ކޮންގޯގައި ދިން ހަމަލާއެއްގައި އިޓަލީގެ އެެންބެސެޑަރު އަވަހާރައްވެއްޖެ

މިއަދުގެ ހަމަލާގައި އަވަހާރަވި އެންބެސެޑަރު ލޫކާ އަޓާންސިއޯ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގެ އިރުމަތީގައި އދ. ގެ އުޅަނދަކަށް ދިން ހަަމަލާއެއްގައި އެގައުމަށް އިޓަލީން ކަނޑައަޅާފައި ހުންނަވާ އެންބެސެޑަރު އަވަހާރަވެއްޖެއެވެ.

ޑީއާރް ކޮންގޯގެ ވެރިރަށް ކިންޝާނާއިން މައުލޫމާތު ދެއްވި ޑިޕްލޮމޭޓަކު ވިދާޅުވި ގޮތުގައި، އެންބެސެޑަރު ލޫކާ އަޓާންސިއޯ އަވަހާރަވީ އިރުމަތީ ކޮންގޯގެ ގޯމާ ކައިރިން މިއަދުގެ ވަގުތެއްގައި ދަތުރުކުރި އދ.ގެ ވާލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީީ) ގެ އުޅަނދަކަށް ދިން ހަމަލާގައި އޭނާ ޒަޚަމްވެވަޑަގެން ފަރުވާދެމުން ގެންދަނިިކޮށެވެ.

ޑަބްލިއުއެފްޕީގެ އޮފިޝަލުންނާއެކު އިޓަލީގެ އެންބެސެޑަރު ދަތުރުފުޅުކުރައްވަމުން ގެންދެވީ ރުޓްޝޫރޫ އަވަށުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ކާންދިނުމަށް އެ ޖަމްއިއްޔާއިން ހިންގާ ޕްރޮގްރާމްގެ ކަންކަން ބައްލަވާލެއްުވުމަށެވެ.

މިއަދު ހެނދުނު 10:15 (ރާއްޖޭ ގަޑިން މެންދުރު ފަހު 1:15) ހާއިރު ދިން މި ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވެއެވެ.

ހަމަލާ އެރި އުޅަދާނއެކު ސަލާމަތީ އުޅަނދެއް ދަތުރުކޮށްފައި ނުވެއެވެ. ޑަބްލިޔުއެފްޕީން މައުލޫމާތުން ދިން ގޮތުގައި އެ މަަގަކީ ރައްކާތެރިކަން ކަށަަވަރުކޮށް، ސަލާމަތީ އުޅަނދެއް ނެތި ދަތުރުކުރަން މައްސަަލައެއް ނެތްކަމުގެ ޔަގީންކަން ދީފައިވާ މަގެކެވެ. އެހެންކަމުން، އެ ޖަމްއިއްޔާއިން މިހާރު ދަނީ އެ ސަރަހައްދުގެ އިސް ފަރާތްތަކާ ގުޅިގެން އެކަން ސާފުކުރަމުންނެވެ.

އުތުރު ކިވޫ ޕްރޮވިންސުގެ އަސްކަރީ ތަރުޖަމާނު މޭޖާ ގުއިލާމް ޖިކޭ މައުލޫމާތު ދިންގޮތުގައި މި ހަމަލާގައި އިތުރު ދެ މީހަކުވެސް މަރުވެފައި ވެއެވެ. އޭނާ އޭގެ ތަފްްސީލޫ ދިފައި ނުވި ނަމަވެސް، އެހެން ބައެއް މަސްދަރުތަކުން މައުލޫމާތު ލިބޭގޮތުގައި މަރުވެފައި ވަނީ ހަމަލާއެރި އުޅަނދުގެ ޑްރައިވަރާއި، ބޮޑީގާޑެކެވެ. މި ދަތުރުގެ 7 ބައިވެރިންގެ ތެރެއިން ބާކީ ތިބި މީހުންނަށް ވަނީ އެކި ވަރުގެ އަނިޔާ ލިބިފައެވެ.

އުތުރު ކިވޫގެ ގަވަރުނަރު ކާރްލީ އިންޒާންޒޫ ވިދާޅުވި ގޮތުގައި އދ. ގެ ޓީމެއް އެ ސަަރަހައްދުގައި އުޅޭކަމުގެ މައުލޫމާތު ސަލާމަތީ ބާރުތަކަށް ދީފައި ނުވެއެވެ.

"ބާޣީ ހަނގުރާމަވެރިން ބަޑިޖަަހައި ޑަބްލިއުއެފްޕީގެ އުޅުނަދު ހުއްޓުވީ. އެއަށް ފަހު އެއިން ދަތުރުކުރި މީހުން، އެންބެސެޑަރުވެސް ހިމެނޭހެން، އެ އުޅަނދުން ބޭލީ. ސަލާމަތްވި މީހުން ބުނި ގޮތުގައި ހަނގުރާމަވެރިން ބޭނުންވީ އެންބެސެޑަރުގެ އަތްޕުން ފައިސާ ހޯދަން." ގަވަރުނަރު ވިދާޅުވިއެވެ.

"އެ މީހުން އެންބެސެޑަރާއި އެހެން މީހުން ގަސްތަކުގެ ތެރެއަށް ގެންދިޔައީ. އޭގެ އިރުކޮޅެެއް ފަހުން ޑްރައިވަރާއި، ބޮޑީގާޑުގެ ގަޔަށް ބަޑިޖަހައި މަރާލީ." އޭނާ އިތުރަށް ވިދާޅުވިއެވެ.

އެންބެސެޑަރު އަޓާންސިއޯ އަވަހާރަވެފައި ވަނީ ހަނގުރާމަވެރިންނާއި، ވިރުންގާ ޕާކް ރޭންޖާސް ސިފައިންނާ ދެމުދު ބަދަލުކުރެވުނު ހަމަލާތަކުގައި ހަނގުރާމަވެރިން ބަޑި ޖަހައިގެން ކަން ގަވަރުނަރު ވަނީ ކަށަަވަރުކޮށްދެއްވާފައެެވެ.

"ތިން އެންޓެނާ ސަރަހައްދު" ގެ ނަމުން މަޝްހޫރުވެފައިވާ މި ސަަރައްދަކީ ކޮންބައެެއްކަން ނޭނގޭ ބަޔަކު 2018 ވަނަ އަހަރު ދެ އިނގިރޭސިއަކު ވަގަށް ނެގި ސަރަހައްދެވެ.

ގުދުރަތީ ވަސީލަތްތަކުގެ ގޮތުން މުއްސަނދި އިރުމަތީ ޑީއާރް ކޮންގޯއަކީ އެ ސަރަހައްދުގެ ވަސީލަތްތަކަށް އަތްގަދަކުރުމުގެ ބޭނުމުގައި ތަފާތު ޖަމާއަތްތަކަށް ނިސްބަތްވާ ހަނގުރާމަވެރިން ހަނގުރާމަކުރާ، ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. ހަނގުރާމަވެރި ޖަމާއަތްތަކުން ދީފައިވާ ރަހުމްކުޑަ ހަމަލާތަކުގައި ފާއިތުވި އަަހަރުވެސް އެ ސަރަހައްދުގައި 2000 މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.