ސައޫދީން އަސްކަރީ ސިނާއަތެއް ގާއިމުކުރުމަށް 20 ބިލިއަން ޑޮލަރު ހޭދަކުރަނީ

ބޭރު ގައުމުތަކުން ހަތިޔާރު ގަތުމަށް ކުރަން ޖެހޭ ހޭދަ ކުޑަކުރުމުގެ މަގުސަދުގައި އަމިިއްލަަ އަސްކަރީ ސިނާއަތެއް ގާއިމުކުރުމަށް ކުރިއަށް އޮތް ދިހަ އަހަރު 20 ބިލިއަން އެމެރިކާ ޑޮަލަރު ހޭދަކުރުމަށް ސައޫދީ އަރަބިއްޔާއިން ނިންމައިފިއެވެ.

އެ ގައުމުގެ އަސްކަރީ ސިނާއަތާ ބެހޭ އިދާރާގެ ވެރިޔާ ހާމަކުރެއްވި ގޮތުގައި ސައޫދީ އަރަބިއްޔާއިން ބޭނުންވަނީ 2030 ވަނަ އަހަރު އަންނައިރު، ހަތިޔާރާއި، އަސްކަރީ ސާމާނު ގަތުމަށް ހޭދަކުރާ ފައިސާގެ %50 އެ ގައުމުގެ އުފެއްދުންތައް ގަތުމަށް ހޭދަކުރުމަށެވެ.

"ކުރިއަށް އޮތް 10 އަހަރު ދުވަހު އަސްކަރީ ސިނާއަތަށް 10 ބިލިއަން ޑޮލަރު، އަދި އަސްކަރީ ދާއިރާގެ ހޯދުންތަކާއި، އިތުރު ވަސީލަތްތައް ތަރައްގީކުރުމަށް އެވަރުގެ އަދަދެއް އިންވެސްޓުކުރުމުގެ ޕްލޭނެއް ސަރުކާރުން ވަނީ އެކުލަވާލާފައި." ސައޫދީ އަރަބިއްޔާގެ ޖެނެރަލް އޮތޯރިޓީ ފޯ މިލިޓަރީ އިންޑަސްޓްރީޒް (ގަމީ) ގެ ގަވަރުނަރު އަޙްމަދު ބިން ޢަބްދުލްޢަޒީޒު އަލްޢައުހަލީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ހާމަކުރެއްވި ގޮތުގައި އަސްކަރީ ހޯދުންތަކަށާއި ވަސީލަަތްތައް ތަރައްގީކުރުމަށްް އަސްކަރީ ބަޖެޓުން މިހާރު އަހަރަކު ހޭދަކުރެވެނީ %0.2 ކަމަށް ވާއިރު، 2030 އަންނަން ވާއިރަށް އެ އަދަދު ބަޖެޓުގެ %4 އަށް މަތިކުރެވޭނެއެެވެ.

ގައުމުގެ އާބާދީއާއި ސިފައިންގެ އަދަަދަށް ބަލާއިރު ސައޫދީ އަރަބިއްޔާއަކީ ހަތިޔާރު ގަތުމަށް އެންމެ ބޮޑު ހޭދަކުރާ ގައުމެވެ. އެ ގައުމުގެ އެންމެ ފަހުގެ ބަޖެޓުގައިވެސް އަސްކަރީ ހޭދަތަކަށް 70 ބިލިއަން އެެމެރިކާ ޑޮލަރާ ގާތްކުރާ އަދަދެއް ކަނޑައަޅާފައި ވެއެވެ.

2019 ވަނަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެއަހަރު ސައުދީ އަރަބިއްޔާ ވެފައިވަނީ ދުނިޔޭގައި 5 ވަނައަށް އަސްކަރީ ކަންކަމަށް އެންމެ ބޮޑު ހޭދައެއް ކުރި ގައުމު ކަމުގައެވެ. އެ ގައުމަށްވުރެ ކުރީގައި އޮތީ އެމެރިކާ، ޗައިނާ، އިންޑިޔާ އަދި ރަޝިޔާއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.