ކޮވިޑް-19: އެމެރިކާގައި މަރުވި މީހުންގެ އަދަދު 5 ލައްކައަށް އަަރައިފި

ހަލުވިކަމާއެކު ފެތުރެމުންދާ އާލަމީ ވަބާ، ކޮވިޑް-19 ޖެހިގެން އެމެރިކާގައި މަރުވި މީހުންގެ އަދަދު 5 ލައްކައަށް ނުވަަތަ ބައި މިލިއަނަށް އަރައިފިއެވެ. މިއަަދަދު ހާމަކޮށްފައި ވަަނީ ކޮވިޑް-19 ގެ ތަފާސް ހިސާބު އެންމެ އިތުބާރާއެކު ބަލަަހައްޓާ ޖޯންސް ހޮޕްކިންްސް ޔުނިވަސިޓީންނެވެ. އެހެން އެއްވެސް ގައުމެއްގައި މިއަދަދާ ގާތްކުރާ އަދަދަކަށްވެސް މީހުން މަރުވެފައި ނުވެއެވެ.  

ރައީސު ޖޯ ބައިޑަން ވަނީ ވައިޓް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި އުއްބައްތި ދިއްލުމާއެކު، ސުކޫތުގެ ވަގުތު ކޮޅެއް ގެންނަވައި، މިކަން ފާހަގަކުރައްވާފައެވެ.

"މިއަދު އަހަރުމެން މި ފާހަގަކުރަނީ ހަގީގަތުގައިވެސް ހިތާމަވެރި، ހިތްހަލާކުވާ ހަރުފަތެއް ގިރާކުރުން- 500071 މީހުން މަރުވުން. އެއް އަހަރުތެރޭގައި މަރުވެފައި އެވަނީ ފުރަތަމަ ބޮޑު ހަނގުރާމައާއި، ދެވަނަ ބޮޑު ހަނގުރާމައާއި، ވިއެޓްނާމް ހަނގުރާމައިގައި މަރުވި އެއްކޮށްލުުމުން ވާރަށް ވުރެ ގިނައިން." މަރުވި މީހުންގެ ހަނދާގައި ދިއްލާފައިވާ 500 އުއްބައްތީގެ ކައިރީގައި ހުންނަވައިގެން ސުކޫތުގެ ވަގުތުކޮޅެއް ފާހަގަކުރެއްވުމަށް ފަހު އޭނާ ވިދާޅުވިއެވެ.

ރައީސު ޖޯ ބައިޑަން، އަނބަކަނބަލުން ޖިލް ބައިޑަން، ނާއިބު ރައީސާ ކަމަލާ ހެރިސް އަދި ފިރިކަލުން ޑަގްް އެމްހޯފް ވަނީ ރޭ އިރުއޮއްސި 6:15 ގައި (ރާއްޖޭ ގަޑިން މިއަދު ފަތިހު 4:15 ގައި) ވައިޓް ހައުސްގައި އޮތް ރަސްމިއްޔާތުގައި ބައިވެރިވެވަަޑައިގެންފައެވެ.

ކޮވިޑް-19 އާއި ކުރިމަތިލުމުގައި އެންމެ ބޮޑަށް ހާލަތު ގޯސް ގައުމަކީ އެމެރިކާގައެެވެ. އެ ބަލީގައި ދުނިޔޭގައި މަރުވި މީހުންގެ %19 މަރުވެފައި ވަނީ އެމެރިކާގައި އެކަންޏެވެ. އެމެރިކާގެ އާބާދީއަކީ ދުނިޔޭގެ އާބާދީގެ %4 ކަމުގައި ވާއިރު، މިއީ ވަރަށް ބޮޑު އަދަދެކެވެ.

އެމެރިކާގައި މިހާތަަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދު 28 މިލިއަނަށް އަަރައެެވެ. އެއީ މުޅި ދުނިޔޭގައި ޕޮޒިޓިވް މީހުންގެ ހަތަރުބައިިކުޅަ އެއްބައެވެ. އެގައުމުގައި ޖަނަވަރީ މަހުގެ ކުރީކޮޅު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދަ 3 ލައްކައަށް އެރިއެެވެ. އެހެންނަމަވެސް، މިހާރު ދުވާލަކު ބަލި ޖެހެނީ 70 ހާސް މީހުންނަށެވެ.

"1918 ވަނަ އަަހަރު ފެތުރުނު އިންފްލުއެންޒާގެ ވަބާއަށް ފަހު ފާއިތުވި 100 އަހަރުގެ ތެރޭގައި އަަހަރުމެންނަށް މިފަދަ ކަމެއް ފެނިފައި ނުވޭ. އަދަދު ތަކަށް ބަލާއިރު، މިއީ ސިއްސައިގެންދާ ވަރުގެ ކަމެއް. ގަބޫކުރަންވެސް ދަތި. އެކަމަކު މިއީ ހަގީގަތް." އެމެެރިކާގައި މި ބަލީގެ ހާލަތު ސިފަކޮށްދެއްވަަމުން ރައިސު ބައިޑަންގެ ކޮވިޑް-19 އާ ބެހޭ އެޑްވައިޒަރު ޑރ. އެންތަނީ ފައުޗީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.