ވަނަ އަހަރު ވެފައިވާ އެއްބަސްވުން އަލުން ދިރުވަން ދެގައުމުން އެެއްބަސްވީ އެއެއްބަސްވުމާ ދެގައުމު ޚިލާފުވަމުން ދާތާ އެތައް އަހަރެއް ފަހުންނެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ވާގޮތުން ދެ ގައުމުގެ ޑިރެކްޓަރ ޖެނެރަލް އޮފް މިލިޓަރީ އޮޕަރޭޝަންސް (ޑީޖީއެމްއޯ) މިކަމަށް އެއްބަސްވެވަޑައިގަތީ އެ ދެއޮފީހުގެ ދެމެދުގައި ގާއިމުކުރެވިފައިވާ ޓެލެފޯން ހޮޓްލައިން މެދުވެރިކޮށް ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ.

"(ހުކުރު ދުވަހުގެ) މެންދަމުން ފެށިގެން ލައިން އޮފް ކޮންޓްރޯލް އާއި އެހެން ހިސާބުތަކުގައި ހުރިހާ އެއްބަސްވުންތަކަށާއި، ހަމަލާ ބަދަލުކުރުން ހުއްޓާލަން ނިންމާފައިވާ ނިންމުންތަކަށް ފުރިހަމައަށް އަމަލުކުރަން ދެފަރާތުން ވަނީ އެއްބަސްވެފައި." އެ ބަޔާނުގައި ވެއެވެ.

އަމަލީ ސިފަ ގެނެވިއްޖެނަމަ މި އެެއްބަސްވުން ވެގެން ދާނީ ނުހަނު ގިނަ ހަތިޔާރު ޖަމާކުރެވިފައިވާ ހިމާލަޔާ ސަަރަހައްދުގައި ހޫނުވެފައިވާ މަސްރަހު ފިނިކުރުމަށް އެޅި ވަރަށް ބޮޑު ފިޔަވަޅަކަށެވެ. އަދި ނިއުކުލިޔާ ބާރު ލިބިގެންވާ ދެ ގައުމުގެ ގުޅުން އިތުރަށް ރަނގަޅުކުރުމުގެ ފުރުސަތު ހުޅުވައިދޭޭނޭ ކަމަކަށެވެ.

ޕާކިސްތާނު އަސްކަރިިއްޔާގައި ބުނެފައިވާ ގޮތުން ދެ ފަރާތުގެ ދެމެދުގައި ކުރި މަޝްވަރާތައް ކުރިއަށް ގޮސްފައި ވަނީ "މިނިވަން، އިޚްލާސްތެރި، އެކުވެރި" މާހައުލެއްގައެވެ.

2003 ވަނަ އަހަރުގެ އެއްބަސްވުމަށް ފަހު އެލްއޯސީ ހުރަސްކޮށް ދެގައުމުގެ ސިފައިންގެ މެދުގައި ބަަދަލުކުރެވުނު ބަޑިއާއި، ބޮޑުބަޑިއާއި، ރޮކްޓްގެ ހަމަލާތަކުގައި އެ ފަރާތުން އެތައް ސަތޭކަ ބަޔަކު މަރުވެފައި ވެއެވެ.

ޕާކިސްތާނުން ބުނި ގޮތުގައި ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް އިންޑިޔާއިން ވަނީ ސުލްހައިގެ އެެއްބަސްވުމާ މަދުވެގެން 175 ފަހަރު ޚިލާފުވެފައެެވެ. އަދި އިންޑިޔާގެ ހަމަލާތަކުގައި ކަޝްމީރުގެ ޕާކިސްތާނު ފަޅިން އާއްމުންގެ 28 މީހުން މަރުވެ 257 މީހުން ޒަޚަމްވެފައި ވެއެވެ.

2020 ވަނަ ޕާކިސްތާނުން 5133 ފަހަރު ސުލްހައިގެ އެއްބަސްވުމާ ޚިލާފުވެ ހަމަލާދީފައި ވާކަމަށް އިންޑިޔާއިން ބުނެފައި ވެއެެވެ. އަދި އިންޑިޔާއިން ބުނާ ގޮތުގައި ޕާކިސްތާނުގެ ހަމަލާތަކުގައި އިންޑިޔާ ސިފައިންގެ 24 މީހުން މަރުވެ 197 މީހުން މަރުވެފައި ވެއެވެ.

ދެ ގައުމުން ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެއްބަސްވި ނަމަވެސް، ކަޝްމީރު މީހުން އެކަމަށް އިތުބާރެއް ނުކުރެއެެވެ.

"އަަހަރުމެން މިކަހަލަ ބަޔާންތައް ކުރިންވެސް ދެކެފީމު. ހަގީގަތަކީ ދެ ގައުމުންވެސް ކަޝްމީރުގެ އާއްމުންގެ ފުރާނަޔާމެދު އަޅައެއް ނުލާ. އެމީހުން ފިޔަވަޅުތައް އަޅަނީ އެމީހުން އެމީހުން ގަޔާވާ ވަގުތަކު. އަހަރުމެންނަށް ހަގީގީ ސުލްހައެއް އަދި ފެނިފައިނުވޭ." ސަރީނަަގަރުގައި ދިރިއުޅޭ ކަޝްމީރު މީހަކު ބުންޏެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.