ޔުނައިޓެޑް އެއާލައިންސްގެ ހާދިސާއާ ގުޅިގެން ބޮއިންގް 777 މަރުކާގެ ބައެއް މަތިންދާބޯޓު އުދުހުން މަނާކުރަނީ

ޔުނައިޓެޑް އެއާލައިންސްގެ މަތިންދާބޯޓުގެ އިންޖީނުގައި ރޯވެފައި

އެތެރޭގެ އުދުހުމެއްގައި އެމެރިކާގެ ކޮލޮރާޑޯ ސްޓޭޓްގެ ޑެންވާއިން އިއްޔެ ފުރި ޔުނައިޓެޑް އެއާލައިންސްގެ ބޮއިންގް 200-777 މަރުކާގެ މަތިންދާބޯޓެއްގެ ކަނާތް ފަރާތު އިންޖީނުގައި ރޯވެ އެ އިންޖީނުގެ ބައިތައް ވެއްޓުމާ ގުޅިގެން އެމަރުކާގެ ބައެއް މަތިންދާބޯޓުތައް އުދުހުން މަނާކުރަން ޖެހިދާނެކަމަށް އެމެެރިކާގެ ވަައިގެ ދަތުރުފަތުރާ ބެހޭ އިދާރާ ފެޑަރަލް އޭވިއޭޝަން އެޑްމިިނިސްޓްރޭޝަން (އެފްއޭއޭ) އިން ބުނެފިއެވެ. އުދުުހުން މަނާކުރާނެކަމަށް ބެލެވެނީ އިއްޔެ މައްސަލަ ޖެހުނު ބާވަތުގެ އިންޖީނުތައް ހުރި މަތިންދާބޯޓެވެ.   

އިއްޔެގެ ވަގުތެއްގައި 231 ފަސިންޖަރުންނާ 10 ފަޅުވެރިންނާއެކު ހަވާއީގެ ހޮނޮލުލޫއަށް ދިއުމަށް ޑެންވާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓް 238 ފުރިތާ މާގިނަ އިރެއް ނުވެ ކަނާތް ފަރާތު އިންޖީނުގައި ރޯވިއެވެ. އަދި އިންޖީނުން ބައިތަކެއް ވަނީ ޑެންވާގެ އެކި ހިސާބުތަކަށް ވެއްޓިފައެވެ. އިންޖީނުގެ މައްސަލަ ދިމާވުމާއެކު މަތިންދާބޯޓު ވަނީ ސަލާމަތުން އެނބުރި އައިސް ޑެންވާ އެއާޕޯޓުގައި ޖައްސާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

އެމެރިކާގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ އިދާރާ، ނޭޝަނަލް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑް (އެންޓީއެސްބީ) އާ ހަވާލާދީ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި، އިއްޔެގެ ހަދިސާ މެދުވެރިވީ އިންޖީނުގެ ބުރަފަތީގެ ދެ ފިޔައެއްގައި ރެނދުލައިގެން ކަމަށް އިބުތިދާއީ ތަހުގީގުތަކުން ދައްކައެވެ.

މައްސަލަ ދިމާވި އިންޖީނަކީ ޕްރެޓް އެންޑް ވިޓްނީ ކުންފުނީގެ ޕީޑަބްލިޔު4000 މަރުކާގެ އިންޖީނެކެވެ. އެފްއޭއޭ އިން ބުނި ގޮތުގައި އެމެރިކާގައި މި މަރުކާގެ އިންޖީނު އަޅާފައިވާ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓު އުދުއްސަނީ ޔުނައިޓެޑް އެއާލައިނުން އެކަންޏެވެ. ދެން މިމަރުކާގެ އިންޖީނު ބޭނުންކުރަނީ ޖަޕާނާއި ދެކުނު ކޮރެޔާާގައެވެ.

އިއްޔެެގެ ހާދިސާއާ ގުޅިގެން ޔުނައިޓެޑް އެއާލައިނުން ބުނެފައި ވަނީ އެ އެއާލައިނުގައި ބޭނުންކުރާ ޕީޑަބްލިޔު4000 މަރުކާގެ އިންޖީނު ހަަރުކޮށްފައި ހުރި ބޮއިންގް 777 ގެ ހުރިހާ މަތިންދާބޯޓެއް އުދުއްސުން ހުއްޓާލާފައިވާ ކަމުގައެވެ.

ޖަޕާނުގެ ވައިގެ ދަތުރުފަތުރާ ބެެހޭ އިދާރާއިން ވަނީ އެގައުމައި މި މަރުކާގެ އިންޖީނު ހުރި މަތިންދާބޯޓުތައް ބޭނުންކުރާ ދެ އެއާލައިން ކަމުގައިވާ ޖަޕާން އެއާލައިންސް އަދި އޯލް ނިޕޯން އެއާވެސްއަށް، އެ މަތިންދާބޯޓުތައް އުދުއްސުން ހުއްޓާލަން އަންގާފައެވެ. އެ ދެ އެއާލައިނުގައި އެ ބާވަތުގެ 32 މަތިންދާބޯޓު ބޭނުންކުރެއެވެ.

ދެކުނު ކޮރެޔާގެ އޭޝިޔާނާ އެއާލައިނުގައި ވެސް މި ބާވަތުގެ މަތިންދާބޯޓު ބޭނުންކުރެއެވެ. އެހެނަމަވެެސް، ކޮވިޑް-19 ގެ ސަބަބުން އެ ބޯޓުތައް ނުއުދުއްސައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.